150 ކުޅުންތެރިންނާ އެކު ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ފޯރީގައި ކުރިއަށް

ރިވައިވަލް ސްޕޯޓްސް އޭދަފުށިން ކުރިއަށްގެންދާ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2026 ގައި މި ފަހަރު 150 ކުޅުންތެރިން ވާދަކުރާއިރު، މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން ވާދަވެރި މެޗުތަކަކަށް ފަހު ނިމިއްޖެ އެވެ. 
މިއީ، ރިވައިވަލް ސްޕޯޓްސް އާއި ރިވައިވް ސްޕޯޓްސް އޭދަފުށިން ގުޅިގެން މި މުބާރާތް ބާއްވާ ތިން ވަަނަ ފަހަރެވެ. ޖުމްލަ އެކު މި މުބާރާތަށް 204 އެންޓްރީސް ފުރިހަމަކޮށްފައިވާއިރު، 22 އިވެންޓް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި އެންމެ ގިނައިން ވާދަކުރަނީ ރިވައިވަލް ސްޕޯޓްސް އޭދަފުށްޓާއި ރިވައިވަލް ސްޕޯޓްސް އެކަޑަމީގެ ކުޅުންތެރިންނެވެ. އެ ގޮތުން، ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ 104 ކުޅުންތެރިން ފެނިގެންދާއިރު، ރިވައިވަލް ސްޕޯޓްސް އެކަޑަމީގެ 21 ކުޅުންތެރިން ވާދަކުރެ އެވެ. 
މީގެ އިތުރުން ވެސް ބެޑްމިންޓަންގައި މަސައްކަތް ކުރަމުން އަންނަ އެހެން އެކެޑަމީތަކުގެ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން މުބާރާތުގައި ފެނިގެންދާނެ އެވެ. 
އިއްޔެ އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އެކި އުމުރުފުރާތަކުން އިވެންޓްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ގޮތުން، އަންހެން އަދި ފިރިހެން ސިންގަލްސް ކެޓަގަރީ އޮންނާނީ، 9، 11، 13، 15، 17 އަދި 19 އަަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. އަދި، ޑަބަލްސް އިވެންޓްސްތައް އޮންނާނީ، 11، 13، 15، 17 އަދި 19 އަަހަރުން ދަށުގެ އުމުރުފުރާ ތަކަށެވެ. 
މީގެ ކުރިން ދެ ފަހަރު ބޭއްވި، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން އަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، އެ މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި ކުޅުންތެރިން ވަނީ، ދާދި ފަހުން ނިމިގެންދިޔަ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް ރަނގަޅު ވަަނަތަކެއް ހޯދައިފަ އެވެ. 
ބ. އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ދުވަހުގައި ކުޅެފައިވަނީ ފުރަތަމަ ބުރާއި ދެ ވަނަ ބުރުގެ މެޗުތަކެވެ. އަދި، މުބާރާތުގައި މިއަދު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ، ގަދަ 16 ބުރާއި ކުއާޓާ ފައިނަލް މެޗުތަކެވެ. 
މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ، ސްޕޯޓްސް މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެހީތެރިކަމާ އެކުގަ އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ