ރަހީނުކޮށް އަނިޔާކޮށްފައި ހުރި ދިވެއްސަކު ވެސް ހޯދައި، ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފި

މާލޭ ގެއެއްގެ ތެރޭގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހިފަހައްޓައި، އަނިޔާކުރި މައްސަލައެއްގައި 48 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގޭ އުމުރުން 48 އަހަރުގެ އިބްރާހީމް ސައީދެވެ. ފުލުހުން ބުނީ މާލޭ ގެއެއްގައި ހުއްދަ ނޫން ގޮތުގައި 44 އަހަރުގެ މީހަކު ހިފަހައްޓައި، އަނިޔާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ އެ ޚިދުމަތަށް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ކުރި މަސައްކަތުން، އަނިޔާލިބުނު މީހާ ހުރިތަން ހޯދުމަށްފަހު، ފުލުހުންވަނީ މިއަދު އެ މީހާ ސަލާމަތްކޮށްފައެވެ. އަދި އޭނާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި، އިބްރާހީމް ސައީދު ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ. ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެނެސްގޮސްފައެވެ. އެ މީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ގެންދަނީ މި މައްސލަަ ތަހުގީގު ކުރަމުންނެވެ. https://sun.mv/200638 ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓެއް، މިއަދު ހެނދުނު 06:00 ހާއިރު ވެސް ފުލުހުންނަށް ލިބުނެއެވެ. އެ ރިޕޯޓާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ ސަލާމަތް ކުރިއެވެ. ފުލުހުން ބުނީ އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައިވާ ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ އެޕާޓްމެންޓަށް ފުލުހުން ވަދެ ބެލިއިރު، ބެލްކަނީ ކައިރީ ބިންމަތީގައި އަނިޔާ ލިބުނު މީހާ އިން ކަމަށާއި އޭނާގެ ބޯ ބާލައިފައި ހުރިއިރު، އިސްތަށިތައް ބިންމަތީގައި ހުރި މަންޒަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ވެސް ކުށުގެ ވެށިން 12 މީހަކު ހައްޔަރުކުރިއެވެ. އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމަށް ފަހު އެމީހުން ދޫކޮށްލީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ