ޔުރޭނިއަމް ހަވާލުކުރަން އެދުމުން ސުލްހައިގެ އެއްބަސްވުން ނާކާމިޔާބުވެދާނެ: އީރާން

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އީރާނުގެ އަތުގައި ހުރި ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރުމަށް ވޮޝިންގްޓަނުން ހުށަހެޅި ޝަރުޠުގެ ސަބަބުން ސުލްހައިގެ އެއްބަސްވުން އެއްކޮށް ހަލާކުވެދާނެ ކަމުގެ އިންޒާރު ތެހެރާނުން ދީފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ފޯނުން ގުޅުއްވައި ވިދާޅުވީ، ސުލްހައިގެ ވާހަކަތަކަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާގެ ބޮޑާ އަދި ހައްދުފަހަނަޅާފައިވާ ހުށަހެޅުންތައް ކަމަށެވެ. މީގެ އިތުރުން އެމެރިކާއިއިން ވައުދުތަކާ ޚިލާފުވެ، ދެފުށްކެހެރި ސިޔާސަތެއް ގެންގުޅޭއިރުވެސް އީރާނުން ދަނީ ޕާކިސްތާނުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ކުރިއަށްގެންދާ ވާހަކަތަކުގައި ސީރިއަސްކަމާއެކު ބައިވެރިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ އޮފިޝަލަކު މީޑިއާއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާއި، އީރާނަށް ބަންދުކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް ހުޅުވާލުމާއި، ހޯރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަކީ ތެހެރާނުގެ އެންމެ ބޮޑު އިސްކަމެއް ކަމަށެވެ. އަދި އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމާއި ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ ދޫދެވޭނެ ކަންކަން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު ތެހެރާނަށް ވަޑައިގެން އުޅުއްވާއިރު، ގަތަރާއި ސައުދީ އަރަބިއްޔާ އަދި އުރުދުންއިންވެސް ދަނީ މި ސަރަހައްދީ ސުލްހައިގެ މަސައްކަތަށް އެއްބާރުލުން ދެމުންނެވެ.
ހަނގުރާމައިގެ މައިދާނަށް ބަލާއިރު، އީރާނުން ދަނީ އެމެރިކާގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. ބްލޫމްބާގް ރިޕޯޓްތައް ބުނާގޮތުން، ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ އެމެރިކާގެ ރީޕާ ޑްރޯން ފްލީޓްގެ %20 ހަލާކުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ