އެކުއެޑޯ އިން ޖަރުމަނު ބަލިކޮށްފި، އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ދެ ވަނަ ބުރަށް

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އެކުއެޑޯ އިން 2-1 އިން ޖަރުމަނު ބަލިކުރިއިރު، ކިއުރުސާއޯ އަތުން 2-0 އިން މޮޅުވެ، އައިވަރީ ކޯސްޓުން ފުރަތަަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ. 
ފަހު މެޗާ ކުރިމަތިލިއިރު ވެސް ޖަރުމަނުން ވަނީ ފުރަތަަމަ މެޗުން މޮޅުވެ، ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ. ގްރޫޕްގެ މެޗުތައް ނިމުނުއިރު، ޖަރުމަނު އެއް ވަަނައިގައި އޮތީ  ޕޮއިންޓާ އެކު އެވެ. ދެ  ވަަނައިގައި އޮތް އައިވަރީ ކޯސްޓަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް އެކުއެޑޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ނަތީޖާއާ އެކު، އެކުއެޑޯ އަށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ނޮކައުޓް ބުރުން ވަނީ ފުރުސަތު ލިބިފަ އެވެ. 
މި ގްރޫޕްގެ ފުލުގައި އޮތް ކިއުރުސާއޯގެ އޮތީ އެއް ޕޮއިންޓެވެ. 
ޖަރުމަނުން ވަނީ މެޗު ފަށައިގެން ދެ ވަަނަ މިނިޓްގައި ކައި ހަވާޓްޒް ދިން ބޯޅައަކުން ލެެރޯއި ސާނޭ ޖެހި ގޯލާ އެކު ލީޑުނަގައިފަ އެވެ. ސާނޭ އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ޖަރުމަނުގެ އަލެކްސަންޑަ ޕަވްލޮވިޗް މައްޗަށް ފައިނަގައި އެކުއެޑޯ ކުޅުންތެރިއަކު ބޮލުގައި ފައިން ޖެހުމުން ފައުލެއް ކަމަށް އެޕީލް ކުރި ނަމަވެސް މެޗުގެ ރެފްރީ ވެސް އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ވެސް ބަލާފައިނުވެ އެވެ. 
އެހާ ކުރީކޮޅުގައި ލީޑުނެގި ނަމަވެސް ޖަރުމަނަށް މާ ގިނައިރު ކުރީގައި އޮވެވޭގޮތެއްނުވި އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި، އެކުއެޑޯ އިން ވަނީ ނަތީޖާ  ހަަމަހަަމަކޮށްފަ އެވެ. މިއީ، އޭރިއާބޭރުން ވިލްސަން އަަންގޫލޯ ގޯލުގެ ތިރީ ކަަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ފޮނުވާލި ހަަމަލާއެއް އެކުއެޑޯގެ ވިލިއަން ޕަޗޯ ވަނީ ބްލޮކްކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، ޖަރުމަނުގެ ކައި ހަވާޓްޒް އަށް އެކުއެޑޯގެ އޭރިއާތެެެއިން އެ ޓީމުގެ ޑިފެންޑަރު، ޖޮއެލް އޮޑޯނިއޭޒް ކުރި ފައުލަކަށް ޕެނަލްޓީ ދިނެވެ. އެކަމަކު، ވީއޭއާރުން ބަލައިފައި އެ ޕެނަލްޓީ ނުދޭން ނިންމީ އެޓޭކް ފެށިއިރު، ޖަރުމަނުން ފައުލެއް ކޮށްފައިވާތީ އެވެ. 
އޭގެ ފަހުން، އެކުއެޑޯގެ އެނާ ވެލެންސިއާ ޖެހި ޝޮޓެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އެކުއެޑޯ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުކުރީ 78 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން ލިބުނު ފުރުސަތުން ގޮންޒާލޯ ޕްލާޓާ ޖެހި ގޯލެކެވެ. 
ކިއުރުސާއޯއަ ދެކޮޅަށް މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ، އައިވަރީ ކޯސްޓުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ބޭނުންވާ ނަތީޖާ ނެރެފަ އެވެ. މެޗުގެ ހަތް ވަަނަ މިނިޓްގައި، އައިވަރީ ކޯސްޓުން ވަނީ ލީޑުނަަގައިފަ އެވެ. މިއީ، އައިވަރީ ކޯސްޓުގެ ޔަން ޑިއޮމަންޑޭ ނެގި ހުރަހަކުން ޕެޕޭ ޖެހި ގޯލެކެވެ. 
ދެ ވަނަ ހާފުގައި ވެސް އައިވަރީ ކޯސްޓުން ލަނޑު ޖެހީ ޕެޕޭ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި އޭރިއާތެެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޕެޕޭ މި ލަނޑު ޖެހިއިރު، ފުރުސަތު ތަނަވަސްކޮށްދިނީ އިބްރާހިމް ސަންގާރޭ އެވެ. 
މިއީ، ވޯލްޑް ކަޕްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން އައިވަރީ ކޯސްޓަށް ދެ މެޗުން މޮޅުވެ، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނު ފުރަތަމަ ފަަހަރެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ