ފުވައްމުލަކުގައި މަލްޓިހަޒާޑް އާލީ ވާނިން ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވެދާނެ ކާރިސާތަކަށް ދުރާލައި ތައްޔާރުވުމަށް ޓަކައި މަލްޓިހަޒާޑް އާލީ ވާނިން ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފުވައްމުލައް ސިޓީގައި މިއަދު ފަށައިފިއެވެ. ސަރުކާރުން ބުނީ ގޮތުގައި، މި މަސައްކަތަކީ ސަރުކާރުން އިސްނަގައިގެން، ވޯލްޑް ބޭންކްގެ ހިލޭ އެހީގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޑީމެޑް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ. މި މަސައްކަތް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤާއި، ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ އިކޮނޮމިސްޓް އެންޑް ރެޒިޓެންޓް ކޯޑިނޭޓަރު އާޑެމް އަޓާޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ނިޒާމަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސެލްފޯޑްގެ "މޮބިލައިޒް" ޕްލެޓްފޯމް ބޭނުންކޮށްގެން، ފުވައްމުލަކުގެ ޖިއޯގަރަފިކް މައުލޫމާތާއި، ސެޓެލައިޓް އަދި އައިއޯޓީ ޑިވައިސްތަކުން ލިބޭ މޫސުމީ ޑޭޓާއަށް ބިނާކޮށް ގެއްލުންތައް އަންދާޒާކޮށް، ރައްޔިތުންނަށާއި ކަމާބެހޭ އިދާރާތަކަށް ދުރާލާ އިންޒާރު ދިނުމުގެ ގާބިލުކަން ލިބިގެންދާނެ ނިޒާމެކެވެ. މީގެ ސަބަބުން ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުންޏެވެ. ފުވައްމުލަކުގައި މަލްޓިހަޒާޑް އާލީ ވަނިން ސިސްޓަމް މަސަތްކަތް--ފޮޓޯ/ ޔޫއެންއެމް މިއަދު އިފްތިތާހުކުރީ މި ޕައިލެޓް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސެވެ. ސަރުކާރުން ބުނި ގޮތުގައި، ޖުމްލަ ދެ ފިޔަވަހި ހިމެނޭ މި ޕްރޮޖެކްޓް ނިމޭއިރު ފުވައްމުލަކު ސިޓީ ކައުންސިލްގައި "ލިވިން ލެބް" އެއް ޤާއިމްކުރެވޭނެއެވެ. އަދި މި ސިސްޓަމަށް ތިން އަހަރުގެ މުއްދަތަށް ޔުނިވާސިޓީ އޮފް ސެލްފޯޑްއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ