ގިނަ ބަޔަކު ދުވަހުގެ ހީވާގިކަން ފަށަނީ ދަމައިލާ ކޮފީ ތަށިންނެވެ. ނަމަވެސް، މި ބުއިމުގެ ސަބަބުން ތިމާގެ ހަށިގަނޑަށް ވަނީ ކޮން ފައިދާއެއް ނުވަތަ ގެއްލުމެއްތޯ ދުވަހަކުވެސް ފުންކޮށް ވިސްނާލިން ހެއްޔެވެ؟ ކޮފީ ބުއިމަކީ ސިއްހަތަށް ފައިދާހުރި ކަމެއްތޯ ކުރެވޭ ސުވާލަށް ސިއްހީ މާހިރުން ދެއްވާ ޖަވާބަކީ އާނއެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބޯ މީހުން، ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު އެކި ސަބަބުތަކާ ހުރެ މަރުވުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް ކޮފީން ލިބޭ ފައިދާ ބިނާވެފައިވަނީ ބޯ މިންވަރާއި، އުމުރާއި، ޖިންސާއި، ބޭނުންކުރާ ބޭސްތަކުގެ އިތުރުން އިންސާނާގެ ޖީންސް ހުންނަ ގޮތުގެ މައްޗަށެވެ.
ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުންނާއި އޭގައި ހިމެނޭ އެހެނިހެން މާއްދާތަކުގެ ސަބަބުން ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ. އެގޮތުން ޕާކިންސަންސް ބައްޔާއި، ހަކުރު ބަލީގެ ދެވަނަ ބާވަތާއި، އަލްޒައިމާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކޮފީ ބޯ މީހުންގެ މެދުގައި ކުޑަކަމަށް ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން މެޓަބޮލިކް ސިންޑްރޯމް، ކިޑްނީގެ ބަލިތައް، ފުރަމޭގެ ކެންސަރު އަދި ފުރަމޭގެ ބަލިތަކުން ރައްކާތެރިވުމަށް ކޮފީ އެހީތެރިވެދެއެވެ. ގޯލްސްޓޯން އުފެދުމާއި ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދިނުމަކީވެސް ކޮފީގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރު، ކެފެއިން ހިމެނޭ ކޮފީ ބުއިމަކީ މީހާގެ މޫޑު ރަނގަޅުކޮށްދީ، މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. ދުވާލަކު ތިނެއް ނުވަތަ ހަތަރު ތަށި ކޮފީ ބޯނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވާކަން ބައެއް ދިރާސާތަކުން ފާހަގަކުރެވިފައިވެއެވެ. އަދި އަނގަޔާއި، ކަރުތެރެ އަދި ހަޖަމުކުރާ ނިޒާމުގެ ކެންސަރުން ރައްކާތެރިވުމަށް ކޮފީ އެހީތެރިވެދޭ ކަމަށް ބެލެވުނު ނަމަވެސް، މިކަމާ ގުޅޭގޮތުން އަދި މުޅިން ސާފު ހެކިތަކެއް ލިބިފައެއް ނުވެއެވެ.
ކޮފީގެ ފައިދާތަކާއެކު ބައެއް ކަހަލަ ނުރައްކާތައްވެސް ހުރެއެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ކެފެއިންއާ ގުޅިފައިވާ ކަންކަމެވެ. މާ ގިނައިން ކެފެއިން ހަށިގަނޑަށް އެތެރެވުމުން ހާސްވުމާއި، ބޮލުގައި ރިއްސުމާއި، ހިތުގެ ތެޅުން އަވަސްވުން ފަދަ ކަންކަން ދިމާވެއެވެ. އަދި މޭ އެންދުމާއި، ކުޑަކަމުދާން ޖެހޭ މިންވަރު އިތުރުވުން ފަދަ އުނދަގޫތައްވެސް ކުރިމަތިވެދާނެއެވެ. ފިލްޓަރު ނުކޮށް ތައްޔާރުކުރާ ކޮފީ ބުއިމަކީ ކޮލެސްޓްރޯލް ކޮންމެވެސް މިންވަރަކަށް މަތިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން، ދުވާލަކު ފަސް ތަށްޓަށް ވުރެ ގިނައިން ކޮފީ ބޯ އަންހެނުންގެ ކަށި ބަލިކަށިވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ކެލްސިއަމް ގިނައިން ހިމެނޭ ކާނާ ބޭނުންކުރުމުން މި މައްސަލަ ހައްލުކުރެވިދާނެއެވެ.
މާބަނޑު މީހުންނާއި، ދަރިން ހޯދަން މަސައްކަތްކުރާ މީހުން އަދި ކުޑަކުދިންނަށް ގާތުންދޭ މީހުން ކެފެއިން ބޭނުންކުރާ މިންވަރު ދުވާލަކު 200 މިލިގްރާމަށް ވުރެ އިތުރުކޮށްގެން ނުވާނެއެވެ. މިއީ ގާތްގަނޑަކަށް ބާރަ އައުންސް ނުވަތަ 360 މިލިލީޓަރުގެ ކޮފީއެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ގިނަ މީހުންނަށް ކޮންމެ ދުވަހަކު ކޮފީ ބުއިމަކީ ސިއްހީ ގޮތުން މައްސަލައެއް ނޫނެވެ. އަދި އޭގެ ސަބަބުން ގިނަ ފައިދާތަކެއްވެސް ލިބިދެއެވެ. ނަމަވެސް ކޮފީ ބުއިމުން ނޭދެވޭ އަސަރުތަކެއް ކުރާނަމަ، ކޮފީ ބޯ މިންވަރު މަޑުމަޑުން މަދުކުރަމުން ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއީ ކޮފީ ބުއިން އެއްކޮށް ހުއްޓާލުމުން ދިމާވެދާނެ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައެވެ.
މައުލޫމާތު: މަޔޯކްލިނިކް
ކޮފީ ތަށިން ހަށިގަނޑަށް ކުރަނީ ކޮން އަސަރެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ