ބިދޭސީންގެ މައްސަލާގައި ރާއްޖެއިން ހާސިލްކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ ނަތީޖާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ތަރައްޤީއަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ އުސް އިމާރާތްތަކެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މާނަހުރި ތަރައްޤީއަކީ އަތްލެވޭ ކަންކަމާއި އަތް ނުލެވޭ ކަންކަން ހިމެނޭގޮތަށް ކުރެވޭ ކަންކަން ކަމަށެވެ.
ބިދޭސީންގެ މައްސަލައަކީ އެތައް ޒަމާނެއް ވަންދެން ހައްލުނުވެ އޮތް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެއަށްވުރެ ވެސް ބޮޑު އަދި ދުވަސްވީ މައްސަލައެއް ކަމަށެވެ. އަދި އެކަންކަމާ ގުޅިގެން ގޭންގުތައް އުފެދުމާއި، މާރާމާރީއާ އެކި ބާވަތުގެ ކުށްތައް މުޖުތަމައުގައި އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރިން މިފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށާއި، މިއީ ހަގީގަތާ އެއްގޮތަށް ދައްކާ ވާހަކައެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ނަތީޖާ ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މި މަސައްކަތްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު އައިއިރު ރާއްޖޭގައި ބިދޭސީންގެ ތެރޭގައި ޤަވާއިދާ އެއްގޮތަށް ތިބީ ކޮންބައެއްކަން އެނގޭނެ ފުރިހަމަ ޑޭޓާއެއް ނެތްކަމަށެވެ. ނަމަވެސް، މިވީ ކުރު މުއްދަތުގެ ތެރޭގައި އެކަން ވަނީ ވަރަށް ބޮޑަށް އިސްލާހުކުރެވިފައިކަމަށް ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2013 އިން 2016 އަށް އޮތް ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ކުރެވުނު މަސައްކަތެއްގެ ރެކޯޑެއް ފެންނާކަށް ނެތްކަމަށާއި ނިމިދިޔަ ސަރުކާރުގެ މުޅި ފަސް އަހަރުގެ ދައުރުގައި ބަޔޯމެޓްރިކްސް ނެގިފައިވަނީ އެންމެ 27,200 ބިދޭސީންގެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގެ މިވީ ދެ އަހަރާއި ބައިގެ ތެރޭގައި 206,400 މީހުންގެ ބަޔޯމެޓްރިކްސް މިހާރު ވަނީ ނަގާ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ހޯދާފާއިވާ ކާމިޔާބީއަކީ ކުރިއަރާފައިވާ ޤައުމުތަކުން ހޯދާފައިވާ ފަދަ ކާމިޔާބީއެއްކަމަށެވެ.
"މި ސަރުކާރުން މި ދެ އަހަރާއި ބައިގެ ތެރޭގައި އިތުރު ދެލައްކަ ހަހާސް ހަތަރުސްތޭކަ މީހުންގެ ބަޔޯމެޓްރިކްސް ނަގައިފިން. މިހާރު ބާކީ ތިބީ އެންމެ 1 އިންސައްތަ މީހުންގެ ބިދޭސީންގެ ނުނަގާ. އެނގިގައިވާ ގޮތުގައި ޔޫއޭއީއާއި ސިންގަޕޫރާއި އެކަނި ކަންނޭގެ މިވަރުގެ ސްޓެޓިސްޓިކް 99 އިންސައްތަ އެޗީވްކޮށްފައިވަނީވެސް. ވަރަށް ބޮޑު ކާމިޔާބީއެއް ވަނީ ހާސިލްކުރެވިފައޮ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރުމުގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން 2013 އިން 2016 އަށް އެއްވެސް މީހަކު ރިޕޯޓްކޮށްފައި ނުވާއިރު، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ 2,600 މީހުންނެވެ. ނަމަވެސް މި ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި 12,193 މީހުން ރިޕޯޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބިދޭސީންގެ މައްސަލާގައި ހޯދީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބީއެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ