އެމްޑީޕީ ސަރުކާރުން އުއްޗުއަށް އަނިޔާވެރިވި: އަލީ ވަހީދު

އެމްޑީޕީ ސަރުކާރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އަށް ވެސް އަނިޔާދީފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އުއްޗުގެ ފަޅުރަށެއްގެ މައްސަލައިގައި ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރި ކަމަށެވެ. ނަމަވެސް އެކަމަކީ އިންސާފު ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމަކީ އަނިޔާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ނިކުންނަނީ މި ސަރުކާރުން ވެސް އެކަހަލ ކަންތައްތަކެއް ވިޔަފާރިވެރިންނާ ދެތެރޭ ވެސް ހިންގާތީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނާ ދޭތެރޭ ވެސް ނޫނީ އެއްވެސް ރައްޔިތަކާ ދޭތެރޭގައި ނުހައްގު އަނިޔާއެއް ދޭ ނަމަ، އެކަމަކާ ދެކޮޅަށް އޭނާ ނުކުންނަވާނެ އެވެ.
"ބޮޑު އަދަދަކުން ޖޫރިމަނާކޮށްލުމަކީ އެމްޑީޕީ ސަރުކާރުގައި އުއްޗުއަށް ދިން ބޮޑު އަނިޔާއެއް. މިއަދު އަޅުގަނޑުމެން ވެސް މި ނިކުންނަނީ އުއްޗުއަށް އެކޮށްލި ކަހަލަ ކަންތައްތައް ފެންނާތީ އެކަމާ ދެކޮޅަށް. އެކަން ތަކުރާރު ވިޔަ ނުދިނުމަށް. ކޮންމެ ސަރުކާރެއް އޮތަސް އަޅުގަނޑުމެން އަނިޔާއާ ދެކޮޅަށް ނިކުންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އަނިޔާ ލިބޭތަން ފެނުނު ނަމަވެސް، އެކަމާ އަޅާ ނުލައިފި ނަމަ މުސްތަގުބަލްގައި އަނިޔާ ލިބޭނީ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ކުރާ އަނިޔާތަކާ ދެކޮޅަށް ނުނިކުމެއްޖެ ނަމަ، އެކަން ހުއްޓުވުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމަށް އޮތީ އެކަތިގަޑެއްގެ ގޮތުގަ އެވެ. އެ މަސައްކަތުގެ ދަށުން ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ މި ސަރުކާރަށް މާރާމާރީތައް ނުހުއްޓުވިގެން އުޅެނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ސަރުކާރު ގުޅިފައިވާތީ އެވެ.
"ދަންނަވަން މިހާރު ވެރިކަން މި ކުރަނީ ފަސްމާމަލުގެ ފަސް ވަގުން. އެބޭފުޅުންގެ ޖަރީމާތައް ފޮރުވުމަށް ކަންކަން ކުރައްވަމުން އެ ގެންދަވަނީ. އެކަމާ ހުރެ މި މާރާމާރީތައް ވެސް މި ހިނގަނީ. އެހެން ވީމާ އަޅުގަނޑުމެން އެބަ ޖެހޭ މިކަންކަން ހުއްޓުވަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ