ގުރޫޕް އީގެ ފަހު މެޗުތަކުން އިކުއެޑޯ އާއި އައިވަރީ ކޯސްޓުން ވަނީ ތާރީހީ ކާމިޔާބީއަކާ އެކު ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފި އެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިކުއެޑޯއިން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ވަރުގަދަ ޖަރުމަނު ބަލިކޮށްފަ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު، ދެވަނަ މިނެޓުގައި ފްލޯރިއަން ވިއާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލިރޯއި ސާނޭ ވަނީ ޖަރުމަނަށް ލީޑްނަގައި ދީފަ އެވެ.
މި ލަނޑު ޖެހުމުގެ ކުރިން އަލެކްސަންޑާ ޕަވްލޮވިޗް ކުރި ފައުލަކަށް އިކުއެޑޯއިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު ވީއޭއާރުން ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ.
އޭގެ ހަތް މިނެޓު ފަހުން ސަންޑަލޭންޑުގެ ވިންގާ ނިލްސަން އަންގުލޯ ވަނީ ހިތްގައިމު ހަމަލާއަކުން އިކުއެޑޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އިކުއެޑޯއިން ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ވީއޭއާރުގެ ގިނަ ނިންމުންތަކެއް ފެނިގެންދިޔަ އެވެ. އޭގެތެރޭގައި ޖަރުމަނަށް ލިބުނު ޕެނަލްޓީއެއް ވަނީ ސާނޭ ކުރިން ކުރި ފައުލަކާ ހެދި ބާތިލްކޮށްފަ އެވެ.
އިކުއެޑޯއިން ހިތްވަރާއެކު ކުރިއަށްޖެހި، މެޗުގެ 77 ވަނަ މިނެޓުގައި ގޮންޒާލޯ ޕްލާޓާ ވަނީ އެ ގައުމު މެޗުން މޮޅުކޮށްދިން ތާރީޚީ ލަނޑު ޖަހާފަ އެވެ. ކޯނަރަކުން ތަނަވަސްވި ބޯޅަ ކެވިން ރޮޑްރިގޭޒް ބޮލުން ފޮނުވާލުމިުން، ޕްލާޓާ ވަނީ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލްނޯޔާ ބީޓްކޮށްލުމަށް ޖަރުމަނުން ބަލިނުވެ ދަމަހައްޓަމުން އައި 11 މެޗުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ.
މި ބައްޔާއެކު ވެސް ޖަރުމަނަށް ގުރޫޕުގެ އެއްވަނަ ލިބުނެވެ. ނަމަވެސް އެއީ ގޯލުގެ ތަފާތުންނެވެ. އިކުއެޑޯ ދެވަނަ ބުރަށް އެންމެ މޮޅު ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިންނެވެ.
ގަދަ 32 ގެ ބުރުގައި ޖަރުމަނު ބޮސްޓަންއަށް ދަތުރުކުރާނެ އެެވެ. އެ ޓީމުން ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. އިކުއެޑޯއަށް ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެނީ ވަރުގަދަ އިންގްލޭންޑާ އެވެ.
މި ގުރޫޕުގެ އަނެއް މެޗުގައި ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި އައިވަރީ ކޯސްޓުން ވަނީ ކިއުރެސާއޯއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.
މިއީ އައިވަރީ ކޯސްޓުގެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އައިވަރީ ކޯސްޓުން މެޗުގެ ކޮންޓްރޯލް ހޯދީ ހަތް ވަނަ މިނެޓުގައެވެ.
އާސެނަލްގެ ކުރީގެ ފޯވާޑް ނިކޮލަސް ޕެޕޭ ވަނީ ޒުވާން ހުނަރުވެރިޔާ ޔާން ޑިއޮމާންޑޭގެ އެހީތެރިކަމާ އެކު އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ލަނޑު ޖަހާފަ އެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި އިބްރާހިމް ސަންގާރޭ ދިން ޕާހަކުން ޕެޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ.
ދޮޅުލައްކަ މީހުންގެ އާބާދީއެއް އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމުން، ކިއުރެސާއޯއިން ވޯލްޑް ކަޕަށް ކުރި ތާރީހީ ދަތުރު މިހާހިސާބުން ނިމުމަކަށް އައީ އެވެ.
އައިވަރީ ކޯސްޓު ގަދަ 32 ގެ ބުރަށް ދަތުރު ކުރީ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެ ބުރުގައި އެ ޓީމު ބައްދަލުކުރާނީ ގުރޫޕް އައިގެ ދެވަނަ ހޯދާ ޓީމަކާއެވެ. އެއީ ފްރާންސް ނުވަތަ ނޯވޭގެ ތެރެއިން ޓީމެކެވެ.
ޖަރުމަނު ބަލިވިޔަސް އެއްވަނަ؛ އިކުއެޑޯ އާއި އައިވަރީ ކޯސްޓަށް ދެވަނަ ބުރުން ތާރީހީ ޖާގައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ