ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވައްދާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް 23 މެންބަރަކާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގައި ވަރަށް ނުފޫޒުގަދަކޮށް އުޅުއްވި ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް ޓަކައި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ވަނީ ނިމުނު ހަފުތާގެ ތެރޭގައި މަޖިލީހަށް ވައްދާފަ އެވެ.
މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވާހަކަ ދެއްކެވި އެވެ. މުއިއްޒުއަކީ ސިޔާސީ ގޮތުން ގާތް ބޭފުޅުންނަށް ވެސް ބޭވަފާތެރިވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައިގައި ބަހުސް ކުރާނެ ވަގުތު ކަނޑައެޅުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ ބަހުސްއަށް ގަޑިއިރެއް ކަނޑައެޅުމަށެވެ. އެއީ ނާޒިމަށް ޖަވާބުދާރީވެވަޑައިގަންނަވަން 10 މިނެޓު އަދި މެންބަރުން ބަހުސްކުރަން 50 މިނިޓެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު މެންބަރުންނާ ވާހަކަފުޅު ދެއްކެވުމަށް ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައްވާފަ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފުލުހުން ވަނީ އޭނާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވެސް ނާޒިމް ވަނީ ބޭރުކޮށްފަ އެވެ. އެއީ ގައުމީ ސަލާމަތާ ގުޅޭ ކަންކަން ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެވެ.
ނާޒިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކޮބައިކަމެއް އަދި މި ނޫހަކަށް ނޭނގެ އެވެ. އެކަމަކު، މަސްދަރުތަކުން ބުނީ ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ވަރަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ.
ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ.
ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
ނާޒިމް ވަކިކުރަނީ 23 މެންބަރުންނާއެކު ޕާޓީ ބަދަލުކޮށް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭތީ ކަމަށް ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ