މާމިގިލީގެ މަގުތައް: ދިގު ވާހަކައަކަށް ވުރެ ދިގު

އދ.
މާމިގިލި - ގެ ކުރިމަތީގައި
ގޮނޑިއެއް އަޅައިގެން އެކަނިމާއެކަނި އެ އިނީ ކަނބުލޮ (އާމިނަތު) އެވެ. ކުރިމަތީގައި
އޮތީ ދުވަހަކު ވެސް ތާރު އަޅައި ނުނިމުނު މަގެކެވެ. އެކަމަކު އެ މަސައްކަތަށް ވުރެ އުމުރުން
ދޮށީ ވާނީ ކަނބުލޮ އެވެ. އެގޮތަށް ގޮނޑި އަޅައިގެން އިނދެ، އެ މަގަށް އައި ކިތަންމެ
ބަދަލެއް އޭނާގެ ލޮލުން ވާނީ ދެކެފަ އެވެ. "މިއަށް ވުރެ ކުރިން އޮތް ގޮތް ވެސް
މާ ރަނގަޅު" ކަމަށް އަހަރެމެން ގާތުގައި އެ ބުނީ އެހެންވެ އެވެ. އެކަމަކު
އެއީ ކީއްވެ ހެއްޔެވެ؟
އުމުރުން
ދުވަސްވެ ގައިބާރު ދެރަވުމުން ދެން ފޫހިފިލުވައިލަން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ
އެވެ. އެހެންވެ، ކަނބުލޮ ފޫހިފިލުވައިލަން ނުކުންނަނީ ބޭރަށެވެ. ގެ ކުރިމަތީގައި
އޮންނަ ހުސް ތަންކޮޅުގައި ގޮނޑިއެއް އަޅައިގެން އިންނަނީ އެވެ.
އެކަމަކު
މިހާރު އެހެން އިނުމަކީ ވެސް ބޮޑު ވޭނެކެވެ. ބޭރަށް ނުކުންނައިރަށް ޖެހެނީ
އަރިދަފުސް ރޯގާގެ އުނދަގުލެވެ. މައިގަނޑު ސަބަބަކީ ކުރިމަތީގައި އެ އޮތް މަގެވެ.
ކަނބުލޮއާ ލައްކަ ގިނަ ވާހަކަ ދައްކަން ތިބުމަށް ފަހު އެ މަގުތަކުގެ ވާނުވާ ހޯދޭތޯ ސައިކަލަށް
އަރައި އަހަރެމެން ނައްޓާލީމެވެ. އެކަމަކު ހިރަފުހެއް ނުބުރުވަމެވެ. ކަން ދިމާކުރި
ގޮތުން އެއީ ވިއްސާރަ ދުވަހެކެވެ. އެކަމަކު އެއީ އަނެއްކާ އަނެއް މައްސަލަ އެވެ.
ދުއްވަން
އުނދަގޫވާ ވަރަށް ބައެއް މަގުތަކުގައި އޮތީ ފެންބޮޑުވެފަ އެވެ. މި ރަށު މީހަކު
ދިން ސައިކަލެއްގައި މުޅި ރަށް ކުޑަކުރީމެވެ. އެކަމަކު އަހަރެމެން ތިބެނީ ބިރުން 'ޔާސީން މަތީގަ' އެވެ. އެކުގައި ދިޔަ ފޮޓޯގްރާފަރު ހުންނަނީ ކޮންމެ
ގަޑިއެއްގައި ވެސް ސައިކަލުން ފުންމާލަން ޖެހިދާނެ ކަމަށް ތައްޔާރު ވެގެންނެވެ.
މުޅި
މާމިގިއްޔަށް ރޯގާއެއް ފެތުރި މި މަގުތަކަކީ ސަރުކާރުން މީގެ ހައެއްކަ އަހަރު
ކުރިން ތާރުއަޅަން ފެށި މަގުތަކެކެވެ. މިކަހަލަ ހަ މަގު މި ރަށުގައި އެބަ އޮތެވެ. މަސައްކަތް
ފެށީ ދެ އަހަރުން ނިންމާ ގޮތަށެވެ. އެކަމަކު ހަ އަހަރު ވެގެންދިޔައިރު އަދި އެންމެ
މަގެއް ވެސް ނުނިމެ އެވެ. ތާރަށް ވުރެ ކުރިން އަޅާ ހިލަވެލި ފަށަލަ (އޭބީސީ ފަށަލަ)
އެޅި ގޮތަށް މަސައްކަތް އެ އޮތީ ހުއްޓިފަ އެވެ. ހޫނުގަދަ ދުވަހެއް ވެއްޖެއްޔާ
ހިރަފުސް އަރާވަރުން ނޭވައެއް ނުލެވެ އެވެ. ވިއްސާރަ ދުވަސްވަރެއް ނަމަ މަގުގެ
ބޮޑު ބައެއްގައި އޮންނަނީ ކޯރު ދަމާލާފަ އެވެ.
މި ރަށުގައި
އުޅޭ މީހުން ކިތަންމެ ފަރިތަ ވިޔަސް، އަހަރެމެން އުޅުނީ ކިސަޑުގެ ތެރެއިން
ހުންގާނު ދެކޮޅަށް ތަޅުވަމުން، އަރިއަޅަމުންނެވެ. ބައެއް މަގުތަކުގައި ދުއްވާލަން
ލިބެނީ ފޫޓެއްގެ ފުޅާމިނެވެ. ބާކީ ބައި ފެނު އަޑީގަ އެވެ. ބައެއް މަގުތަކުގައި
ފެންގަނޑަށް އެރުން ނޫން ގޮތެއް ނޯވެ އެވެ. އެވަރުން ނުވެގެން ވަޅުގަނޑުގަނޑުތައް
ވެސް އެހާ ގިނައީ އެވެ. ޖަންކްޝަންތައް ހުންނަނީ ބިމުން މައްޗަށް ދެތިން އިންޗިއަށް
އުފުލިފަ އެވެ.
މިހެން
އެނބުރެމުން ގޮސް އެކި މީހުންގެ ގާތުން މި މަގުތަކުގެ ވާހަކަ އަހައިފީމެވެ.
ނުނިމިގެން އުޅެނީ ކީއްވެގެން ކަމާއި އާންމުންގެ ކަންބޮޑުވުންތައް ހުރިނެތް ގޮތް ބަލައިލީމެވެ. މާ ސުވާލު ގިނަވާތީ 'ތި ކުދިން ތިއައީ އެ މަގުތައް ނިންމަން' ހެއްޔޭ ވެސް އަހަރެމެންގެ ގާތުގައި މީހަކު އަހައިފި އެވެ.
"މާމިގިލީގެ މަގުތައް ހެދުމުގެ ނަމުގައި ފަސްބާޑި ޖަހާތާ ހަ
އަހަރަށް ވުރެ ގިނަ ދުވަސްވީ މި،" މަހުމޫދު ޝުޖާއު ހުރީ ވާހަކަ ފެށުމާ އެކު
ވެސް ރުޅިއައިސް ރަތްވެފަ އެވެ.
"މަސައްކަތުގެ
ދޯދިޔާކަމުން އިންސާނުންނަށް އެތައް ގެއްލުމެއް ލިބިއްޖެ. އެކި ފަހަރު މަތިން އެކި
މީހުން ވެއްޓި ފައި ބިނދިއްޖެ. އާންމުންގެ ސައިކަލާއި އަގުބޮޑު މުދަލަށް ގެއްލުން
ލިބިއްޖެ. މިއީ
ރައްޔިތުންނަށް އަނިޔާދިނުން. ދެން އެ ނޫން ކޮން ކަމެއް މިއީ؟"
ދުރުން
ބަލާ މީހަކަށް އެ އޮތީ ތާރު އަޅާފައޭ ހީވެދާނެ އެވެ. އެކަމަކު އެއީ ހަމަ
އަވާމެންދުރެކެވެ. އެ ހަ މަގުގައި ވެސް އަދި އޮތީ އޭބީސީ ފަށަލަ އެވެ. އެހެން އޮވެ
އޮވެ، މިހާރު އެބައި ވެސް ހަލާކުވެއްޖެ އެވެ.
އެ
މަޝްރޫއު ހަވާލުކުރީ ޗައިނާ ކުންފުންޏަކާ އެވެ. އެކަމަކު އެ މީހުންގެ ތެރެއިން
އެއްވެސް މީހަކު މި ރަށުން މިއަދު ފެންނާކަށް ނެތެވެ. އެ މީހުން މަސައްކަތު
ސައިޓަށް ގޮސް ބަލައިލިއިރު އެ ތަން މިހާރު ބޮޑަށް ވައްތަރީ ގޮނޑަކާ އެވެ. ދަބަރު
ޖަހާފައި ހުރި ތާރު ފީފާތަކެވެ. ބޭނުން ނުކުރެވޭ ހާލަތަށް ބާވެ ހަލާކުވެފައި ހުރި
މެޝިނަރީތަކެވެ.
އެ
ތަކެތި މިހާރު ހުރީ މި ރަށުގައި މިނިވަންކަމާ އެކު ރަސްކަން ކުރާ ކާޅުތަކުގެ
ބެލުމުގެ ދަށުގަ އެވެ. ދޭތެރެއަކުން އެ ސޮރުމެން އުދުހިލާފައި ގޮސް ޑްރައިވަރު ސީޓުގައި
ޖައްސާލުމަށް ފަހު 'ކާއް، ކާއް' ގޮވާލަ އެވެ. އެކަމަކު އެ ސޮރުމެންނަށް ވެސް ޗައިނާ މީހުން މިހާރު ތިބި ހިސާބެއް އެނގޭނެހެން ހިޔެއްނުވެ އެވެ.
އެ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބުނީ ސައިޓު ތެރެއިން ނުކުމެގެން އައި ބަންގްލަދޭޝް މީހެއްގެ ފަރާތުންނެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ބުނާ ގޮތުގައި ޗައިނާ މީހުން އެ ސައިޓު ދޫކޮށް ދިޔަތާ މިހާރު ހައެއްކަ މަސް ވެދާނެ އެވެ. އެކަމަކު ޖެހިގެން އަންނަ
މަހު އެ މީހުން އަންނަން އުޅޭ ކަހަލަ ވާހަކަތަކެއް ވެސް އޭނާއަށް އޮތީ އިވިފަ އެވެ.
އޭނާއަށް އެނގިފައި އޮތް ގޮތުން ޗައިނާ މީހުން ޗުއްޓީއަށް ދިއުމަށް ފަހު މިހާރު އުޅެނީ މާލޭގަ އެވެ. އެ ކުންފުނިން މާލެ އާއި ހުޅުމާލޭގައި ވެސް މަޝްރޫއުތަކެއް
ހިންގާތީ އެ ސައިޓުތަކުގައި ތިބީ ކަމަށް ވެސް ވެދާނެ އެވެ. ދެން ހަމަ ހުރެފައި، ހުރިހާ
ސާމާނެއް ވެސް ދޫކޮށްލުމަށް ފަހު އެ މީހުން މާމިގިލި ދޫކޮށް ދިޔައީ ކީއްވެ
ހެއްޔެވެ؟ އެކަމާ ގުޅޭ ތުހުމަތު އަމާޒުވަނީ އާރުޑީސީއަށެވެ.
މި
ރަށުން ވާހަކަ ދެއްކި އެކަކަށް ވުރެ ގިނަ މީހުން ބުނާ ގޮތުގައި އާރުޑީސީއިން
ޗައިނާ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ނުދައްކަ އެވެ.
"އެކި
މުހުލަތުތަކަށް ބަހާލައިގެން، ފައިސާ ދައްކަން ޖެހޭ. ދެން އެ ފައިސާ ނުދިނީމަ އެ
މީހުން ނުތިބޭނެއެއްނު؟ މަސައްކަތެއް ވެސް ނުކުރާނެ އެއްނު؟" އާންމުންގެ
މީހަކު ބުންޏެވެ.
ނަމަވެސް މީގެ ކުރިން މި މައްސަލައިގައި 'ދައުރު'ން ސުވާލުކުރުމުން އާރުޑީސީގެ
އޮފިޝަލަކު ވިދާޅުވީ މަސައްކަތް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. ކުރިއަށް
ދިޔަޔަސް އަދި ނުނިންމެނީ އެވެ.
މާމިގިއްޔަކީ
ބިން ބޮޑު ރަށެކެވެ. ނަމަވެސް ބައެއް އާ މަގުތައް ކަނޑާފައި ހުންނަ ގޮތުން ދުއްވާލަން
އޮންނަނީ ނިސްބަތުން ބަލާއިރު ވަރަށް ކުޑަ ތަންކޮޅެކެވެ. ފެންބޮޑުވާ މައްސަލައާ
ހުރެ ބޮޑު ޖާގައެއް ގެއްލޭއިރު، އަދި ބައެއް މަގުތައް ފުޅާކުރެވެން އޮތަސް، ދުވާރުގެ ބޭރަށް ބޮޑު ހުސް ޖާގައެއް އޮންނަ ގޮތަށް ކަނޑާފައި ހުރި މަގުތައް
ވެސް ފެނެ އެވެ.
"މިތާ
ޕޭވްމަންޓު، ދެ ފަރާތް އެއްކޮށްލީމަ ގާތްގަނޑަކަށް އެބަހުރި 20 ފޫޓުގެ ބޮޑުމިން،" މާމިގިލި ބޮޑު މަގުގެ ކޮޅުގައި ހުއްޓި ހުރެ އަހްމަދު ފަޔާޒު ބުންޏެވެ.
"އެގޮތަށް
އެކަން ކުރީމަ މަގުމަތިން ދުއްވަން އޮންނަ ތަންކޮޅު ކުޑަވެ، އުނދަގޫތަކެއް ދިމާވޭ.
އެއްޗެއް ޕާކުކޮށްފައި އޮވެއްޖެއްޔާ އެހެން އެއްޗަކަށް ނުދެވޭ."
މާމިގިލީގެ
ބޮޑު މަގު ވެސް އޮތީ މި ހާލެއްގަ އެވެ. ކައުންސިލް އިދާރާގެ ދޮރު މަތީގައި ވެސް
އޮންނަނީ ބޮޑު ފެންގަނޑެކެވެ.
"ދެން
އެ ފެންގަނޑަށް އެރެން ޖެހިދާނެތީ ޖެހިގެން މިހިރަ ތަނުގެ ތެރެއިން ލާފައި އެ
މީހުން [ކައުންސިލަރުން] އިދާރާއަށް ވަންނަނީ،" ކައުންސިލް އިދާރާ ޖެހިގެން
ހުރި އިތުރު ގޭޓެއް ދައްކާލަމުން މީހަކު ބުންޏެވެ.
ކައުންސިލް
އިދާރާގެ ކުރިމައްޗަށް ހުންނަނީ އދ. އަތޮޅު ސްކޫލެވެ. އަރިމަތީގައި ދުވާރެއް
އޮތެއް ކަމަކު އެއީ ކުދިން ގޮވައިގެން ހިނގާއި އެއްޗެއް ދުއްވަން ވެސް ހެޔޮވާވަރުގެ މަގެއް
ނޫނެވެ.
މި
ތަންތަނުގެ އިތުރުން އާންމު ހިދުމަތް ހޯދާ ވަރަށް ގިނަ ތަންތަން ހުންނަނީ ހަމަ މި
މަގުގައި، އެއް ސަރަހައްދެއްގަ އެވެ. މިސާލަކަށް ރަށުގެ ސިއްހީ މަރުކަޒާއި
މެޖިސްޓްރޭޓް ކޯޓާއި ފާމަސީގެ އިތުރުން ގިނަ އަދަދެއްގެ ފިހާރަ ވެސް މި މަގުގައި
ހުރެ އެވެ.
އެކަމަކު
އެ ތަނުން ފިހާރައަކަށް ވަނުމަކީ ބޮޑު ތަކުލީފެކެވެ. އެއްގޮތަކީ ފެން ނުވަތަ ކިސަޑުގަނޑަށް އެރުމެވެ. އަނެއް ގޮތަކީ މަގުގައި ދުއްވައިގެން، ދުވާރަށް އެރޭ ކަހަލަ
ހިކިފަސް ދިމާލެއް ހޯދުމެވެ. މިހެން ފެންބޮޑުވެފައި އޮންނަ ދިމަދިމާލުގައި ހުންނަ
ފިހާރަތަކަށް ވަންނަން ބޮޑު ކަމަކަށްވެގެން، އަހަރެމެން ގޮތަށް އެހެން ފިހާރައެއް ހޯދަން
ކިތައް މީހުން ދާނެބާއޭ ހިތަށްއަރަ އެވެ.
"ދެން
ކޮންމެވެސް ގޮތަކުން ފިހާރައަށް ވަންނާނެތާ، ވިޔަފާރި ކުރަން ބޭނުންވާ މީހުން،"
ފަޔާޒު ބުންޏެވެ.
ވިއްސާރައިގެ
ސަބަބުން އަހަރެމެންނަށް ހިރަފުސްގަނޑު ނުފެނުނު ނަމަވެސް، އެކަމާ ބެހޭ ގޮތުން
ސުވާލުކުރި އެއްވެސް މީހަކު އެކަމާ ދެބަހެއް ނުވެ އެވެ. ބައެއް މީހުން ބުނީ މަގުތަކަށް
ހިލަވެލި އަޅައި، ނުނިންމާ އޮތުމުގެ ސަބަބުން 'މާމިގިލިން ރޯގާ ނުފިލާ' ކަމަށެވެ. އެހެންވީމަ ރޯގަ ޖެހިގެން އުޅެނީ ކަނބުލޮ އެކަންޏެއް ނޫނެވެ.
މިތަނުން މަގެއްގައި ދުއްވައިފި ނަމަ، ކިތަންމެ އާ ސައިކަލެއް ނުވަތަ ކާރެއް ވިޔަސް
ހުންނާނީ 'މުސްކުޅި' ކޮށްލާފަ އެވެ. މި ރަށުން ފެންނަ ކިސަޑާއި ހިރަފުހުން
ތަތްތެޅިފައި ހުރި ސައިކަލާއި ކާރުތައް އެކަމަށް ހެކިވެ އެވެ.
"ދޮވެލައިގެން
ދުއްވާލެވޭނީ އެއްފަހަރު. އަނެއްކާވެސް ޖެހޭނީ ހަމަ ދޮންނަން،" މީހަކު
ބުންޏެވެ.
"ކޮންމެ
ދެ ހަފްތާއަކުން ޓަޔަރު ބަދަލުކުރަން ޖެހުނީމަ އެއީ އަތުން ދާ ބޮޑު ހަރަދެއް،
މައްސަލައެއް،" މާމިގިލީގެ ވިޔަފާރިވެރިއަކު ބުންޏެވެ.
އޭނާ ބުނީ ގެސްޓުހައުސްތަކުން
ފަތުރުވެރިން އުފުލަން ބޭނުންކުރާ ބަގީތަކުގެ ޓަޔަރު މަހަކު މަދުވެގެން ދެ ފަހަރު
އާކުރަން ޖެހޭ ކަމަށެވެ.
މާމިގިލީގެ
މަގުތައް ނުނިމި، ދިގު ވާހަކައަކަށް ވުރެ ދިގުލައިގެން ގޮސްފައިވާއިރު، އެ
މަގުތައް ނިންމާނެ ކަމުގެ އެއްވެސް އުންމީދެއް މި ރަށު މީހުން ނުކުރެ އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ވަނަ އަހަރުގައި މި ކަމެއް މި ފެށީ. އެ ވެރިކަން ނިމިގެން ގޮސް މިހާރު އަނެއްކާ އަނެއް ވެރިކަމުގެ ދެ އަހަރު މި ނިމެނީ،" ފަޔާޒު ބުންޏެވެ. 
"މިދިޔަ
ދައުރު ވެސް ދިޔައީނު؟ މި ދައުރުގައި ވެސް ތި މަގުތަކެއް ނުނިމޭނެ،" ނާއުންމީދާ
އެކު އެހެން މީހަކު ބުންޏެވެ.
އެކި
މީހުންގެ ގާތުން ވާހަކަ ހޯދަމުން، ފަޔަށް ކިސަޑު ބުރުވަމުން، މާމިގިލީގެ މި މަގުތަކުގައި އަހަރެމެންނަށް
ދުއްވިއްޖެ އެވެ. މިހެން ރަށުގައި އެނބުރެނިކޮށް އަނެއްކާވެސް ކަނބުލޮ ފެނިއްޖެ
އެވެ. ހިތްފަސޭހަ ކޮށްލަން ނުކުމެ ހަމަ އެއްކަލަ ގޮނޑީގަ އެވެ. އެކަމަކު މިފަހަރު
ހުރީ އޭނާ އަޅައިގެން އިން ބުރަގަލުން އަނގަމަތި ނިވާކޮށްގެންނެވެ. މި މަގުތައް ނުނިމޭހާ
ހިނދަކު ދެން ކަނބުލޮ އިންނަންވީ ކޮންމެ ދުވަހަކު ހަވީރު ފިންޏަށް ނުކުމެ ހަމަ
އެ ގޮތަށް ހެއްޔެވެ؟ ހިތްހަމަ ޖެހިލައިގެން، ހަމަނޭވައެއް ދޫކޮށްލެވޭނީ ކޮން ދުވަހަކުން
ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ