ސަން ސިޔާމް ރިސޯޓްސްއަށް 36 އަހަރު: ލޭ ހަދިޔާކުރުގެ ކާމިޔާބު ހަރަކާތެއް އިރުވެލީގައި ބާއްވައިފި

ސަން ސިޔާމް ރިސޯޓްސްގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ގްރޫޕުން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޚާއްސަ ހަރަކާތުގެ ތެރެއިން، ސަން ސިޔާމް އިރުވެލީގައި މިއަދު މި ހަރަކާތް ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މިއަދު ހެނދުނު އިރުވެލީގައި ބޭއްވި މި ހަރަކާތް ފައްޓަވައިދެއްވީ ރިސޯޓު މެނޭޖުމަންޓުގެ އިސްވެރިންނެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ އަށްވަނަ ދުވަހަކީ ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހުގެ އިތުރުން ދުނިޔޭގެ ތެލެސީމިއާ ދުވަސް ކަމަށްވާތީ، އެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ސަން ސިޔާމްގެ ރިސޯޓުތަކުގައި މިފަދަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. މި ހަރަކާތާ ގުޅޭގޮތުން ރިސޯޓު މެނޭޖަރު މުޙައްމަދު ނަޖާހު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް މި ހަރަކާތް އިތުރަށް ފުޅާވެގެންދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މިއަހަރު އިރުވެލީގެ މުވައްޒަފުން ދެއްކި އެއްބައިވަންތަކަމާއި އޯގާތެރިކަމަކީ ޓީމުގެ ހޭލުންތެރިކަން ހުރި މިންވަރު ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 21 މެއި 2026: ސަން ސިޔާމް އިރުވެލީގައި އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން ރިސޯޓު މެނޭޖަރު މުޙައްމަދު ނަޖާހު -- ސަން ފޮޓޯ މީގެ އިތުރުން، ކުންފުނީގެ ހެޑް އޮފީހުން މިކަމަށް ދޭ ސަމާލުކަމުން، މިއީ ކުންފުނީގެ އަސާސްތަކާ ގުޅިފައިވާ މުހިންމު ކަމެއްކަން އެނގިގެންދާ ކަމަށްވެސް ނަޖާހު ވިދާޅުވިއެވެ. " އަޅުގަނޑުމެން އެންމެ ފަހުރުވެރިވާ އެއް ކަމަކީ، އަހަރަކަށްވުރެ އަހަރެއް މި ހަރަކާތް ކުރިއަށްވުރެ ވަރުގަދަވެ ފުޅާވަމުންދާތީ. މިއަހަރުގެ މި ހަރަކާތުގައި ސަން ސިޔާމް އިރުވެލިން ބައިވެރިވެފައިވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ އަޅުގަނޑުމެންގެ ޓީމުގެ މެދުގައި އޮތް ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި އެއްބައިވަންތަކަމުގެ ހެއްކެއް،" ނަޖާހު ވިދާޅުވިއެވެ. ހަރަކާތާ ގުޅުވައި ރިސޯޓުގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް ޝިމްހާދު އަލީ ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަހަރީ ދުވަހާއި ތެލެސީމިއާ ދުވަހާ ގުޅުވައިގެން މި ކޭމްޕް ބާއްވަމުން އަންނަ ކަމަށެވެ. އަދި މިއަހަރުގެ ކޭމްޕުގައި ލޭ ހަދިޔާކުރުމަށް 82 މުވައްޒަފުން ރަޖިސްޓްރީ ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. " ކޮންމެ އަހަރަކު ވެސް ސަން ސިޔާމްގެ ހުރިހާ ރިސޯޓެއްގައި މިފަދަ ކޭމްޕްތައް އިންތިޒާމްކޮށްދެއްވާތީ އަޅުގަނޑުމެންގެ ހެޑް އޮފީސް ޓީމަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން. އަދި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ޓީމުން ދެއްވާ ފުރިހަމަ އެއްބާރުލުމަށްޓަކައި އެ ފަރާތަށް ވެސް ޝުކުރު އަދާކުރަން،" 21 މެއި 2026: ސަން ސިޔާމް އިރުވެލީގައި އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް ޝިމްހާދު އަލީ -- ސަން ފޮޓޯ މީގެ އިތުރުން އެމްބީއެސްގެ މެޑިކަލް އޮފިސަރު ޑރ. ޔަސްރާ އިސްމާއީލް ވަނީ މި ހަރަކާތް އިންތިޒާމު ކުރި ކަމަށްޓަކައި ސަން ސިޔާމް ރިސޯޓްސްގެ މެނޭޖުމަންޓަށާއި ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދަށް ޝުކުރު އަދާކުރައްވާފައެވެ. ޑރ. ޔަސްރާ ވިދާޅުވީ ރާއްޖޭގައި 650 އަށްވުރެ ގިނަ ތެލެސީމިއާ ކުދިން ތިބި އިރު، ކޮންމެ ކުއްޖަކަށް މަހަކު މަދުވެގެން ހަތަރު ޑޯނަރުން ބޭނުންވާ ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކުދިންނަށް ބޮޑު ލުޔެއް ލިބިގެންދާ ކަމަށެވެ. 21 މެއި 2026: ސަން ސިޔާމް އިރުވެލީގައި އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ ސަން ސިޔާމް ރިސޯޓްސްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދަކީ ވިޔަފާރީގެ ކާމިޔާބީއާ އެކު މުޖުތަމައަށް ފައިދާހުރި، އިންސާނީ އެހީތެރިކަމުގެ މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް އަބަދުވެސް ބާރުއަޅުއްވާ ބޭފުޅެކެވެ. އުމުރުން ދުވަސްވީ މީހުންނާއި އެހީތެރިކަން ބޭނުންވާ މީހުންގެ ދުޅަހެޔޮކަމަށް އެހީވުމުގައާއި، ކުޑަކުދިންނަށް އެކި ދާއިރާތަކުން މަންފާ ކުރަނިވި ކަންކަން ކޮށްދެއްވުމުގައި ސިޔާމްއަކީ ނަމޫނާ ބޭފުޅެކެވެ. ސަން ސިޔާމް ރިސޯޓްސްގެ ދަށުން މިހާރު ވެސް ރާއްޖޭގައި މަތީ ފެންވަރުގެ ފަސް ރިސޯޓު އަންނަނީ ހިންގަމުންނެވެ. ސަން ސިޔާމް އިރުވެލި ރިސޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޖެނެރަލް މެނޭޖަރު މަސްދޫގް ސައީދު ވިދާޅުވީ، އިރުވެލީގެ ޚާއްސަ ސިފައަކީ އެ ރިސޯޓުން ލިބިދޭ މެހެމާންދާރީ އާއި މުވައްޒަފުން ބަހައްޓާ ގާތްކަން ކަމަށެވެ. އަދި ލަގްޒަރީއަކީ ހަމައެކަނި ފެންނަ ފެނުމެއް ނޫން ކަމަށާއި، އެއީ އިހުސާސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ