ރައްކައުތެރިކަން ލިބޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ނޫންތަ؟ ތިމާ ކުރަން އަންގަވާފައި އޮތް ފުރަތަމަ ކަންތައް އެބަ ކުރެވޭތަ؟

ތަނަވަސްކަން ހުރިނަމަ ގޭގެވަށައިގެން ކެމެރާތައް ހަރުކުރަމުއެވެ. ހަށިފާރަވެރިން ބައިތިއްބަމުއެވެ. އަދި ދެންވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުއެވެ. ތަނަވަސްކަން ނެތްނަމަ މިބުނި ކަންކަން ނުކުރިޔަސް ގޭގެ ދޮރުތައް ލައްޕައި ތަޅުލަމުއެވެ.
މިހުރިހާ ކަމެއް މިކުރަނީ ކީއްކުރަން ހެއްޔެވެ؟ އެހެން މީހަކު ދީފާނެ ގެއްލުމަކުން ސަލާމަތްވެ ހުރުމަށެވެ. އަހުރެންގެ ސުވާލަކީ މިހުރިހާ ކަންކަން ކުރާއިރު ތިމާއަށް ކުރިމަތިވާންހުރި ހުރިހާ ނުރައްކަލަކުން ސަލާމަތްކޮސްދެއްވަވާނެ ފަރާތް، ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން މަސައްކަތް އެބަކުރެވޭ ހެއްޔެވެ؟
އެހެން މީހަކު ދީފާނެ ގެއްލުމަކަށް ބިރުގަތުމަކީ މީހާގެ ފިނޑިކަމެއް ނޫނެވެ. އަދި އުނިސިފައެއްވެސް ނޫނެވެ. ތިމާ އާއި އަދި އެހެން މީހުންވެސް އުފެއްދެވީ ﷲ ތަޢާލާއެވެ. ނަމަވެސް އުފެއްދެވި މީހުންގެ ތެރޭގައި ނުބައި ބައަކުވާކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވާފައެވެ.
އަދި އެމީހުންގެ ނުބައިކަމުން ރައްކައުތެރިވެ ތިބުމަށްޓަކައި ކުރަންވީ ކަންތައްވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދުމެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަމެވެ. (.) އެކަލާނގެ ހައްދަވާފައިވާ ތަކެތީގެ ނުބައިކަމުންނެވެ. (،)" (އަލްފަލަޤް: 1، 2)
ﷲ ތަޢާލާ މީސްތަކުން އުފެއްދެވީ ނުބައި ކަންކަން ކުރުމަކަށް ނޫނެވެ. ނަމަވެސް މީސްތަކުންނަށް ދެއްވެވި އިޚްތިޔާރުގެ ބޭނުން ނުބައި ގޮތުގައި ހިފަނީއެވެ. ނުބައި ޢަމަލުތައް ކުރަނީއެވެ. އަދި އެމީހުން ކުރާ ނުބައި ކަންކަމުން ރައްކައުތެރިކުރައްވަވައި ދެއްވެވުން އެދުމުން ރައްކައުތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ
ދެން ވިސްނައިލަންވީ ފުރަތަމަ އާޔަތަށެވެ. " ފަތިހުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަމެވެ." އޮތް ބަސްފުޅަށެވެ. ﷲ ތއާލާއީ އުޑުތަކާއި ބިންތަކާއި އެންމެހައި ތަންތަނުގައިވާ އެންމެހައި ތަކެތީގެ ވެރި ރަސްކަލާނގެއެވެ. މި ބަސްފުޅުގައި ފަތިހުގެ ވެރި ރަސްކަލާނގެ ކަމުގައި އޮތް އޮތުމަކީ ވަރަށް މުހިންމު ބަސްފުޅެކެވެ.
އެނގިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭމީހާ ފަތިހު ހޭލަންޖެހޭކަމެވެ. ފަތިސްނަމާދުކުރަންޖެހޭ ކަމެވެ. އަދި އެކަލާނގެއަށް ޛިކުރުކޮށް ދުޢާކުރަން ޖެހޭ ކަމެވެ. ފަތިހު ހޭލަންވީ ހަމައެކަނި ނަމާދުކުރާކަށް ވެސް ނޫނެވެ. ނަމާދުކޮށް ތިމާއަށް ބޭނުންވާ ރައްކައުތެރިކަންވެސް ލިބިގަތުމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން އެކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭ މީހާއަށް އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ