ސިޔާސީ ހަމަޖެހުން ގައުމަށް ގެނެސްދީފިން، މިހާރު ބިރުގަންނާކަށް ނުޖެހޭނެ: ރައީސް

ރާއްޖޭގައި މީގެ ކުރިން މުޅިން ވެސް އޮތީ ސިޔާސީ ގޮތުން ބަދަލުހިފުން ކަމަށާއި އެކަމަކު މި ސަރުކާރުގެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެކަން ބަދަލުކޮށް، ގައުމަށް ސިޔާސީ ގޮތުން ހަމަޖެހުން ގެނެސްދީފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން އަބަދުވެސް އުޅެނީ ސިޔާސީ މީހުން ޖަލަށްލައި، ވަރަށް 'ވިޝަސް ސައިކަލް'އެއްގެ ތެރޭގައި ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ނިންމާލާފައިވާ ކަމަށާއި އެއީ ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ވެރިއަކު، ހާއްސަކޮށް ކުރިން ރައީސްކަން ކޮށްފައިވާ މީހަކު [ޖަލަކަށް ނުލަން]. ކޮންމެވެސް ގޮތެއް ހަދައިގެން [ރައީސުން ޖަލަށްލުން] އެއީ ކުރީގެ ސަރުކާރުތަކުން ހޮބީއެއްގެ ގޮތުގައި ކޮށްއުޅުނު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން."
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން އައިސްފައި އޮތުމުން، ސިޔާސީ މީހުން މިހާރު އެއްގޮތަކަށް ވެސް ބިރު ގަންނަން ނުޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ވެގެން އޭނާއަށް ކަމެއް ނުކުރެވި ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވެފައި، ދީނާއި ގާނޫނު އަސާސީގައި އޮންނަ ކަންކަމަކީ ސިޔާސީ މީހަކަށް ވިޔަސް، ނުވިޔަސް އެންމެންގެ މައްޗަށް ހަމަހަމަކަމެއް ކަމަށާއި ގާނޫނު ތަންފީޒުކުރުމަކީ ވެރިމީހާގެ މައްޗަށް ލާޒިމްކަމެއް ކަމަށް ވިދާޅުވި އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ކުރީގެ ތިން ރައީސުން ކަމަށްވާ، އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.
މިރޭ ރައީސް ވަނީ އެކަމަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި 'ޑިމޮކްރަސީގެ ޗެމްޕިއަނުން' ކަމަށް އަމިއްލައަށް ދެކޭ މީހުންގެ ވާހަކަތައް، އަމަލާއި ބަހާ ދިމާވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެ އެވެ.
"އެހެން މި ބުނަނީ ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ސަރުކާރެއް އުފެދިގެން އައިސް، އެއާ އެއްގޮތަށް މަސައްކަތް ކުރަމުންދާއިރު ޑިމޮކްރެޓިކް ހަމައިން ބޭރުން ސަރުކާރުން ބަދަލުކުރަމުން މަސައްކަތް ކުރުމާއި ގައުމުގައި އޮތް ހަމަޖެހުން ނަގާލުމާއި ޕޮލިޓިކަލް ފްރީޑަމް، އަމިއްލައަށް ނަގާލަން މަސައްކަތްކުރުމުގެ މާނައެއް އެބައޮތްބާއޭ،" ރައީސް އެއްސެވި އެވެ.
"ރޫލް އޮފް ލޯ ދެމެހެއްޓުމަށް އަޅުގަނޑު މަސައްކަތް ކުރާއިރު އެ ފަރާތްތަކުގެ ޒިންމާއެއް އެބައޮތް ގައުމުގެ ހަމަޖެހުން ގާއިމުކުރަން،"
ރައީސް ވިދާޅުވި ގޮތުގައި:
ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ބޭނުން ކުރުމުގެ ފުރުސަތު އެބައޮތް
 އެކަމަކު އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ދީނާއި ގާނޫނު އަސާސީގައި މަނާ ކަންކަން ކަމަށާއި ސިޔާސީ މަސައްކަތް ކުރަން ޖެހޭނީ އެ މިންގަނޑުގެ ތެރޭގައި ކަމަށް ވިދާޅުވި
އަދި އެއިން ބޭރުން، ސަރުކާރާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެދޭ ގޮތަށް، ހަލަބޮލި ކުރުވާ، ނިޒާމު ފުނޑާލަން މަސައްކަތް ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް
"އަޅުގަނޑު އެއްވެސް ގޮތަކަށް އަޅާލާނެ ކަމެއް ނޫން އަދި ކަންބޮޑެއް ވެސް ނުވޭ ސިޔާސީ ވެރިން ދައްކާނެ ވާހަކައަކާ ދޭތެރޭގައި. އެކަމަކު އަޅުގަނޑުގެ ޒިންމާ އަދާކުރާނަން ވަކި މީހަކަށް ތަފާތުކުރުމެއް ނެތި. ގާނޫނު އަސާސީ އަޕް ހޯލްޑް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަންކަމުގެ ހަގީގަތް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ