މީހަކު ރަހީނުކޮށް، އަނިޔާކުރުމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ ދެ ފިރިހެނުންނެވެ. ދެ މީހުން ވެސް ހައްޔަރުކުރީ ސީނުން ކަމަށް ފުލުހުން ބުންޏެވެ. އަދި، ދެ މީހުންނަކީ ވެސް އެ ރަހީނުކުރުމާއި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންނަކީ ވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު ދެ މީހުންނެވެ. އެ މީހުން ރަހީނުކުރި މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އެކަމަކު، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ދެ މީހުންނާ ދެކޮޅަށް ސީންގެ ފޮޓޯއާއި އަނިޔާ ލިބުނު މީހާގެ ފޮޓޯ ވެސް ފުލުހުން ވަނީ ހުށަހަޅާފައެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ