ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޖޫންމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުންދާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސެގްމެންޓް 2، 3 އަދި 4 ގެ މަސައްކަތްތަކެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 5ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތްތަކެއް ނިންމާ، ސެގްމެންޓު 2، 3 އަދި 4 ހިމެނޭ ސަރަޙައްދުގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރުދަނީ ކުރަމުންނެވެ.
މިމަސައްކަތުގެ ދަށުން މިހާތަނަށް 400 މީޓަރުގެ ސަރަޙައްދެއްގެ ޝީޓްޕައިލްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިދިޔަ ހަފުތާގެތެރޭގައި އެއްގަމުތޮށީގެ ކެޕް އެޅުވުމުގެ މަސައްކަތާއި، 4 ވަނަ ސެގްމަންޓުގެ ދުވާރުގެ މަސައްކަތްވަނީ ފަށާފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ބާރުމިނަށްބަލައި މިހާރު އަމާޒުހިފާފައިވަނީ ޖޫންގެ ނިޔަލަށް މުޅި މަގުގެ މަސައްކަތްތައް ނިންމާ އާންމުންނަށް ހުޅުވާލުމަށްކަމަށެވެ.
"ސެގްމެންޓު 2،3އަދި 4ގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސެގެމެންޓް 5ގެ ތާރު އެޅުމުގެ މަސައްކަތް ފިޔަވައި ހުރިހާ މަސައްކަތެއް މިވަނީ ނިންމާލެވިފަ. ބާކީ މި އިން 3 ސެގްމެންޓުގެ މަސައްކަތްތަކުގެ ތެރޭގައި އެންމެ އިސްކަންދީގެން ކުރިއަށްމިގެންދަނީ ބިން ހިއްކުމުގެ މަސައްކަތްތަކާއި ޝީޓްޕައިލް ޖެހުމުގެ މަސައްކަތް. ބާރު ސްޕީޑުގަ މި ދެ މަސައްކަތް ކުރިއަށްއެބަދޭ. އަޅުގަނޑުމެން މިމަސައްކަތްކުރަނީ ޝެޑިއުލް ކުރެވިފަވާގޮތަށް ޖޫންގެ ނިޔަލަށް މަސައްކަތް ނިންމުމަށް." ޝަރްވަސް ވިދާޅުވިއެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓެވެ. އެއީ ޖުމްލަ 838 މީޓަރެވެ.
އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ޖޫންގެ ނިޔަލަށް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ