އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އޮޓޮޕްސީ ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު ފޮނުވަން ހަމަޖެހިފައި ވަނީ އިންޑިއާގެ ޓްރެވިންޑްރަމް އަށް ކަމަށެވެ.
"އޮޓޮޕްސީ ހެދުމަށްޓަކައި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޖުލައި 21، 2025 ވަނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމް އަށް ފޮނުވަން ވަނީ ހަމަޖެހިފައި،" ފުލުހުން ބުންޏެވެ.
އަބްދުއްރަހްމާން މަރުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ނިދާފައި އޮއްވައި، ގޮތް ނޭނގޭ މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ. އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ރަށުގައި ފުލުހުން ހަރަކާތްތެެރިވަމުންދާއިރު، އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، އއ. މާޅޮސް ކައިރި ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އޭގެއިތުރުން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފުޓްޕްރިންޓުގެ އިތުރުން އިނގިލީގެ ނިޝާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.
ފުލުހުން ސާމްޕަލް ނެގި މީހުންގެ ތެރޭގައި ހިމެނެނީ އަބްދުއްރަހްމާންއަށް އެހީވުމަށް އެރޭ އެތަނަށް ދިޔަ މީހުންނެވެ.
އެ މައްސަލައާ ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ. އަދި އެ މައްސަލައިގެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް ބައެއް މީހުންނާ ސުވާލު ކުރުން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށް އެ ރަށު މީހުން އަދަދު އަށް މައުލޫމާތު ދިނެވެ.
މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، އެ ރަށަށް އަރައިފައިބާ މީހުން އަދިވެސް މޮނީޓާ ކުރަމުންނެވެ.
އަބްދުއްރަހްމާންގެ މަރު: އޮޓޮޕްސީ ހަދަން ހޯމަ ދުވަހު ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ އަބްދުއްރަހްމާންގެ މަރު: އޮޓޮޕްސީ ހަދަން ހޯމަ ދުވަހު ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ