ލިސާން 04
"ތީ ރަނގަޅުކަމެއް ނޫން!" ކުއްލިއަކަށް ފަހަތުން އިވުނު އަޑާއެކު ނާވީ އެނބުރިލިއެވެ. ނާވީގެ ކުރިމަތީގައި ހުރީ އޭނަ ފަދަ ހަށިގަނޑުން ބިޔަ ޒުވާނެކެވެ. ފިރިހެންވަންތައެވެ. އިސްތަށިގަނޑުހުރީ ފެހިކުލައެއްގައެވެ. ހަމައެއާއެކު ލޮލުގެ ކުލަ ވެސް ހުރީ ފެހިކުލައިގައެވެ. ނާވީ އެ ޒުވާނާގެ ވާހަކައަށް ރައްދެއް ނުދެއެވެ. ހީވަނީ އޭނާ އެ ކުރަނީ ކުށެއްކަން އަމިއްލަ ނަފްސުވެސް ޤަބޫލު ކުރާހެންނެވެ. "ނާވީ... އަހަރެން މި ބުނި އެއްޗެއް އަޑު އިވުނުތަ؟" އަނެއްކާވެސް އޭނަ އަހައިލިއެވެ. "އަޑު އިވޭ އެބަ." ނާވީ ބުނެލިއެވެ. މަޑުމަޑުންނެވެ. "ދެން ކީއްވެ އެއްޗެއް ނުބުނެ ތި ހުންނަނީ؟ ތިކުރަނީ ކުށެއްކަން އެނގޭއިރު ވެސް..." އެ ޒުވާނާ ބުންޏެވެ. "ދައިސަމް...... ލޯބިވުމަކީ ކުށެއްތަ؟" އިސްއޮބާލައިގެން ހުރެ ނާވީ ސުވާލުކޮށްލިއިރު ހީވީ ކުރިމަތީގައި ހުރި އޭނާގެ އެކުވެރިޔާއަށް ވުރެ ބޮޑަށް އެ ސުވާލު އަމާޒުކޮށްލީ އޭނާގެ އަމިއްލަ ނަފްސާ ހެންނެވެ. އޭރު އޭނާގެ މުޅި އެތެރެ ހަށީގައި ވަރުގަދަ ހައިޖާނުގަނޑެއް ވަނީ އުފެދިފައެވެ. "ނާވީ... ކަލޭ ތިހެން އަހަރެން ކަައިރީ އަހާއިރުވެސް ތީގެ ޖަވާބު އެނގޭނެ. އަކުރުން އަކުރަށް ނުކިޔައި ދިނަސް ކަންތައްތައް ވިސްނޭވަރު މީހެއް ތީ. ކަލޭއަށް ދެރަގޮތެއް ވާކަށް އަހަރެންވެސް ނޭދެން. އަހަރެންމީ ކަލޭއަށް ހެޔޮ އެދޭ ގާތް ރަޙްމަތްތެރިއެއް. އަހަރެންގެ ނަޞޭޙަތެއް އަޑު އަހަންޏާ ތިކަން ހުއްޓާލާ. އިންސާނުންނާ ޖިންނީންނާ ގުޅިގެން އުޅުމަކީ ވާނޭ ކަމެއް ނޫން. އެކަހަލަ ގުޅުންތައް އާޚިރުގައި ނިމިދަނީ ކިހިނެއްކަން އަހަރެން ކޮންމެހެން ކަލެއަށް ކިޔައިދޭކަށް ނުޖެހޭނެ. އިންސާނުން ކިތަންމެ ނިކަމެތި ވިޔަސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އެމީހުންނަށް އަހަރެމެން އަންދާލުމުގެ ބާރު ލިބިފައިވާކަން.... ނާވީ... " ދައިސަމްގެ އަޑުގައިހުރީ ކަންބޮޑުވުމެވެ. އެކުވެރިޔާގެ އެ އަމަލުތަކާ މެދު ކަންބޮޑުވެފައިވާކަން ސާފުކޮށް އެ ވާހަކަތަކުން ދޭހަވަމުން ދިޔައެވެ. "އެކަމަކު... " ނާވީ ފުންނޭވާއެއް ދޫކޮށްލިއެވެ. ލޯބި ނުލިބި އުޅެނިކޮށް އޭނާގެ އަތުން ލޯބި ބީވެގެން ދަނީ ހެއްޔެވެ؟ "އަހަރެން އޭނަ ދެކެ ލޯބިވޭ! ވަރަށް ބޮޑަށް." "ނާވީ... އަހަރެންގެ ނަސޭހަތް އަޑު އަހާ. ކަލޭގެ ނަޒަރުގައި ތީ ލޯބި ނަމަވެސް، އެ އިންސީގެ ދުނިޔޭގައި އެމީހުން ތިޔަށް ކިޔައި އުޅެނީ އަވަލުން. ޖިންނި އަވަލުން! އެކަމުން ސަލާމަތްވާން އެމީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. އަނެއްކޮޅުން ތިކަން އެނގިގެން އަހަރެމެންގެ ތެރޭގައި އުފެދިދާނެ ހައިޖާނުގަނޑަކާ މެދު ވެސް ނުވިސްނަންތަ؟ އިންސާނުންނާ ގުޅުން ބޭއްވުމަކީ އަހަރެމެންނަށް މަނާ ކުރެވިފައިވާ ކަމެއް. އަދި އަމްދުން ކަލޭ..... މި ބުނާ އެއްޗެއް އެނގެ ދޯ އެބަ." ދައިސަމް ވާހަކަ ހުއްޓައިލަމުން ސުވާލުކޮށްލިއެވެ. މާޔޫސީ ކުލަވަރުތައް ނާވީގެ މޫނުމައްޗަށް ވެރިވުމާއެކު ލީ ފުން ނޭވާއާ އެއްކޮށް އޭނަ ލޯމަރައިލިއެވެ. އޭނާއަށް މާކުރިންވެސް އެނގޭ އެ ޙަޤީޤަތް އެހެން މީހެއްގެ ދުލުން އަޑު އިވުމުން މާ ހިތަށް ތަދުވެއްޖެއެެވެ. ދައިސަމް އެބުނީ ތެދެކެވެ. އޭނާ އަކީ އެހެން ނަސްލެއްގެ މަޚްލޫޤެކެވެ. އެއީ ބަދަލުނުކުރެވޭނެ ޙަޤީޤަތެކެވެ. އެހެންނަމަވެސް އޭނާ ރަނީމް ދެކެ ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ލޯބިވެވުނީ ގަސްތަކު ނޫނެވެ. އެއީ ނުވެސް އެނގި ހުއްޓާ އޭނާގެ ހިތުގައި އުފެދުނު އިޙްސާސްއެކެވެ. ޖަޒުބާތެކެވެ. ފުރަގަސް ދޭން އުޅެ އުޅެވެސް އެ ލޯތްބަކަށް ފުރަގަހެއް ނުދެވުނެވެ. އެތަކެއް ދުވަހަކަށްފަހު، ރަނީމްގެ ކުރިމަައްޗަށް އަރަން މަޖުބޫރު ކުރުވީވެސް ހަމަ އެހިތުގައިވާ އިޙްސާސްތަކެވެ. އެހެން ހުރެފައި ދައިސަމްއަށް ބަލައިލުމަށްފަހު ނާވީ ގެއްލުނީއެވެ. އެއާއެކު ދައިސަމްއަށްވެސް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އިންސާނުންނެކޭ އެއްގޮތަށް އެމީހުން ޖިންނީންގެ ތެރޭގައިވެސް އުސޫލުތަކެއް އޮވެއެވެ. ކިޔަމަންވާންޖެހޭ ވެރިންވެސް ތިބެއެވެ. އެއީ ނާވީވެސް ކުރިމަތިލާން ޖެހޭ ހިތި ޙަޤީޤަތެކެވެ. ***** ނާވީއާ ދިމާވިފަހުން ރަނީމްގެ ހިތާ ސިކުނޑީގައި އަބަދާ އަބަދު ރަސްކަންކުރަމުން ދަނީ ނާވީގެ ޚިޔާލުތަކެވެ. ނާވީއާ އަލުން ބައްދަލުވެ ވާހަކަ ދައްކާލަން އޭނާގެ ހިތް އެދެން ފެށިއެވެ. ހަމައެއާއެކު އޭނާއަށް ގިނަގިނައިން އެ ރުއްފަލަށް ދެވެން ފެށިއެވެ. ނާވީ ފެންނާނެކަމުގެ އުންމީދުގައެވެ. އެ ދުވަހުގެ ބައްދަލުވުމަށްފަހު، ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރުވެސް ނާވީގެ ޚަބަރެއް ނުވުމުން ރަނީމް ނިންމީ ނާވީ އެ ރަށުން ފުރައިގެން ދިޔައީ ކަމުގައެވެ. އެއާއެކު، އޭނާގެ ހިތް މާޔޫސްވާގޮތްވިއެވެ. ނާވީ އޭނާގެ ގާތުގައި ބުނެވެސް ނުލާ ދިޔުމުން ހިތުގައި ޝަކުވާ އުފެދުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނީ، އެންމެ ދެ ދުވަހެއްގެ ބައްދަލުވުމެއްގެ މެހެމާނެއް އެގޮތަށް ފުރައިގެން ދިޔުމަކީ އަދި އޭނާގެ ހިތުގައި، ޝަކުވާ އުފެދި ދެރަވާން ޖެހޭ ކަމެއް ނޫންކަމުގައެވެ. އޭނާއަށް ނާވީ ޚާއްސަވިހެން ނާވީއަށް އޭނާ ޚާއްސަވާކަށްވެސް ނުޖެހޭނެއެވެ. ވީއިރު ނާވީގެ ފަރާތުން އެއްވެސްކަމަކަށް އުންމީދުކުރުމަކީވެސް ކޮށްގެންވާނެކަމެއް ނޫނެވެ. ***** އިރުއޮއްސެމުން ދިޔަ ވަގުތެވެ. ފަޅުރަށެއްގެ ގޮނޑުދޮށުގައި އޮށޯވެލައިގެން ނާވީ އޮތެވެ. ފެންނަމުން ދިޔަ ޤުދުރަތީ ފުރިހަމަ މަނާޒިރަށް ނަޒަރު ހުއްޓާލައިގެންނެވެ. އުޑުމަތީގައި ހީވަނީ ކުލަ ޖައްސާލާފައި ވާހެންނެވެ. ހިތްގައިމުކުލަތަކަކުން ވަނީ އުދަރެސް ޖަރީވެފައެވެ. އެ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނާގެ ހިތުގައި ރަސްކަންކުރަމުން ދިޔައީ ރަނީމްގެ ޚިޔާލުތަކެވެ. އެ އަންހެން ކުއްޖާ ފުރަތަމަވެސް އޭނާއަށް ފެނުނީ އެ ރުއްފާ ތެރެއިންނެވެ. އޭނާ އިނީ ރަނީމް އިށީން އުނދޯލި ހުރި ގަހުގެ އޮފިގަނޑެއްގެ މަތީގައި އިށީނދެލައިގެންނެވެ. ރަނީމްގެ ރީތިކަމާއި ފުރިހަމަކަން ނާވީގެ ހިތުގެ އެންމެ ހިމަނާރަަށް ވެސް އަސަރު ފޯރުވިއެވެ. ހިތް އެދުނީ ވާހަކަ ދައްކާލުމަށެވެ. ރަނީމްއާ މެދު ޝައުޤު ވެރިވެވުނީތީއެވެ. އެހެންނަމަވެސް، އަމިއްލަ ހިތަށް އެއީ ގޯހެއްކަން ވިސްނައިދެމުން ނާވީ އެކަމުން މަނާވެގަތީއެވެ. އެކަމަކު އެގޮތުގައި އޭނާއަަށް ކެތެއް ނުވިއެވެ. އޭނަގެ ނުކިޔަމަންތެރި ހިތުގައި ވި އަސަރުތައް ހިންދާލަން އުނދަގޫވީއެވެ. ރަނީމް ފެނޭތޯ ނާވީ އެތަނަށް ދިޔަ ތިން ދުވަހުވެސް ހަވީރު ގަޑީގައި ރަނީމް އެތަނުގައި އިންދާ ފެނުނެވެ. އެންމެފަހުން ކެތް ނުކުރެވި އޭނާ ރަނީމްގެ ކުރިމައްޗަށް އެރީ ރަނީމް އެންމެ ފުރަތަމަ ފެނުނުތާ ތިން ހަފްތާވެސް ވީފަހުންނެވެ. އެ ދުވަހުގެ ފަހުން ރަނީމްގެ ހަރަކާތަކަށް ފާރަލެވެން ފެށުނީވެސް ބޭއިޚްތިޔާރުގައެވެ. އެންމެ ގާތް ރަޙްމަތްތެރިޔާ ދައިސަމްއަށް އެކަން އެނގި، ނަސޭހަތް ދިންނަމަވެސް ނާވީއަށް އޭނާގެ އަމިއްލަ ނަފްސާ، ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އޭނާގެ ހިތުގައި ރަނީމްއަށްޓަކައި ޖަހަމުން ދިޔަ ލޯބީގެ ހުޅުކޮޅެއް ނިއްވައެއް ނުލެވުނެވެ. "އެނގޭ މިކުރެވެނީ ކުށެއްކަންވެސް. އެކަމަކުވެސް، އަހަރެން ކިހިނެއް އަހަރެންގެ ހިތަށް ބާރު ފޯރުވާނީ. އަހަރެންގެ ހިތް ރަނީމް ދުށުމަށް އެބަ ބޭޤަރާރުވޭ. ކެތްކުރުމަކީ ނުހަނު ދަތި އުނދަގޫކަމަކަށް ވެއްޖެ. ރަނީމްގެ ހިތުގައި އަހަންނާ މެދު އެއްވެސް އިޙްސާސްއެއް ވޭބާ؟ އެންމެ ދެ ރޭގެ ބައްދަލުވުމުން އޭނާ އަހަންނާ މެދު ޝައުޤުވެރިވާނެބާ؟ އަހަނަންނަށް އިންތިޒާރު ކުރާނެބާ؟ ރަނީމް… އަހަންނަށް ކެތެއް ނުކުރެވޭނެ… ދުރުގައި ހުންނަން މަސައްކަތްކުރެވިއްޖެ. އެކަމަކު، ރަނީމް ނުފެނި މި ވީ ދުވަސްތަކުގައި އަހަންނަށް ވީ ގޮތް ބުނެދޭންވެސް ނޭނގޭ… އެނގޭ ކުށެއްކަން… އަދި އަމްދުން އަހަރެން…." އެހެން ބުނެލާފައި ލީ ފުންނޭވާއާއެކު، ނާވީ ތެދުވެ އިށީނެވެ. އޭރު ދޮންވެލި ކޮންމެވެސް ވަރަކަށް އޭނާގެ ބުރަކަށީގައި ތަތްލާފައި ހުއްޓެވެ. ނާވީ ކުއްލިއަކަށް ތެދުވިއެވެ. އެ ދޮންވެލި ތުނޑިމަތީގައި އޭނާ ދުއްވައިގަތެވެ. ވަކި ހިސާބަކުން ވެލިގަނޑުން އޭނާ މައްޗަށް އަރަން ފެށުމާއެކު، އޭނާގެ ވަށައިގެން ނޫފެހި އައްޔެއް އުފެދިގެން ދިޔައެވެ. ދެން ހީވީ ފިޔަގަނޑަކުން ފިޔަޖަހާލާފަައި އުދުހިގެން ހެންނެވެ. ފިޔަގަނޑެއް ފާޑު އެއްޗެއް ނާވީގެ ބުރަކަށީގެ ދެފަރާތުން ހުޅުވިގެން ދިޔަހެން ސިފަވިއިރު، ބިއްލޫރި ފަދަ ގޮތެއް ހުރިހެންވެސް ހީވިއެވެ. އޭގެން ވެސް އަރަމުން ފެހިނޫ އައްޔެކެވެ. ހުރިހާކަމެއްވެސް ވީ ވަރަށް ހަލުވި މިނުގައެވެ. އުނދޯލީގައި އިން ރަނީމް ވަށައިގެން ބަލައިލިއެވެ. ފުނަ ގަސްތަކާ ދިމާލަށް ނަޒަރު ހުއްޓުމާއެކު، އޭނާ އަށް އިރުކޮޅަކު އެ ދިމާލުން ނަޒަރު ވަކިކޮށްލަން ނޭނގިފައި އިނދެވުނެވެ. ކުރިން ދުވަހެއްގެ ހަނދާން އާވީއެވެ. ނާވީ އޭނާއާއި ބައްދަލުވުމުގެ ކުރިން އެތަނުގައި ހުރިހެން އޭނާއަށް އެއްދުވަހަކު ހީވިއެވެ. "ރަނީމް…" ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ފިރިހެންވަންތަ އަޑެކެވެ. އާއެކެވެ. އެއީ ނާވީ ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. "ނާވީ…" އެނބުރިލުމާއެކު ރަނީމްއަށް ގޮވައިލެވުނެވެ. ނާވީ ހުރީ ހިނިތުންވެލައިގެންނެެވެ. "އަހަރެންތަ ތި ހޯދަނީ؟" ނާވީ ސުވާލު ކޮށްލިއެވެ. "އުހުމް. ނު... ނޫން…" ރަނީމްއަށް ބުނެވުނެވެ. ތެދުހަދަން ބޭނުންވި ނަމަވެސް ދުލުން ނުކުތީ މުޅީން އިދިކޮޅަށެވެ. ނާވީއާ މެދު އޭހާ އަވަހަށް ޝައުޤުވެރިކަން ދައްކަން އޭނާ ބޭނުންނުވަނީއެވެ. "އަދިވެސް މި ރަށުގައި އެބަ އުޅެންތަ؟" އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލަމުން، ރަނީމް ސުވާލުކޮށްލިއެވެ. "މިއަދު މިއައީ. އެންމެ ފުރަތަމަވެސް މިއައީ މިތަނަށް. އަހަންނަށް އެނގޭ މިތަނުން ރަނީމްއާ ދިމާވާނެކަން." ނާވީ ބުންޏެވެ. "އެހެންވެދޯ މި ދިޔަ ދުވަސްތަކުގައި ނާވީ ނުފެނުނީ." ރަނީމް ބުނެލިއެވެ. "ރަނީމްގެ ކައިރީގައި ބުނެލުމެއް ވެސް ނެތި ދޯ ދެވުނީ… އެކަމަށް މާފަށް އެދެން." ނާވީ ބުންޏެވެ. "އުހުމް… އެހެންނެއް ނޫން…ނުފެނުނީމަ." ރަނީމްއަށް ހީވީ އޭނާގެ މޫނުމަތީގައިވި އަސަރުތަކުން އެ ހިތުގައިވި އެއްޗެއް ނާވީ ދެނެގަތީ ހެންނެވެ. އެހެންކަމުން އޭނާ އެ އަސަރުތައް ވަންހަނާކުރަން މަސައްކަތްކުރިއެވެ. "ދެން ބުނެބަލަ. އަހަރެން މަތީން ހަނދާންވިތަ؟" ދުރުދުރުން ވާހަކަ ފެށުމުގެ ބަދަލުގައި ނާވީ ވާހަކަ ފެށީ ސީދާ މައުޟޫ އަށެވެ. އޭނާ ރަނީމްގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. ރަނީމް އިނީ ދޭންވީ ޖަވާބެއް ނޭނގިފައެވެ. ނާވީ އެހާ ސީދަލަށް އެހެން އެހުމުން ފާޑެއްގެ ގޮތެއް މެއަށް ވެގެން ދިޔައެވެ. ރަނީމް ހިމޭންކަމުގައި ހުއްޓާ ދެންވެސް ވާހަކަ ދެއްކީ ނާވީއެވެ. "އަހަރެން ހަމަ ގައިމުވެސް ރަނީމް މަތިން ވަރަށް ހަނދާންވި. ރަނީމްވެސް އަހަރެން މަތީން ހަނދާންވާނެކަމަށް އަހަރެން ހީކުރީ…" ނާވީ ބުނެލިއެވެ. "އަހަންނާ ނާވީ މާގިނައިން ދިމައެއްވެސް ނުވެއެއްނު." ރަނީމް ބުނެލިއެވެ. "އޭގެ މާނައަކީ ރަނީމް އަހަރެން މަތިން ހަނދާނެއް ނުވެޔޭތަ؟" ނާވީ އެހެން އަހައިލިއިރު ލާނެތް ހިނިތުންވުމެއް އެ ތުންފަތް މަތީގައި ވެއެވެ. އޭނާ ހީވަނީ ރަނީމްގެ ދުލުން ހަޤީޤަތް ބުނުވަން ބޭނުންވެގެން އުޅޭހެންނެވެ. ނާވީގެ ތުންފަތް މަތީގައި ދުވެލަދުވެލާ ހުރި ލުއި ހިނިތުންވުމާއެކު، އޭނާގެ ވާހަކަ ދެއްކުމުގައި ހުރި އަސަރުތައް ދިޔައީ ރަނީމްގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ފޯރުވަމުންނެވެ. ކާކުކަން ނޭނގޭ އެ ސިއްރުވެރި ޒުވާނާއާ މެދު، ރަނީމްގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ކުރިފަޅާ ހެދެމުން ދިޔައެވެ. އޭނަ ވާހަކަ ދައްކާއިރު އެ ހުންނަ މަޑުމައިތިރިކަމާއި ހިތްދަމައިގަންނަ ފަދަ އަސަރުތަކުން، ރަނީމްއަށް އަސަރުކުރަމުން ދިޔައެވެ. އެކަން ނާވީއަށް ވެސް އެނގުނެވެ. "ނުވެސް އަހާނަންތަ އަހަރެން ރަނީމް މަތީން އެހާ ހަނދާންވީ ކީއްވެތޯއެއް؟" ނާވީ ސުވާލުކޮށްލިއެވެ. "ކީއްވެގެން؟" ރަނީމްއަށް ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވުނެވެ. ނާވީއާ ވާހަކަ ދައްކަން ޚުދު އޭނާގެ ހިތްވެސް ދިޔައީ ބާރު އަޅަމުންނެވެ. ހިތުގައި އުތުރި އަރަމުންދިޔަ އިޙްސާސްތައް އެކަމަށް އޭނާއަށް މަޖުބޫރުކުރުވަމުން ދިޔަ ފަދައެވެ. އެހެންނަމަވެސް ނާވީއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ކުއްލިއަކަަށް ވަރަށް ބާރު އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ރަނީމް ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ވެސް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ. ރުކުން ވެއްޓުނު ކާށި ފެނުމާއެކު އޭނާއަށް މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. ރަނީމްއަށް ނުފެނުނު ނަމަވެސް، ނާވީއަށް އެތަނުގައި ހުރި ދައިސަމް ފެނުނެވެ. ދައިސަމް އޭނާގެ ގާތުގައި ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭކަން ނާވީއަށް އެނގުމާއެކު، އޭނާ ރަނީމްއަށް ބަލައިލާފައި ވާހަކަ ދެއްކިއެވެ. "ރަނީމް. އަހަރެން މިވަގުތު ދާން ޖެހިއްޖެ." ނާވީ ބުނެލިއެވެ. ވާހަކަ މެދުކަނޑާލާފައި ދާން ބޭނުން ނުވިއެއްކަމަކު، ނާވީއަށް އެވަގުތު އެ ނޫން ގޮތެއް ނެތެވެ. "ކުއްލިއަކަށް؟ އެއީ ކީއްވެ؟" ރަނީމްއަށް އެހެން ބުނެވުނީ އިޚްތިޔާރުން ބޭރުންނެވެ. ހީވީ އެވަގުތުކޮޅު، އަމިއްލަ ހިތުގެ ލަގަން އޭނާގެ އަތުން ދޫވެގެން ދިޔަހެންނެވެ. "ކުޑަކަމަކު…. އަހަރެން ދާން ރަނީމް ބޭނުންނުވަނީތަ؟" އެއްފަހަރު ދައިސަމް ހުރި ދިމާލަށް އަނެއްފަހަރު ރަނީމްއަށް ބަލައިލާފައި ނާވީ ސުވާލުކޮށްލިއެވެ. ރަނީމްއަށް އޭނާއަށް ބުނެވުނު އެތި އިޙްސާސްވީ ދެނެވެ. މުޅި މިހާ ލަދުން ހަލާކު ވާވަރުވިއެވެ. އިސްޖަހައިލެވުނީ އެހެންވެގެންނެވެ. "އަހަންނާ ބައްދަލުވެ ވާހަކަ ދައްކަން ރަނީމް ވެސް ތިހުރީ ބޭނުންވެފައިކަން އެނގޭ. އެކަމަކު މިވަގުތު އަހަންނަށް ހުރެވޭކަށް ނެތް. މިރޭ…. މިރޭ ރަނީމް މިތަނަށް އާދޭ. އޭރުން އަހަންނާ ދިމާވާނެ." ނާވީ ބުނެލިއެވެ. ނާވީ ދާތީ މާޔޫސްވެފައިވާ ރަނީމްގެ ހިތަށް ކުޑަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ހިތުގައި ހީވީ މީހަކު މަޑުމަޑުން ފިރުމައިލިހެންނެވެ. ނާވީގެ ސަބަބުން އޭނާއަށް އެ އަންނަމުންދާ ބަދަލުތަކުން ރަނީމް ހުންނަނީ އަޖައިބުވެފައެވެ. އެހެން އެއްވެސް މީހަކު ފެނިގެން ނުވާ ގޮތްގަތެއް އޭނާއަށް ނާވީ ފެނުމުން ވެއެވެ. ނާވީގެ ފިރިހެންވަންތަ ކަމަށް އޭނާއަށް ތަޢުރީފް ކުރެވެއެވެ. ވާހަކަ ދެއްކުމުގައި އެ ހުންނަ ހަމަތަކާއި މަޑުމައިތިރިކަމަށް އޭނާގެ ހިތް ލެނބިގެން ދަނީއެވެ. ނުވެސް އެނގި ހުއްޓައެވެ. "ރަނީމް ވެސް ދެން ގެއަށް ދާންވީނު. އިރުކޮޅަކުން ބަންގި ގޮވާނެ." ނާވީ ބުނެލިއެވެ. އެއާއެކު ރަނީމް ފޯނުން ގަޑި ބަލައިލިއެވެ. ނާވީ އެބުނީ ތެދެކެވެ. ބަންގި ގޮވަން ދެން މާގިނަ އިރެއް ނެތެވެ. "އަހަރެން އަދި މިތާ މަޑުކޮށްލާފަ ދާނީ…" ރަނީމް ބުނެލިއެވެ. "އިރުއޮއްސޭ ވަގުތަކީ އެކަނި އިނުން މާ ރައްކާތެރި ވަގުތެއް ނޫން. އަދި އެވެސް މިކަހަލަ ތަނެއްގައި." ނާވީ ބޭނުންވަނީ ރަނީމް އެތަނުން ފޮނުވާލާށެވެ. "ނާވީ އަނެއްކާ ބިރުގަންނަނީތަ؟" ރަނީމް ސުވާލުކޮށްލިއެވެ. ކުޑަކޮށް ސަމާސާ ގޮތަކަށެވެ. "ނޫން. އަހަރެން މިހެން ބުނާ ސަބަބު ރަނީމްއަށް އެނގެއެއްނު. އިންސާނުން ނޫނަސް އެހެން މަޚްލޫޤުންވެސް ދުނިޔޭގައި އުޅޭ." ނާވީ ބުނެލިއެވެ. ބަންގި ގޮވީ އެވަގުތެވެ. ރަނީމް ތެދުވިއެވެ. ނާވީގެ ވާހަކައަށް އާބަސްދީފައި، އޭނާ ގެއާ ދިމާލަށް ހިނގައިގަތެވެ. ފަސް އެނބުރުނުއިރު، ނާވީ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. "ނާވީ…" ދައިސަމް އައިސް ނާވީގެ ކައިރިއަށް ހުއްޓުނެވެ. "އަހަރެން އެވަރަށް ކީމަވެސް ތިކަންތައް ހުއްޓާކަށް ނޫޅެން ދޯ. ތިކަމުން ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭވެސް ކަލޭ ނުވިސްނަނީތަ؟" "އެހެންވެގެންތަ ކަލޭ އަހަރެން ހުއްޓުނީ. އަހަރެން އޭނަ ދެކެ ލޯބިވާ ވާހަކަ ބުނަން އުޅުނީމަ އެކަމަށް ހުރަސް އެޅީ؟" ނާވީ ސުވާލުކޮށްލިއެވެ. އޭނާ ހުރި ހިތްހަމަ ނުޖެހިފައެވެ. "އަަހަރެންގެ ނަސޭޙަތެއް އަޑު އަހަންޏާ ކަލޭ އެ އިންސިއާ ބައްދަލުކުރުން ހުއްޓައިލާ. ކަލޭގެ މައިންބަފައިން މިއަދުވެސް ކަލޭ ވީތަނެއް ނޭނގިގެން ހޯދި. އެ ވާހަކަ ބުނަންށާ އެކީ މިއައީ. އެމީހުންނަށް ތިކަން އެނގުނީމަ ދެން ވާނެ ގޮތެއް އެނގޭތަ؟" ދައިސަމް ބުނެލިއެވެ. "އަހަރެންގެ އަމިއްލަ އިޙްސާސްތަކަކީ އަހަންނަށް މިހާރު ބާރު ފޯރުވޭ އެއްޗެއް ނޫން. ރަނީމް ނުފެނިއްޖެނަމަ އަހަންނަށް ވާ ގޮތެއް ނޭނގެ. އަބަދުވެސް ބޭނުންވަނީ ރަނީމްއާއެކު ރަނީމްގެ ކައިރީގައި ހުންނަން." ނާވީ ބުންޏެވެ. އޭނާ ރަނީމް ދިޔަ ދިމާލަށް ބަލައިލިއެވެ. އޭރު ރަނީމް ގެއަށް ވަދެއްޖެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ