ދައުލަތާ އެކީ ވެފައިވާ އެއްބަސްވުންތައް ބާތިލުކުރުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކުރީ ސަރުކާރުން ސޮއިކުރި ސެޓްލްމަންޓު އެއްބަސްވުންތަކާ ގުޅިގެން ހުށަހެޅި ދައުވާއެއް، ޖުޑީޝަލް ރިވިއުގެ ދައުވާއަކަށް ނުވާ ކަމަށް ބުނެ އެ މައްސަލަ އެ ގޮތަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މި ގޮތަށް ހުކުމްކުރީ އއ. މަޑޫގަލީގައި ރިސޯޓެއް ތަރައްގީކުރުމަށް، ޓޫރިޒަމް މިނިސްޓްރީ އާއި ބްލޫ ލެގޫން އިންވެސްޓްމަންޓާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސޮއިކުރި ސެޓްލްމަންޓް އެގްރީމަންޓު ބާތިލުކުރަން ނިންމި މައްސަލައިގައި ހުށަހެޅި ދައުވާއަކާ ގުޅިގެންނެވެ.
ކޯޓަށް މި މައްސަލަ ހުށަހެޅީ ބްލޫ ލެގޫން އިންވެސްޓްމަންޓަށް މަޑޫގަލި ސެޓްލްމަންޓު އެއްބަސްވުމުގެ ދަށުން ލިބޭ ހުރިހާ ހައްގެއް ބަދަލުކޮށްފައި އޮތް ނޫވިލު ރިޒޯޓްސް ނަމަކަަށް ކިޔާ ކުންފުންޏަކުންނެވެ. ނޫވިލު ރިޒޯޓްސްއަކީ ބްލޫ ލެގޫން އިންވެސްޓުމަންޓުގެ އެއް ހިއްސާދާރު، ހުސެއިން ޝަރީފާއި އޭނާގެ އާއިލާއިން ހިއްސާވާ ކުންފުންޏެކެވެ.
މި މައްސަލައިގައި ހިމެނޭ މަޑޫގަލީ ކުއްޔަށް ދޫކުރުުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 11، 1995, ގަ އެވެ. މި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރީ ނޮވެމްބަރު 1، 2023, ގަ އެވެ.
މިއީ، ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީން ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެކެވެ. މި ސަރުކާރުން ވަނީ އެ ކޮމިޓީ އާއި އެ ކޮމިޓީން އަމަލުކުރަމުން އައި ބަދަލު ދިނުމުގެ އުސޫލަކީ ގާނޫނު އަސާސީއާ ހިލާފު އުސޫލެއް ކަމަށް ނިންމައި، އެ ހުރިހާ އެއްބަސްވުންތަކަށް އަމަލުނުކުރަން ނިންމައިފަ އެވެ.
ނޫވިލު ރިޒޯޓްސްއިން ސިވިލް ކޯޓަށް މި މައްސަލަ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހެޅުމުން، ދައުލަތުން ވަނީ، އެ ކުންފުންޏަށް މި މައްސަލައިގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް ގަބޫލުކުރާތީ، ސިވިލް ކޯޓުގެ އިހުތިސާސްއާ މެދު ސުވާލު އުފައްދާފަ އެވެ.
މަޑޫގަލި މައްސަލައިގައި ނޫވިލު ރިޒޯޓްސްއަށް ހައިސިއްޔަތު ނެތް ކަމަށް ދައުލަތުން ވަކާލާތުކުރީ، ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކުރީ ބްލޫ ލެގޫނާ އެކީ ކަމަށް ވާތީ އެވެ. އަދި، ބްލޫ ލެގޫން އިންވެސްޓްމަންޓްސްއަށް ލިބިގެންވާ ހުރިހާ ހައްގެއް ނޫވިލު ރިޒޯޓްސްއަށް ދީފައި އޮތް ނަމަވެސް، ހަމަ މި މައްސަލަ ބްލޫ ލެގޫން ކުންފުނިން ކޯޓަށް ހުށަހަޅައިގެން، އެ މައްސަލައިގެ ޝަރީއަތް ހިނގަމުން އަންނަ ކަމަށް ވެސް ދައުލަތުން ކޯޓުގައި ފާހަގަކުރި އެވެ.
ރައްދުގައި ނޫވިލު ރިޒޯޓްސްއިން ބުނީ، ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން 50 އަހަރަށް ކުއްޔަށް ދޫކުރި މަޑޫގަލީގެ ލީސްހޯލްޑަރަކީ އެ ކުންފުނި ކަމަށާއި، އެ އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ ސީދާ އަސަރުކުރާ ހަމައެކަނި ފަރާތަކީ އެ ކުންފުނި ކަމަށެވެ. އަދި މިއީ ދައުލަތުގެ އިދާރީ ނިންމުމެއްގެ ސަބަބުން އެ ކުންފުންޏަށް އަސަރު ކުރާ ހާލަތަކަށް ވަތީ، އެ ކުންފުންޏަށް މި މައްސަލައިގައި ދައުވާ ހުށަހެޅުމުގެ ހައިސިއްޔަތު ލިިބިގެންވާ ކަމަށާއި ކޯޓަށް މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ކަނޑައަޅަދިނުމަށް ނޫވިލު ރިޒޯޓްސްއިން އެދުނެވެ.
ޝަރީއަތުން މި މައްސަލައިގައި ކޯޓުގެ އިހުތިސާސްއާ މެދު ސުވާލު އުފެއްދި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، ގޮތް ކަނޑައެޅީ މިއީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ނުވަތަ ނޫންތޯ އެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުالله ވިދާޅުވީ ދައުލަތުގެ އިދާރާއަކުން ނިންމާ ކޮންމެ ނިންމުމަކީ، އިދާރީ ނިންމުމެއްގެ ގޮތުގައި ޖުޑީޝަލް ރިވިއުގެ ތެރެއަށް ވަންނާނެ ނިންމުމެއް ނޫން ކަން މަދަނީ އިޖުރާއަތުގެ ގާނޫނުގައި ޖުޑީޝަލް ރިވިއުގެ ދައުވާގެ ތައުރީފުން އެނގެން އޮންނަ ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރެވޭ އަމަލުތައް ބެހެނީ ދެ ބަޔަކަށެވެ. އެއް ބަޔަކީ ދައުލަތުގެ އިދާރާއަކުން ދެވޭ ހިދުމަތްތަކާ ގުޅިފައިވާ މަދަނީ އަމަލުތަކެވެ. ދެވަނަ ބަޔަކީ އާމްދަނީ ހޯދުމުގެ ގޮތުން ކުރެވޭ ކޮންޓްރެކްޓުތަކާއި ވިޔަފާރި މުއާމަލާތްތަކާއި އަމަލުތަކެވެ.
ގާޒީ ވިދާޅުވީ، ކޮންޓްރެކްޓުތަކާއި ވިޔަފާރި މުއާމަލާތްތަކާ ގުޅިގެން އުފެދޭ ހުސޫމާތު ތަކަކީ އިހުތިލާފު އޮންނަ ބާވަތުގެ މައްސަލަތައް އުފަންވާ އަމަލުތަކެއް ކަން ގާނޫނުން އެނގޭ ކަމަށެވެ. އަދި މި ފަދަ އަމަލުތައް ޖުޑީޝަލް ރިވިއުގެ މަފްހޫމުގް ތެރެއަށް ނުވަންނާނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައި ވެ އެވެ.
ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި މި ދައުވާ ކުރިއަށް ގެންދިޔުމުން، ގާޒީ ވިދާޅުވީ، މި ފަދަ ދައުވާތައް ހުށަހެޅުމާ ގުޅިގެން މަދަނީ އިޖުރާއަތުގައި ބަޔާންކުރާ އިޖުރާއަތުތައް އޮޅުން ބޮޅުންވެ، ގާނޫނުގެ ބޭނުން ކެނޑިގެންދާ ކަމަށެވެ. މި ހާލަތުގައި މި މައްސަލަ ހުށަހެޅި ފޯމު ބާތިލުކުރަން ގާނޫނީ ހުރަހެއް ނެތް ކަމަށް ކަނޑައަޅައި، ގާޒީ ވަނީ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމްކުރައްވާފަ އެވެ.
މިއީ ކުރީ ސަރުކާރުން އެކުލަވާލި ސެޓްލްމަންޓް އެއްބަސްވުންތަކަށް އަމަލުނުކުރަން ނިންމުމާ ގުޅޭ މައްސަލައެއްގައި ކޯޓަކުން ހުކުމް ކުރި ފުރަތަމަ ފަހަރެވެ. އެހެން ސެޓްލްމަންޓް އެގްރީމަންޓުތަކާ ގުޅޭ މައްސަލަތައް ވެސް ކޯޓަށް ހުށަހަޅާފައި އެބަހުއްޓެވެ.
ސެޓްލްމަންޓު އެއްބަސްވުންތަކަށް އަމަލުނުކުރުން ޖުޑީޝަލް ރިވިއުގެ ގޮތުގައި ނުބެލޭނެ: ސިވިލް ކޯޓުގެ ސެޓްލްމަންޓު އެއްބަސްވުންތަކަށް އަމަލުނުކުރުން ޖުޑީޝަލް ރިވިއުގެ ގޮތުގައި ނުބެލޭނެ: ސިވިލް ކޯޓުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ