ޖަރުމަނު ބަލިކޮށް އެކުއެޑޯއިން ތާރީޚީ މޮޅަކާއެކު ދެވަނަ ބުރަށް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ ވަރުގަދަ ބާރެއް ކަމަށްވާ ޖަރުމަނު 2-1 ގެ ނަތީޖާއަކުން ބަލިކޮށް އެކުއެޑޯ އިން ތާރީޚީ މޮޅެއް ހޯދައި ދެވަނަ ބުރު ކަށަވަރުކޮށްފިއެވެ. ނިއު ޔޯކް ސިޓީގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެކުއެޑޯ ހޯދި މޮޅުގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އައިވަރީ ކޯސްޓުން ވަނީ ކިއުރުސާއޯ އަތުން 2-0 އިން މޮޅުވެ، އެ ޓީމުގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މެޗަށް ނުކުތްއިރު ކުރިން ކުޅުނު ދެ މެޗުން މޮޅުވެ ޖަރުމަނަށް ވަނީ ދެވަނަބުރުގެ ޖާގައެއް ލިބިފައެވެ. އެހެންނަމަވެސް ގްރޫޕްގެ މެޗުތައް ނިމުނުއިރު، ޖަރުމަނަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުން ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އައިވަރީ ކޯސްޓަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެކުއެޑޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ނަތީޖާއާއެކު އެކުއެޑޯއަށް ފުރުސަތު ލިބުނީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. މި ގްރޫޕްގެ ފުލަށްދިޔަ ކިއުރުސާއޯ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ޖަރުމަނާއި އެކުއެޑޯ ބައްދަލުކުރި މެޗު ފަށައިގެން ދެވަނަ މިނިޓްގައި ކައި ހަވާޓްޒް ދިން މޮޅު ބޯޅައަކުން ލެެރޯއި ސާނޭ ވަނީ ގޯލެއް ޖަހައި ޖަރުމަނަށް ލީޑު ހޯދައިދީފައެވެ. ޖަރުމަނަށް ލަނޑު ޖަހައިދިނުމަށްފަހު ލެރޯއި ސާނޭ-- އެކުއެޑޯގެ ކުޅުންތެރިން މާޔޫސްނުވެ މެޗުގެ 9 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ އޭރިއާ ބޭރުން ނިލްސަން އަންގޫލޯ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެކުއެޑޯގެ ވިލިއަން ޕަޗޯ ވަނީ ހުއްޓުވާފައެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ، ޖަރުމަނުގެ ކައި ހަވާޓްޒްއަށް އެކުއެޑޯގެ ޑިފެންޑަރު ޖޮއެލް އޮޑޯނިއޭޒް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ނިންމީ އެ އެޓޭކް ފެށުނުއިރު ޖަރުމަނުން ފައުލެއް ކޮށްފައިވާތީ ޕެނަލްޓީ ނުދޭށެވެ. އޭގެ ފަހުން އެކުއެޑޯގެ އެނާ ވެލެންސިއާ ޖެހި ޝޮޓެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ދިފާއުކުރިއެވެ. އެކުއެޑޯއިން މެޗުން މޮޅުވި ލަނޑު ޖެހީ 77 ވަނަ މިނިޓްގައެވެ. ކޯނަރަކުން ލިބުނު ފުރުސަތެއްގައި، ކީޕަރު ނޯޔާއަށްވުރެ ކުރިން ބޯޅައަށް އަރައި ގޮންޒާލޯ ޕްލާޓާ ވައްދާލި މި ލަނޑާއެކު މުޅި ސްޓޭޑިއަމުގައި ތިބި އެގައުމުގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. ފީފާ ވޯލްޑް ކަޕުގައި ޖަރުމަނާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން-- މި ގްރޫޕްގެ އަނެއް މެޗުގައި ކިއުރަސާއޯއާ ދެކޮޅަށް މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ، އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 7 ވަނަ މިނިޓްގައި ޔަން ޑިއޮމަންޑޭ ނެގި ހުރަހަކުން ޕެޕޭ ވަނީ ލަނޑެއް ޖަހައި އައިވަރީ ކޯސްޓަށް ލީޑު ހޯދައިދީފައެވެ. އަދި މެޗުގެ 64 ވަނަ މިނިޓްގައި އިބްރާހިމް ސަންގާރޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، 2-0 އިން ޓީމު މޮޅުކޮށްދީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ. މި ނަތީޖާތަކާއެކު އެކުއެޑޯ ދެވަނަ ބުރުގައި އިންގްލޭންޑާ ބައްދަލުކުރުމުގެ ފުރުސަތު ބޮޑުވިއިރު، މިއީ ތިންވަނަ ހޮވޭ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދާން އުއްމީދުކޮށްގެން ތިބި ސްކޮޓްލޭންޑަށް ލިބުނު ދެރަ ޚަބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ