ކެމިކަލް ޓޭންކެއް ގޮވާފާނެތީ ކެލިފޯނިއާގެ 40،000 މީހުން ބަދަލުކުރަނީ

އެމެރިކާގެ ސަދަން ކެލިފޯނިއާގެ އޮރެންޖް ކައުންޓީގައި ހުރި އެއިރޯސްޕޭސް ޕްލާސްޓިކް ފެސިލިޓީއެއްގެ ކެމިކަލް ރައްކާކުރާ ޓޭންކެއް ގޮވައިފާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، އެ ސަރަހައްދުން ގާތްގަނޑަކަށް 40،000 މީހުން ދޫކޮށް ދިއުމަށް އަންގައި، ސްކޫލްތައް ބަންދުކޮށްފިއެވެ.
މި ޓޭންކުގައި 6،000 އާއި 7،000 އާ ދެމެދުގެ ގެލަންގެ ކެމިކަލް ހުރިއިރު، މިހާތަނަށް ކުރި މަސައްކަތުން ވެސް ކެމިކަލް ލީކުވުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ނާކާމިޔާބުވެފައެވެ. މިކަމުގެ ސަބަބުން ކާރުޚާނާ ހުރި ގާޑަން ގްރޯވްގެ އިތުރުން ކައިރީގައިވާ ސައިޕްރެސް، ސްޓެންޓަން، އެނަހައިމް، ބުއޭނާ ޕާކް އަދި ވެސްޓްމިންސްޓާ ފަދަ ސިޓީތަކަށް ވެސް އިވެކުއޭޝަން އަމުރު ވަނީ ފުޅާކޮށްފައެވެ.
ކެމިކަލްތައް ފެތުރިގެން ހިނގައިދާނެތީ ސޭންޑްބޭގް ނުވަތަ ވެލި ބަސްތާ ބޭނުންކޮށްގެން ބައުންޑަރީތައް ހަދާފައިވަނީ، މޫދަށް ނުވަތަ ކައިރީގައިވާ ކޯރުތަކަށް މި ތަކެތި ދިޔަނުދިނުމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދަކީ މަޝްހޫރު ޑިޒްނީލޭންޑްގެ ދެ ތީމް ޕާކާ އެއް މޭލަށްވުރެ ކައިރީގައި އޮންނަ ސަރަހައްދެއް ނަމަވެސް، ޑިޒްނީލޭންޑް ސަރަހައްދަށް އިވެކުއޭޝަން އަމުރެއް ނެރެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ