އިރާނުގެ ހަނގުރާމައާ ގުޅިގެން ޓައިވާނަށް ހަތިޔާރު ވިއްކުން އެމެރިކާއިން މަޑުޖައްސާލައިފި

އިރާނު ހަނގުރާމައާ ގުޅިގެން ޓައިވާނަށް ވިއްކުމަށް ހަމަޖެހިފައިވާ 14 ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ވިއްކުން މަޑުޖައްސާލައިފި އެވެ. 
އެމެރިކާގެ ސެނެޓުގައި ބޭއްވި އަޑުއެހުމެއްގައި އެމެރިކާގެ ނޭވީގެ އެކްޓިން ސެކްރެޓަރީ ހަންގް ކާއޯ ވިދާޅުވީ، މިވަގުތު މި މުއާމަލާތް މަޑުޖައްސާލާފައިވަނީ އިރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލު ގުޅިގެން ހިންގާ އަސްކަރީ އޮޕަރޭޝަން ކަމަށްވާ އެޕިކް ފިއުރީއަށް ބޭނުންވާ ވަރަށް ހަތިޔާރު ހުރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
ކާއޯ އިތުރަށް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރިކަން ޔަގީންކުރުމަށްފަހު، ސަރުކާރަށް ފެންނަ ވަގުތެއްގައި އެހެން ގައުމުތަކަށް ހަތިޔާރު ވިއްކުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް، މި ނިންމުމާ ގުޅޭގޮތުން ޓައިވާނުގެ ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓައިވާނުން ބުނީ ހަތިޔާރުގެ މުއާމަލާތަށް އެއްވެސް ބަދަލެއް އައިކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިނުވާ ކަމަށެވެ.
މި ހަތިޔާރުގެ ޕެކޭޖަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުއްދައަށް މަޑުކޮށްގެން އޮތް މުއާމަލާތެކެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ މިސައިލްތަކާއި، ބިމުން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލް ސިސްޓަމްތައް ހިމެނެއެވެ.
ޓްރަމްޕް ދާދިފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށްފަހު، މި މުއާމަލާތާ މެދު ވަކި ގޮތެއް ނުނިންމަވައި ހުންނެވިކަން ވަނީ ފާހަގަކުރެވިފައެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މިއީ ޗައިނާއާއެކު ކުރާ މަޝްވަރާތަކުގައި ބޭނުންކުރެވިދާނެ ވަރަށް ވަރުގަދަ ކާޑެއް ކަމަށެވެ.
ބެއިޖިންގައި ބޭއްވުނު ސަމިޓުގައި ރައީސް ޝީ ވަނީ ޓައިވާނުގެ މައްސަލައަކީ ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް އެންމެ މުހިންމު މައްސަލަ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ވަނީ ޓައިވާނަށް ހަތިޔާރު ވިއްކުމާ ގުޅޭގޮތުން ޝީއާ ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.
މިއީ 1982 ވަނަ އަހަރު އެމެރިކާއިން ޓައިވާނަށް ދީފައިވާ ޔަގީންކަމާ ހިލާފު ކަމެކެވެ. އެ ޔަގީންކަމުގައިވާ ގޮތުން، ޓައިވާނަށް ހަތިޔާރު ވިއްކުމުގެ ކަންކަމުގައި އެމެރިކާއިން ޗައިނާއާ މަޝްވަރާއެއް ނުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ