ހަތަރުފަހަރުގެ ޗެމްޕިއަން ޖަރުމަނު ސިއްސުވާލާ އެކުއެޑޯ ދެވަނަ ބުރަށް

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އީގެ ފަހު މެޗުގައި އެކުއެޑޯއިން ފަހަތުން އަރާ ހަތަރުފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކޮށްފި އެވެ.
މިރޭ ނިއުޔޯކުގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު އެކުއެޑޯއިން ކާމިޔާބުކުރީ ފަހަތުން އަރާ 2 - 1 ން ޖަރުމަނު ބަލިކޮށްގެންނެވެ. އަދި މިމޮޅާއެކު ގަދަ 32 ގައި އިންގްލެންޑާ ދެކޮޅަށް އެކުއެޑޯ ނުކުތުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
މުބާރާތުގެ ފުރަތަމަ ދެމެޗުގައި އެކުއެޑޯއަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. އައިވަރީ ކޯސްޓް އަތުން ބަލިވިއިރު ފުރަތަމަ މެޗުގައި ކުރަސާއޯ އަތުން އެއްވަރުވީ އެވެ. އެހެންނަމަވެސް ގްރޫޕް އެއްވަނަ ޔަގީންވެފައި އޮތް ޖަރުމަނު ކައިރިން އެކުއެޑޯގެ ޓީމުގައި އޮތް ހުނަރު ދައްކާލިއިރު ޖަރުމަނުގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމުގެ ފައިދާ މިވަނީ އެކުއެޑޯއިން ރަނގަޅަށްވެސް ނަގާފަ އެވެ.
މިމެޗު ފުރިހަމަ ލަނޑަކާއެކު ފެށީ ޖަރުމަނުންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓުގައި ފްލޯރިއަން ވާޓްސްގެ ރީތި ޕާހަކުން އެކުއެޑޯގެ ކީޕަރު ހާރނަން ގަލިންޑޭޒްގެ ގޯލު ފޫއަޅުވާލާ ލެރޯއީ ސާނޭ ޖަރުމަނަށް ލީޑު ނަގައިދިނެވެ.
މި ލަނޑާއެކު އެކުއެޑޯ ކުޅުންތެރިން ލަނޑުގެ ކުރިން ޖަރުމަނުގެ އަލެކްސަންޑަރ ޕަވްލޮވިޗްގެ ފައިން ޕެޑްރޯ ވިޓޭގެ މޫނުގައި ޖެހުމުން ފައުލެއް ދޭން ޖެހޭ ކަމަށް ބުނެ އިހުތިޖާޖު ކުރި އެވެ. އެހެންނަމަވެސް އެކަމަށް ރެފްރީ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.
ނާއިންސާފުކަމަށް ބަލާ އެކުއެޑޯގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ވަރުގަދަ ކުޅުމެއް ދައްކާ މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ ވަރުގަދަ ރައްދެއް އެކުއެޑޯއިން ޖަރުމަނަށް ދިނެވެ. ޖަރުމަނު ލަނޑު ފެނުނުތާ 7 މިނެޓު އެކުއެޑޯގެ ސަންޑަރލެންޑަށް ކުޅޭ ނިލްސަން އަންގޫލޯ ވަނީ މެނުއަލް ނޯޔާގެ ގޯލު ފޫއަޅުވާލާ އެކުއެޑޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އެކުއެޑޯއިން ދެވަނަ ހާފުގައި އިތުރަށް ފިއްތާލައިގެން ކުޅުނުއިރު މެޗު ނިމުމުގެ 13 މިނެޓުކުރިން އޭގެ ފޮނި ނަތީޖާ އެޓީމަށް ލިބުނެވެ. އެކުއެޑޯއަށް ލިބުނު ކޯނަރެއްގައި ނެގި ބޯޅަ ގޮންޒާލޯ ޕްލާޓާ ވަނީ ނޯޔާއަށް ވުރެ ކުރިން ބޯޅައަށް އަމަލުކޮށް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާ އެގައުމުގެ ސަޕޯޓަރުންގެ އަޑު ގަދަކޮށްލާ އުފާފާޅުކޮށްފަ އެވެ.
މިރޭގެ މި ނަތީޖާއާއެކު އެންމެ ބޮޑު ބިރެއް އުފެދެނީ ސްކޮޓްލޭންޑަށެވެ. އެކުއެޑޯ މޮޅުވުމުން އެޓީމުން އެންމެ ތިންވަނައިގައި އެންމެ ގަދަ 8 ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރުމަށް ކުރާ އުއްމީދު ވަނީ ވަރަށް ބޮޑަށް ހަނިވެ ފަނޑުވެފަ އެވެ. މިރޭގެ ޖަރުމަނު އަދި އެކުއެޑޯ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު 7.64 ގެ މެޗު ރޭޓިންއަކުން ހޯދާފައިވަނީ އެކުއެޑޯގެ ނިލްސަން އަންގޫލޯ އެވެ.
އަދި މި ގްރޫޕްގެ އަނެއް މެޗުގައި އައިވަރީ ކޯސްޓުން ވަނީ ކުރަސާއޯ ބަލިކޮށް ގްރޫޕްގެ ދެވަނަ ހޯދާފަ އެވެ. ވޯލްޑްކަޕަކަށް ކޮލިފައިވި އެންމެ ކުޑަ ގައުމުގެ ޝަރަފު ހޯދާ ރެކޯޑް ހެދި ކުރަސާއޯ މިރޭގެ ބައްޔަކާއެކު އެޓީމުގެ އަލަތު ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން މިވަނީ ކަޓާފަ އެވެ. ނަމަވެސް އެޓީމުން ވަނީ އެކުއެޑޯއާ ވެސް އެއްވަރުކޮށް މުބާރާތުގައި ހިތްވަރުގަދަ ކުޅުމެއް ދައްކާފަ އެވެ.
މިރޭގެ މޮޅާއެކު އައިވަރީ ކޯސްޓުން ދެވަނަ ބުރަށް ދަތުރުކުރީ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގަ އެވެ. ޖަރުމަނާއި އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ޖަރުމަނުން ކުރިހޯދަނީ ގޯލު ތަފާތުންނެވެ. މި ގްރޫޕުގައި ދެމެޗުން ބަލިވެ އަދި އެއް މެޗުން އެއްވަރުވެ ކުރަސާއޯ މުބާރާތާ އަލްވަދާއު ކީ އެންމެ ޕޮއިންޓަކާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ