ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސްދެއްވާފައިވާ ކަމަށާއި ސިޔާސީ މަސައްކަތެއް ކުރަން އެއްވެސް މީހަކު ބިރުގަންނަން ނުޖެހޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް"ގެ ނަމުގައި ޕީއެސްއެމް އިން މިރޭ ދެއްކި ޕްރޮގްރާމެއްގައި ރައީސް ވިދާޅުވީ ސިޔާސީ މީހުންނަށް މިހާރު "ތުރެޓެއް ނޯންނާނެ" ކަމަށާއި އެއީ ކުރީގައި އޮތް ކަމެއް ކަމަށެވެ. ރާއްޖޭގައި މީގެ ކުރިން މުޅިން ވެސް އޮތީ ސިޔާސީ ގޮތުން ބަދަލުހިފުމާއި ސިޔާސީ މީހުން ޖަލަށް ލުން ކަމަށާއި ވައުދުވެވަޑައިގެންނެވީ އެކަން ނިންމަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތައް ހަމަ ފުލީ އޮޕަރޭޓް އެބަ ކުރޭ މިނިވަންކަމާ އެކީގައި. އެހެންވީމާ ސިޔާސީ ހަމަޖެހުން އަަޅުގަނޑު ގެނެސްދީފިން ގައުމަށް. އެއްވެސް މީހަކު ބިރުގަންނާކަށް ނުޖެހޭނެ ސިޔާސީ މަގާމެއްގައި ހުރެ، ނޫނީ ސިޔާސީ މީހަކަށް ވެގެން އޭނާއަށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަކަށް. މިހާރު އެ ތުރެެޓެއް ނޯންނާނެ މި ގައުމަކު. އެއީ ކުރީގައި އޮތް ކަމެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުގައި ރައީސުން ޖަލަށް ލުން އޮތީ "ހޮބީއެއްގެ ގޮތުގައި" ކަަމަށް ސިފަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެއީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
"އެހެންވީމާ އެއީ އެއްކަމެއް އަޅުގަނޑު ހާސިލުކުރި، އަދި ކުރިއަށް އޮތް ތާނގައި ވެސް އެންޝުއާ [ޔަގީން] ކުރާނަން އެކަން އެގޮތުގައި. އެމީހަކު ސިޔާސީ ގޮތުން ކުރިއަށް ދިއުމުގައި ނޯންނާނެ އެއްވެސް ހުރަހެއް މިގައުމުގައެއް،" ރައީސް ވިދާޅުވި އެވެ.
ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެޅުއްވި ފިޔަވަޅުތަކަށް ނުސީދާ ގޮތެއްގައި އަލިއަޅުއްވާލައްވަމުން ވިދާޅުވީ "އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީގައި އޮންނަ ކަންތައްތަކަކަކީ ސިޔާސީ މީހަކަށް ވިޔަސް ނުވިޔަސް އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކުގައި އޮންނަ ކަމެއް" ކަމަށެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މައްޗަށް ލާޒިމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ޑިމޮކްރަސީއެއްގައި ވެސް އެކަން އޮންނާނެ ގޮތް އެއީ، ދެން ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި އަމިއްލައަށް ޕްރޮކްލެއިމްކުރާ ފަރާތްތަކުން މިއަދު އަޅުގަނޑު ހިތަށް އަރާ އަމިއްލަ ނަފުސާ ސުވާލުކޮށްލަން ވާނޭ ތިމަންނަ މެންނަށް މި ދެއްކެނީ އަމަލާ ބަހާ ދިމާވާ ވާހަކައެއް ބާވައޭ،" ރައީސް ވިދާޅުވި އެވެ.
އެގޮތަށް ދެކެވަޑައިގަންނަވަނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އުފެދިފައި އޮތް ސަރުކާރެއް މަސައްކަތްކުރަމުން ދަނިކޮށް، ޑިމޮކްރެޓިކް ހަމައިން ބޭރުން ބަދަލުކުރާ ވާހަކަ އެބޭފުޅުން ދައްކަވާތީ އެވެ. އެއީ އެ މަނިކުފާނު ހޯއްދަވައިދެއްވި ސިޔާސީ ހަމަޖެހުން އަމިއްލަފުޅަށް ނަގާލައްވަން ސިޔާސީ ލީޑަރުން ކުރައްވާ މަސައްކަތެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.
"ރޫލް އޮފް ލޯ އެންމެނަށް އެޕްލައިކުރަން، އަޕްހޯލްޑްކުރަން އަޅުގަނޑަށް އޮންނަ ޒިންމާގެ ތެރެއިން އަޅުގަނޑު މަސައްކަތްކުރަމުން ދާއިރު ގައި އެ ފަރާތްތަކުގެ ވެސް ޒިންމާއެއް އެބަ އޮވޭ ގައުމުގައި ހަމަޖެހުން ގާއިމްކުރުމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް މިމޭރުމުން ވާހަކަ ދެއްކެވި އިރު މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް މިފަހުން ވިދާޅުވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ރައީސްގެ ވާހަަކަފުޅުގައި އެއްވެސް ބޭފުޅެއްގެ ނަމެއް ނުގެންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން މި އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ނަޝީދު އިންޒާރެއް ދެއްވީ މިދިޔަ ހޯމަދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގަ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ މާލޭގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ ސޯބެ ހޮވަން މަސައްކަތް ކުރައްވަނީ ވެރިކަން ބަދަލުކުރަން ކަމަށެވެ.
އައްޑޫގެ މޭޔަރުކަން ވެސް ދިގު މުއްދަތަކަށް ކުރައްވާފައިވާ ސޯބެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާތަކުގައި އަދާކުރެއްވި ދައުރުގެ ހަނދާން ނަޝީދު އާކުރެއްވި އެވެ.
The most trusted news source in the Maldives
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާއިރު އެ އަޣުލަބިއްޔަތުގެ ތެރޭގައި ސޯބެ ހިމެނެން ޖެހޭ ކަމަށެެވެ.
"މި އަހަރު ނިމުމުގެ ކުރީގައި މި ވެރިކަން ބަދަލުކުރާން ވެއްޖޭ. ހާސްވެނުލައްވާ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، ތަނަވަސް އަޣުލަބިއްޔަތު، އިތުބާރު ނެތް ކަމަށް [ވޯޓު] ނެގޭ މިންވަރަށް. ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު ތިންބައިކުޅަ ދެބައި މެމްބަރުންގެ އަދަދަކީ 62 އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު ސުޕަމެޖޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ކަމަށް ވާއިރު އެ ޕާޓީގެ މެމްބަރުންގެ އަދަދު 73 އަށް އަރަ އެވެ. އެއީ މިހާރު ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ނުހިމަނަ އެވެ.
ވެރިކަން ބަދަލު ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ ތައްޔާރަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ގިނަ މެންބަރުން ޕާަޓީ ބަދަލުކުރައްވާނެ ކަމަށް ވެސް ނަޝީދު ރޭ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުކުރުމުގެ ކަންތަކާ އުޅުއްވަނީ ސަމާސާކޮށެެއް ނޫނެވެ.
ސިޔާސީ ހަމަޖެހުން ގެނެސްފިން، ސިޔާސީ ބޭފުޅުންނަށް ތުރެޓެއް ނޯންނާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ