ރިސޯޓު ކްރިކެޓް މުބާރާތުގެ ތަށި ރީތިރަށަށް

ކްްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި 16 ވަނަ ރިސޯޓު ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތިރަށުން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ރީތިރަށުން ހޯދީ ފައިނަލުގައި ކޮންސްޓަންސް ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ގުރުދިމާވުމުން ކޮންސްޓަންސް ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން ވަން އެންޑް އޮންލީ ރީތިރަށުން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 140 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައިން 80 ލަނޑު ހެދި ކަސުން އެވެ. ޖަވާބުގައި ކޮންސްޓަންސް ކުޅުންއަރާ އަށް އޯވަރު ހަމަވިއިރު ހެދިފައިވަނީ 72 ލަނޑެވެ. މެޗު ވަންއެންޑްއޮންލީ ރީތިރަށުން ކާމިޔާބުކޮށްފައިވަނީ 68 ލަނޑުންނެވެ. ޖުމްލަ 15 ޓީމާއެކު ކުރިއަށްދިޔަ މުބާރާތުގެ ފައިނަލަށް ކޮންސްޓަންސް ދަތުރުކުރީ ސެމީގައި ޖުމެއިރާ މޯލްޑިވްސްއާ ވާދަކޮށް ތިން ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލުގެ ދެވަނަ ޖާގަ ރީތިރަށުން ހޯދާފައިވަނީ ފޯ ސީޒަންސް ކުޑަހުރާ އާއި ވާދަކޮށް 92 ލަނޑުންނެވެ. ފުރަތަމަ ސެމީގައި ޖުމޭރާ މޯލްޑިވްސް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 73 ލަނޑު ހެދިއެވެ. ޖަވާބުގައި ކޮންސްޓަންސް ކުޅެންއަރާ ހަތްވަނަ އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 76 ލަނޑު ހެދިއެވެ. ދެވަނަ ސެމީގައި ވަންއެންޑްއޮންލީ ރީތިރަށުން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 137 ލަނޑު ހަތަރު ކުޅުންތެރިން ހަދާފައެވެ. ޖަވާބުގައި ފޯސީޒަން ކުޑަހުރާ ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން 45 ލަނޑު ހެދިއެވެ. މުބާރާތުގެ ސެމީފައިނަލް މެޗްތަކުގެ މޭން އޮފްދަ މެޗަށް އިނާމް ދެއްވީ މިއަދު އަމްޕަޔަރު ލީމް ޝަފީގާއި އަލީ އިމްއާނެވެ. މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީތަކަށް އިނާމުދެއްވީ މުބާރާތުގެ ސްޕޮންސަރ އެމްއެމްއައި ކަންޓްރީ މެނޭޖަރ ޔޯހާން އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕަށް ތައްޓާއި މެޑަލް ހަވާލުކުރީ ކްރިކެޓް ބޯޑުގެ ރައީސް މުހަންމަދު ފައިސަލެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ފޯސީޒަން ކުޑަހުރާގެ އަކުރަމް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިއަކީ ވަންއެންޑް އޮންލީ ރީތިރަށުގެ ޕަސިންދު އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބޯލަރަކަށް ހޮވުނީ ފޯސީޒަންސް ކުޑަހުރާގެ ސެލްވާމް ރާޖާ އެވެ. މި މުބާރާތުގައި މިއަހަރު ކުރިއަށްދިޔައީ 15 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ