ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ފަހު މެޗުގައި މިރޭ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫން 6-2 އިން މާލެ ރީޖަން ލީގުެގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް ބަލިކޮށްފި އެވެ.
މި ދެ ޓީމު މި މެޗަށް ނުކުތްއިރު ވެސް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްެރިމިއާ ލީގުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
ހަ ޓީމުގެ މެދުގައި ކުޅުނު ކޮލިފިކޭޝަން ނިމުނުއިރު، ގަދަ ހަތަރަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ވަނީ ޖާގަ ލިބިފަ އެވެ. އެ ގޮތުން، ކޮލިފިކޭޝަނުގެ ގަދަ ތިނަކަށް ވެސް ޕޮއިންޓް ލިބުނީ އެއްވަރަށެވެ. އެއީ، 10 ޕޮއިންޓެވެ. ޓީސީ ކުރީގައި އޮތީ ލަނޑުގެ ތަފާތު 10 ގޯލު އޮތުމުންނެވެ. ދެ ވަނަ އަށް ދިޔަ ބިސް ބުރުގެ ލަނޑުގެ ތަފާތަކީ 8 އެވެ. އަދި، ތިން ވަަނަ އަށް ދިޔަ ދިއްދޫގެ ލަނޑުގެ ތަފާތަކީ ހަތަރެކެވެ. ހަތަރު ވަނަ އަށް ނިންމި، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އަށް ނުވަ ޕޮއިންޓް ލިބުނެވެ.
ކޮލިފިކޭޝަނުގެ ފުލުން ނިންމައި، އަންނަ ސީޒަނުގެ ރިޖަނަލް ލީގުގައި ވާދަކުރަން ޖެހުނު، ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ. ހުރާ އާއި ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގައި ނިންމި ގްރީން ސްޓްރީޓްސް ވަނީ ކޮލިފިކޭޝަނުގައި ކުޅުނު ފަހު މެޗުތަކުން ވެސް ބަލިވެފަ އެވެ. ދެ ޓީމަށް ވެސް ކޮލިފިކޭޝަނުގައި މޮޅެއް ނުލިބެ އެވެ. ގްރީން ސްޓްރީޓްސް އަށް ދެ ޕޮއިންޓް ލިބުނުއިރު، ހުރާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ގަލޮޅު ދަނޑުގައި މިރޭ ދިއްދޫން ހަތް ވަނަ މިނިޓްގައި މުހައްމަދު ޝަނާއު ނަސީރުގެ ލަނޑުން ލީޑުނެގި އެވެ. އަދި، 37 ވަނަ މިނިޓްގައި ސެއިންޓް ޑަންޖޫމާ ގުމްބާރީގެ ލަނޑުން ލީޑުފުޅާކުރި އެވެ. އަދި، ދެ ވަނަ ހާފުގައި ބެނާޑް އެންވަބުއީސީގެ ގޯލުން ތިން ގޯލުން ކުރީގައި އޮތް ނަމަވެސް، ބިސް ބުރުގެ އަލީ އަހުސަން ގާތްގާތުގައި ދެ ލަނޑު ޖަހައި ފަރަގުކުޑަކުރި އެވެ.
އެކަމަކު، އޭގެ ފަހުން، ދިއްދޫގެ ޔޫސުފް އަފުލް ދެ ގޯލާއި ޝަނާއު އިތުރު ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދިނީ އެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ ފަހު މެޗުގައި ދިއްދޫން ބިސް ބުރު ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ