ތިމާ ބޭނުންވާ ކަމެއް ނުފުދި ލަސްވިޔަސް "އެބޭނުން ނުފުދޭނެ" ކަމަށް ވިސްނުމަކީވެސް ކުރެވޭ ކުށެއް! ނަމަނަމަ އެގޮތަށް ނުވިސްނާތި! އެފަދަ ބަހެއްވެސް ބުނަން ހެޔޮނުވާނެ!

ގިނަބައަކަށް ހިތްހަމަޖެހުން ނުލިބޭ އަދި ކަންބޮޑުވެވޭ އެންމެ ބޮޑު އެއްސަބަބަކީ ތިމާއަށް ލިބެން ބޭނުންވެގެން ހުންނަ ނިޢުމަތްތައް ތިމާއަށް ނުލިބި އެހެން މީހުންނަށް ފުދެމުންދާތަން ފެނުމެވެ. މިފަދަ ޙާލަތުގައި ހަމައެކަނި ވިސްނެނީއެއްވެސް ނޫނެވެ. ލިބޭ މާޔޫސްކަން ބޮޑުކަމުން "ތިމަންނާއަށް ދުވަހަކުވެސް މިވެނިކަމެއް ނުވާނެ ކަމަށް ނުވަތަ މިވެނި އެއްޗެއް ނުލިބޭނެ" ފަދަ ބަސްތައްވެސް އެބަ ބުނެއެވެ.
މިފަދައިން ބުނާ މީހަކަށް އެގޮތަށް ދިމާވުންވެސް އޮންނަނީ ވަރަށް ގާތުގައެވެ. މިބުނީ ޙާޞިލްކުރަން ބޭނުންވެގެން އުޅޭ ކަންތައް ޙާޞިލުނުކުރެވުން ނުވަތަ ހޯދަން ބޭނުންވެގެން އުޅޭ އެއްޗެއް ނުލިބުން ފަދަ ގޮތްތައް މެދުވެރިވާ ވާހަކައެވެ. އެގޮތަށް އެކަންވުމަށް (ނުލިބުމަށް) މެދުވެރިވާ ސަބަބަކީ އެމީހަކަށް ބުނެވުނު ނުބައިބަސްތައް ކަމުގައި އޮންނަނީވެފައެވެ.
މިހެން ބުނަންޖެހޭ ސަބަބަކީ ކޮންމެ މީހަކާއިއެކުވެސް އެމީހަކު އދޭގޮތަކަށް ﷲ ތަޢާލާ ވޮޑިގެންވެއެވެ. ވީމާ އަހުރެމެން ވިސްނަންޖެހޭނީ މިވެނި ބޭނުމެއް ފުއްދަވައި ނުދެއްވަވާނެ ކަމަކަށް ނޫނެވެ. ފުއްދަވައި ދެއްވަވާނެ ކަމަށެވެ.
ވީމާ ފުރަތަމަ ކަމަކަށް އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމްތައް ބަލައި ފިކުރުނުކުރާށެވެ! އޭނާއަށް އެ ނިޢުމަތްތައް ދެއްވެވީވެސް އަދި ތިބާއަށް ނުދެއްވެވީވެސް އެންމެހައި ނިޢުމަތްތަކުގެ ވެރި ﷲ ތަޢާލާ އެވެ. ﷲ ތަޢާލާ ދެއްވަވާ އެއްޗެއް އެކަލާނގެ ދެއްވަވާނެ އަޅަކަށް ދެއްވެވުމުން އެކަމާއި އެހެން މީހަކަށް ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟
ތިބާޢަށް ބޭނުންވާ ކަންކަން މިންވަރުކޮށްދެއްވެވުމަށް އެދި ދުޢާކުރާށެވެ! އެއްވެސް މީހަކަށް ޙަސަދަވެރިނުވާށެވެ! ޙަސަދަވެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިއްޖެނަމަ އެތައް ކަމަކުން ހުރަސްތައް ކުރިމަތިވާނެއެވެ. ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެއެވެ.
ދެން ވިސްނައިލަންވީ ކޮންމެކަމެއްވެސް ޙާޞިލްކޮށްދެއްވަވަނީ ﷲ ތަޢާލާ ކަމާއި އެކަން މިންވަރުކުރައްވަވާނީ އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތުޖެހުމުން ކަމެވެ. ވީމާ އެއްވެސް ކަމެއް ތިމާ އެދޭ ގޮތަށް، އެދޭވަޤުތު ޙާޞިލްނުކުރެވުމުން އެކަން ތިމާއަށް ޙާޞިލްނުކުރެވުނީ ކަމަށް ނުވަތަ ނުކުރެވޭނެ ކަމަށް ނިންމައިގެން ނުވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ