ދިވެހި ބަހަށް ވެސް މޮޅުވެވޭނެކަން އިންޑިއާގެ މި ދަރިވަރު ސާބިތުކޮށްދީފި

އަހުމަދު ސިއްދީގު މިންޝާވީގެ ފުރަތަމަ ބަހަކީ، އޭނާގެ ގައުމު، އިންޑިއާގެ މަލަޔާޅަމް އެވެ. ގޭތެރެއިން ވެސް އިވެނީ އެ ބަހެވެ. ސްކޫލާއި އެކުވެރިންގެ ތެރޭގައި ގިނައިން މުއާމަލާތުކޮށް އުޅެނީ އިނގިރޭސިންނެވެ. ދިވެއްސަކީ އިހަކަށް ދުވަހު އޭނާ ސީރިއަސްކޮށް ދަސްކުރަން ފެށި ބަހެކެވެ.
އެކަމަކު އިންޑިއާއަށް ނިސްބަތްވާ، ދަރުމަވަންތަ ސްކޫލުގެ މި ދަރިވަރު ވަނީ، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާއިން އޭ ގްރޭޑް އަދި އޭ ޕްލަސް ހޯދައި އެންމެން ހައިރާންކޮށްލައިފަ އެވެ. މިއީ، އިމްތިހާނުތަކުގައި ދިވެއްސާއި އިސްލާމް މާއްދާއިން ދިވެހި ދަރިވަރުން ފެއިލްވަނީ، ބަސް ދޭހަނުވާތީ ކަމަށް ބުނާ ކުދިންނާއި މީހުންނަށް ދިން ރައްދެކެވެ.
ވަޒީފާ އަދާކުރުމަށް، މިންޝާވީގެ އާއިލާ ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭނާގެ ބައްޕަ، މުހައްމަދު ޝައު ދިވެހި އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާތާ 30 އަހަރު ވެފައިވާއިރު މަންމަ ނީޒާ ޝައު، ދަރުމަވަންތަ ސްކޫލުގެ އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައި އުޅޭތާ 19 އަހަރު ވެއްޖެ އެވެ. އެހެންވެ، ރާއްޖޭގައި އުފަންވި މިންޝާވީއަށް ދިވެހި ބަސް އަލެއް ނޫނެވެ.
"އެކަމަކު އަޅުގަނޑު ދިވެހި މާއްދާތަކެއް ސްކޫލަކު ނުއެއް ކިޔަވަން. އެ ގަޑިތައް އަޅުގަނޑު އައީ ސްކިޕްކުރަމުން،" މިންޝާވީ ބުންޏެވެ.
"އެހެންވެ، ވާހަކަ ދައްކަން އެނގުން ފިޔަވައި، އަނެއްހެން ދިވެހި ބަހެއް ނޭނގޭ."
ދިވެއްސާއި އިސްލާމް މާއްދާ އޭނާ ކިޔަވަން ފެށީ ދައްތަ، މަރިޔަމް ޝާނީޒްގެ ތަޖުރިބާއަށް ބަލައިފަ އެވެ. ޝާނީޒަށް ސްކޫލުގެ މަގާމަކަށް ކުރިމަތިނުލެވުނީ ދިވެހި ބަހުގެ މާއްދާތައް ނުކިޔަވާތީ އެވެ. އެހެންވެ، ސްކޫލުގެ މަގާމެއް ބޭނުންވާތީ އޭނާ އެ މާއްދާތައް ކިޔަވަން ފެށީ ގްރޭޑް ހަޔަކުން ފެށިގެންނެވެ.
ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލުގައި އޭނާ ވަނީ ތާނަ ކިޔަން ދަސްކޮށްފަ އެވެ. އެކަމަކު ދިވެހި ބަހުގެ ގަވައިދާއި ދެން ހުރި ފިލާވަޅުތަކާ މެދު އޭނާ ސީރިއަސްވާން ފެށީ ގްރޭޑް ހަޔަކުން ފެށިގެންނެވެ. މިންޝާވީގެ ބަހުން ނަމަ އެހާ ހަމައިން ވެސް ޖެހުނީ ދިވެހި ބަސް އަލުން ކިޔަވަން ފަށާށެވެ. އެހެންވެ، ގްރޭޑް ދިހައަކާ ހަމައަށް އަންނަންދެން، އޭނާއަށް މަސައްކަތް ކުރެވެނީ ކިރިޔާ ފާސްވާ ވަރަށެވެ.
"ގްރޭޑް އަށަކާ ހަމައަށް އައި އިރު ވެސް އަޅުގަނޑު ކްލާހުގައި ދޭ ފިލާވަޅެއް ވެސް އަނެއްހެން ނުހަދަން. އެކަމަކު ނުވަޔަކާ ހަމައަށް އައީމަ އަޅުގަނޑު ބޭނުންވީ އޯ ލެވެލްގައި ނަތީޖާ ރަނގަޅު ކުރެވޭތޯ ބަލަން. އެހެންވެ، ދެން އަޅުގަނޑު ކްލާހުގައި ދޭ ފިލާވަޅުތައް ރަނގަޅަށް ހަދައި، ފަރުވާތެރިވާން ފެށީ،" ދިވެހި ބަހުން ވާހަކަ ދައްކަމުން މިންޝާވީ ބުންޏެވެ.
ގްރޭޑް 10ގަައި ޓިއުޝަން ނަގައި، އޯ ލެވެލްގެ ކުރިން އޭނާ ވަނީ ލިބޭ ނަތީޖާ އޭ ގްރޭޑަކަށް ބަދަލުކޮށްފަ އެވެ. ޓިއުޝަން ނުނެގި ނަމަވެސް، އިތުރު ގަޑިތަކަށް ފަރުވާތެރިވެގެން އިސްލާމް މާއްދާގެ ނަތީޖާ ވެސް އޭރު ރަނގަޅުކޮށްފި އެވެ.
ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު ފުރި މިންޝާވީ ބުނިގޮތުގައި އިސްލާމް މާއްދާ އޭނާއަށް އެހާ އުނދަގުލެއް ނޫނެވެ. އެކަމަކު ދިވެހި ބަހުގެ ގަވައިދުތައް ދަސްކުރަން ވަގުތު ނެގި އެވެ. ފަރިތަކޮށް ތާނަ ކިޔަން ނޭނގޭތީ، ދޭހަ ފިލާވަޅު އުނދަގޫވި އެވެ. މަޒުމޫނު ލިޔަން ވަރަށް ވިސްނަން ޖެހުނެވެ. ކުރުކޮށް ބުނާ ނަމަ، ސިޓީ ލިޔުން ނޫން އެހެން ހުރިހާ ފިލާވަޅެއް ވެސް އޭނާއަށް އުނދަގުލެވެ.
"އެކަމަކު އަޅުގަނޑު ހިތްވަރެއް ދުލެއް ނުކުރަން. ޓީޗަރުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ދިހައެއްގައި ނަތީޖާ ރަނގަޅު ކުރެވެން ފަށައިފި،" އެ ދަރިވަރު ބުންޏެވެ.
"ހަމަ އެހެން މާއްދާއެއްގެ ގޮތަށް، އެކަމަކު އިތުރު އެފަޓެއް ލައިގެން ކިޔަވަމުން ދިޔައީ."
އޯ ލެވެލްއިން އޭނާއަށް ލިބުނީ އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެކެވެ. ދިވެހިން އޭ ގްރޭޑް ލިބުނު އިރު އިސްލާމުން އޭ ޕްލަސް ލިބުނެވެ. ހިސާބުން އޭ ޕްލަސް ލިބުނު ދަރުމަވަންތަ ސްކޫލުގެ ހަމައެކަނި ދަރިވަރަކީ ވެސް އެއީ އެވެ. ގައުމީ ގަދަ 10ގެ ހަތަރުވަނަ ހޯދީ، ކިޔެވި ސްކޫލުން އެންމެ މަތީ ނަތީޖާ ލިބުނު ދަރިވަރުގެ ގޮތުގަ އެވެ.
އޭނާ ބުނީ ޓީޗަރުން ދޭ ފިލާވަޅުތައް ކަނުލާ އަހައިގެން، އެއަށް ފަރުވާތެރިވެއްޖެ ނަމަ އެއްވެސް މާއްދާއެއް މާ އުނދަގޫ ނުވާނެ ކަމަށެވެ. އޭނާއަށް ދިވެއްސާއި އިސްލާމް މާއްދާއިން ރަނގަޅު ނަތީޖާއެއް ލިބެންޏާ، ކުޑައިރުއްސުރެ އެ ދެ މާއްދާ ކިޔަވާ ދަރިވަރުންނަށް މާ ފަސޭހަވާނެކަން ވެސް ފާހަގަކުރި އެވެ.
"ބޭނުންވަނީ ހަމަ ސަމާލުކަން ދިނުން. ފޯކަސް،" މިންޝާވީ ބުންޏެވެ.
ދިވެހި ބަސް ދެކެ އޭނާ ލޯބިވެ އެވެ. އޭނާ ބުނީ ދިވެހިން ވާހަކަ ދައްކާތީ އެންމެން ވެސް ހީކުރަނީ އޭނާއަކީ ދިވެއްސެއް ކަމަށެވެ. އެއީ އިންޑިއާ ކުއްޖެއް ކަމަށް ބުނުމުން، ބައެއް މީހުން ހައިރާންވެ އެވެ.
އޭ ލެވެލްއަށް ކިޔަވަން އޭނާ ދަނީ އިންޑިއާއަށެވެ.
ލިބުނު ނަތީޖާއަށް ޝުކުރު އަދާކުރަން އޭނާ ތައްޔާރުކުރި ލިސްޓު ދިގެވެ. އެ ނަތީޖާގެ ހައްގުވެރިންނަކީ އޭނާއަށް ކިޔަވައިދިން ޓީޗަރުން ކަމަށް ގަބޫލުކުރެ އެވެ.
"ނާސަރީއިން ފެށިގެން އަޅުގަނޑަށް ކިޔަވައިދިން ޓީޗަރުންނަށް ޝުކުރު އަދާކުރަން ބޭނުން. ޝިފޫ މިސް އާއި އަލީ ސާ އާއި ޝިހާމާ މިސް އާއި ޖޭޒް މިސް. ދެން ނިޒޫ މިސް އާއި ޒިހޫ މިސް އަދި ޕްރިންސިޕަލް ނާދިރާގެ އިތުރުން ޖޭޒް އާންޓީ އާއި ޝުއްކު އާންޓީ،" މިންޝާވީ ބުންޏެވެ.
"އެ މީހުންނާ ނުލާ އަޅުގަނޑަށް މިކަމެއް ނުކުރެވުނީސް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ