އެންމެ ބޮޑު މަސްއޫލިއްޔަތަކީ ހުދުމުހުތާރު ވެރިންނަށް ވެރިކަމާ ހަމައަށް ނާދެވޭނެ ގޮތް ހެދުން: ފައްޔާޒު

މިވަގުތު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުަތައް ގަބޫލުނުކުރާ ހުދުމުހުތާރު ވެރިންނަށް ރާއްޖޭގެ ވެރިކަމަށް ނާެދެވޭނެ ގޮތް ހެދުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މުއިއްޒުގެ ސަރުކާރުން ހައްގަކުން ހައްގަކުން ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ. 
"އެކި ސަބަބުތަކަށްޓަކައި ހުދުމުހުތާރު ވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ވެރިކަމާ ހަމައަށް އެބަ އާދެވޭ. މިކަން ބަދަލުކުރަން އެއީ އަޅުގަނޑުމެންނަށް މިހާރު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ. އަޅުގަނޑުމެން ދެކުނު އުންމީދު ނިގުޅައިނުގަނެވޭނެ ގޮތަކަށް ދަރިންނާ ހަމައަށް މި ރާއްޖެ ސަލާމަތުން ގެންދިޔުމަކީ އަޅުގަނޑުމެން އެންމެންގެ ކޮޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް،" ފައްޔާޒު ވިދާޅުވި އެވެ. 
އެ މަސައްކަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި މީގެ އެތައް އަހަރެއް ކުރިން އިސްލާހީ މަސައްކަތް ފެށިއިރު ނެރެވުނު ހިތްވަރެއް މިއަދު ނެތުމަކީ ހަގީގަތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭރުގެ އަނިޔާވެރިކަމާއި އޮތް ހާލަތު ހަނދާން ނެތިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
"އޭރު އޮތް ހާލަތު އައިސް ޖެހޭތަން އަޅުގަނޑުމެންނަށް އެބަފެނޭ. މިއަދުގެ ޒުވާނުންނަށް އެ ދުވަހު ރާއްޖެ އޮތް ހާލަތެއް އިހުސާސެއް ނުކުރެވޭ. އަދި އެ ބޭފުޅުންނާ ހަމައަށް އެ ދުވަހުގެ ހާލަތު ބުނެދިނުމުގައި އަޅުގަނޑުމެން މި ތިބީ ފެއިލްވެފައި، އެމްޑީޕީއަށް ވެސް ޒުވާނުންނަށް އެ ދުވަހުގެ ހާލަތު ކިޔައެއް ނުދެވޭ،" ފައްޔާޒު ވިދާޅުވި އެވެ. 
މި ސަރުކާރު ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ހުދުމުހުތާރު ފިކުރު ބަދަލުކުރަުމީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 
"އެމްޑީޕީއަށް ވެރިކަން ދޭށޭ ބުނެގެން އެކަމެއް ވާކަށް ނެތް. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދޭން އެބަ ޖެހޭ އަޅުގަނޑުމެންގެ ވިސްނުމުގައި އެ ފިކުރު އެބައޮތްކަން، މައްސަލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގޭކަން،" ފައްޔާޒު ވިދާޅުވި އެވެ. 
މިވަގުތު ޖަލުގައި ބަންދުކޮށްފައި ތިބި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ފައްޔާޒު މިރޭ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ