އެމެރިކާ ބަލިކޮށް މެކްސިކޯ އިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި

މިހާރު ކެނެޑާ އާއި އެމެރިކާގައި ކުރިއަށްދާ ކޮންކާކަފް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ ފަތިހު، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށް، މެކްސިކޯ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި އެވެ.
މުބާރާތުގެ ފައިނަލުން އެމެރިކާ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގަައި 2-1 ގެ ނަތީޖާއަކުން ގުއަޓަމާލާ ބަލިކުރުމަށްފަހު އެވެ. އަދި މެކްސިކޯ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ހޮންޑިއުރަސް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެމެރިކާ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކްރިސް ރިޗަޑްސް އެވެ. މިއީ މެކްސިކޯގެ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ސެބަސްޓިއަން ބާހެލްޓަރ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެކްސިކޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމިނޭޒް އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު މާސެލް ރުއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުން މެކްސިކޯ މޮޅުވި ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެޑްސަން އަލްވަރޭޒް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ޕްރެމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ އަލްވަރޭޒް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މެކްސިކޯގެ ލުއިސް މަލަގޯން އެވެ. އަދި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ހަ ގޯލު ޖެހި ޕެނަމާގެ އިސްމާއިލް ޑިއާޒް އެވެ. އަދި ފެއާޕްލޭ ޓީމަކީ އެމެރިކާ އެވެ.
މީއީ މިމުބާރާތުގެ ފައިނަލުގައި މިދެޓީމުނަ ވާދަކުރި އަށްވަނަ ފަހަރެވެ. އޭގެ ތެރެއިން ހަ ފައިނަލް މެކްސިކޯ ކާމިޔާބު ކޮށްފައި ވާއިރު، އޭގެ ތެރެއިން އެމެރިކާ އަށް ކާމިޔާބުކުރެވުނީ ދެ ފައިނަލެވެ.
ގޯލްޑް ކަޕުގެ މިހާތަނަށް ބޭއްވި 18 މުބާރާތުގެ ތެރެއިން 10 ފަހަރު މެކްސިކޯ އިން ޗެންޕިއަންކަން ހޯދިއިރު، އެމެރިކާ އިން ވަނީ ހަތް ފަހަރު މުމުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދެޓީމު ނޫން އެހެން ޓީމަކަށް މިމުބާރާތް ކާމިޔާބުކުރީ ކެނެޑާ އިންނެވެ. އަދި ގޯލްޑް ކަޕްގެ ކުރިން މި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބާއްވަމުން އައީ ކޮންކާކަފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ވެސް އެންމެ ކާމިޔާބު ދެ ގައުމުގެ ތެރޭގައި މެކްސިކޯ ހިމެނެ އެވެ. އެގޮތުން މެކްސިކޯ އިތުރުނއ ކޮސްޓަރިކާ އިން ވެސް ވަނީ ކޮންކާކަފް ޗެމްޕިއަންޝިޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ