އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ މަޤާމުގައި ހުރި ތުލްސީ ގެބާޑް އެ މަޤާމުން އިސްތިއުފާދީފިއެވެ.
ގެބާޑް ހާމަކޮށްފައިވާ ގޮތުގައި އޭނާ އިސްތިއުފާދިނީ އޭނާގެ ފިރިމީހާއަށް ކަށީގެ ކެންސަރުގެ ނާދިރު ބާވަތެއް ޖެހިފައިވާތީ، ފިރިމީހާގެ ގާތުގައި ހުރުމަށްޓަކައެވެ. އޭނާ މަޤާމުން ވަކިވާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
މީގެ އިތުރުން، އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި ނިންމުންތައް ނިންމާ މަޝްވަރާތަކުންވެސް ފަހަކަށް އައިސް ގެބާޑް ވަނީ އެކަހެރިކޮށްފައެވެ. އަދި ވައިޓް ހައުސްގެ ހުއްދަނެތް ބައެއް ތަޙުޤީޤުތައް ހިންގުމާއި، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމެރިކާގެ ބައެއް އޮފިޝަލުންގެ ސެކިއުރިޓީ ކްލިއަރެންސް އޭނާ އަމިއްލައަށް އުވާލި މައްސަލައިގައި ވައިޓް ހައުސްގެ އިސްވެރިން ތިބީ އޭނާދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އެމެރިކާގެ ހަވާއީ ނޭޝަނަލް ގާޑްގެ މެންބަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ތުލްސީ ގެބާޑަކީ އިރާގު ހަނގުރާމައިގައިވެސް ބައިވެރިވެ، ލެފްޓިނެންޓް ކާނަލްގެ ރޭންކް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ހުރީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި ކޮންގްރެސްގައެވެ. ނަމަވެސް ފަހުން އޭނާގެ ސިޔާސީ ފިކުރު ކޮންޒަވޭޓިވް ވިސްނުމަކަށް ބަދަލުވެ، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކޮށް، ރިޕަބްލިކަން ޕާޓީއާ ވަނީ ގުޅިފައެވެ.
ޖާސޫސީ ދާއިރާގެ މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް، ޓްރަމްޕްގެ ދެވަނަ ދައުރުގައި އޭނާ އެމެރިކާގެ 18 ޖާސޫސީ އިދާރާ ބަލަހައްޓާ މައި އިދާރާގެ ވެރިޔަކަށް އައްޔަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ގެބާޑްގެ މަޤާމުގެ ދައުރުގައި އޭނާ ވަނީ ގިނަ ފާޑުކިޔުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގައި ނޭޓޯގެ ކުށް އޮތްކަމަށް ދޭހަވާ މޭރުމުން ވާހަކަދެއްކުމާއި، ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެޤައުމުގެ ރައީސް ބަޝާރުލް އަސަދާ ބައްދަލުކުރުމުން ދެފަރާތުގެ ސިޔާސީވެރިންގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ތުލްސީ ގެބާޑް އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ