ވޯލްޑް ކަޕްގައި ކުޅެން 40 އަހަރުގެ ނޯޔާ ރިޓަޔަމަންޓް އުވާލައިފި

މިއުނިކް (މެއި 21) - އަންނަ މަހު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ޖަރުމަނުގެ ގައުމީ ސްކޮޑުން ލިބުނު ފުރުސަތުގެ ބޭނުންހިފުމަށްޓަކައި، ބަޔާން މިއުނިކްގެ 40 އަހަރުގެ ގޯލްކީޕަރު، މެނުއަލް ނޯޔާ، ރިޓަޔާމަންޓް އުވާލައިފި އެެވެ. 
ޖަރުމަނު ގައުމީ ޓީމާ އެކު، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ނޯޔާ ވަނީ މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗަށް ފަހު، އެ މުބާރާތް ނިމުމުން ޖަރުމަނު ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ.
ޖަރުމަނު ގައުމީ ޓީމަށް 124 މެޗު ކުޅެދީފައިވާ ނޯޔާ އަށް މީގެ ކުރިން ގައުމީ ޓީމަށް އެނބުރި އަންނަން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުންނުހިފައި ދޫކޮށްލިއިރު، މި ފަހަރު ޓީމަށް އަންނަން ކޯޗު، ހޫލިއަން ނާގަލްސްމަން ދިން ފުރުސަތުގެ ބޭނުން މި ވަނީ ހިފައިފަ އެވެ. 
"އެންމެނަށް ވެސް އެނގޭ މަނޫ (ނޯޔާ)ގެ ކޮލިޓީ އާއި ހަމަޖެހޭކަން.  އަދި، އޭނާގެ ފަރާތުން ކޮންކަމެއްކަން ޓީމަށް މި ލިބެނީ، އަހަރެމެން މި ރާވަނީ، އޭނަ (ނޯޔާ) އެއް ވަނަ ކީޕަރަށް ހެދުމަށް،" ނާގަލްސްމަން ބުންޏެވެ. 
ބަޔާން މިއުނިކްގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ، އެމެރިކާ އާއި ސައުދީގެ ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް ވަނީ އާ ކޮށްފައި. ބަޔާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނޯޔާގެ އިތުރުން، އެ ޓީމުގެ ދެވަނަ ކީޕަރު ސްވެން އުލްރައިޝް ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފައި
މިދިޔަ އަހަރުތަކުގައި ސީރިއަސް އަނިޔާތަކުން ރިކަވާވެ، ރަނގަޅު ފޯމެއްގައި މި ސީޒަނުގައި ވެސް ކުޅުނު ނޯޔާ، ދާދި ފަހުން ވަނީ ބަޔާން މިއުނިކާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ. ނޯޔާ ވަނީ މީގެ ކުރިން ޖަރުމަނު ގައުމީ ޓީމާ އެކު ހަތަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެއީ، 2010 ވަަނަ އަހަރު ދެކުނު އެފްރިކާގައި އޮތް މުބާރާތާއި، 2014 ގައި ބްރެޒިލްގައި އޮތް މުބާރާތާއި 2018 ވަނަ އަަހަރު ރަޝިއާގައި ބޭއްވި މުބާރާތުގެ އިތުރުން، އެންމެ ފަހުން، ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގަ އެވެ. 
އުމުރުން 40 އަހަރާއި އެ އަށް ވުރެން މަތި ގިނަ ކުޅުންތެރިންތަކެއް މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުތަކުން ވަނީ ޖާގަ ހޯދައިފަ އެވެ. އެއީ، ޕޯޗުގަލްގެ 41 އަހަރުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ކްރޮއޭޝިއާގެ 40 އަހަރުގެ ތަރި ލޫކަ މޮޑްރިޗް، ސްކޮޓްލެންޑްގެ ގޯލްކީޕަރު، 43 އަހަރުގެ ކްރެއިގް ގޯޑަން ބޮސްނިއާގެ ކެޕްޓަން، 40 އަހަރުގެ އެޑިން ޖެކޯ އެވެ. 
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މީގެ 12 އަހަރު ކުރިން، ޖަރުމަނުން ހޯދި ފަހުން ދެން ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ނާގަލްސްމަން ބުނީ، މި ފަަހަރު ސްކޮޑު ނެގީ ވޯލްޑް ކަޕް ތަށި ހޯދުމުގެ އަމާޒުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ