އާ ޓާމިނަލުގެ ހުރިހާ ކުރެޑިޓެއް ދޭން ޖެހޭނީ ކުރީ ސަރުކާރަށް: އަމީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ފަސެންޖާ ޓާމިނަލްގެ މަސައްކަތުގެ ހުރިހާ ކްރެޑިޓެއް ދޭން ޖެހޭނީ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.  
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ވީއައިއޭގެ އައު ޓާމިނަލްގެ ކްރެޑިޓް ކުރީގެ ރައީސް އަބްދުالله ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ނަންގަވަން އުޅޭ ކަމަށެވެ.
އެހެން ނަމަވެސް އެ މަސައްކަތުގެ ހުރިހާ ކްރެޑިޓެއް ދޭންޖެހޭނީ ނިމިދިޔަ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކަމަށް އޭނާ ވިދާަޅުވިއެވެ.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ކޮންޓްރެކްޓް އެވޯޑްކޮށް ޕްރޮޖެކްޓް ސައިންވެސް ކޮށްފައި އޮތީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރަށް. 250 މިލިއަން ޑޮލަރު ލިބިފައި އޮތީ އޭރު. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އޭގެ ފައުންޑޭޝަން މަސައްކަތް އެކަނި ކުރެވިފައި އޮތީ. ޕްރޮޖެކްޓް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި. ކޮންޓްރެކްޓް އެވޯޑް ކުރުމުގެ މަރުހަލާގައުވެސް ވަރަށް ގިނަ މައްސަލަތައް ހުރީމަ، ކޮންޓްރެކްޓަރާ ސަރުކާ ދެމެދުވެސް މައްސަލަތައް ހުރި. އަޅުގަނޑުމެން އެ މައްސަލަ ހައްލުކޮށް އިތުރު އެޑެންޑަމެއްގައި ސޮއިކޮށްގެން އެ މަސައްކަތް އަލުން ފެށީ
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
މިއާއެކު އަމީރު ވިދާޅުވީ، އޭރު މިހާރު މި ފެންނަ ގޮތަށް ޓާމިނަލުގެ ކުރިމަތިން ފެންނަ ރީތިކަމެއް ވެސް ނެތް ކަމަށާ، އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު އޭރު އޮތް ޑިޒައިނަކީ ”ކޮންޓެއިނަރެއްހެން އިން ފޮއްޓެއް“ ކަމަށެވެ. 
އެހެން ނަމަވެސް، އެތަނަކީ ރާއްޖޭގެ ރަމްޒީ ޑިޒަނަކަށް ހެދުމަށް މިހާރު އެ ހުރި ރީތި ޑިޒައިނަށް ބަދަލުކޮށް، އެތެރޭގެ ޑިޒައިންތައް ވެސް ރައީސް ޞާލިޙްގެ އިރުޝާދުގެ ދަށުން ބަދަލު ކުރެވުނު ކަމަށް އަމީރު ވިދާޅުވިއެވެ. 
އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމަށް ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ފަންޑިން އެޖެންސީސް ތަކާއި ވާހަކަ ދައްކައިގެން ޕްރޮޖެކްޓަށް ނުލިބިހުރި ފައިސާ ހޯދާފައިވާ ކަމަށެވެ.
"500 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް އެއީ. ނުލިބިހުރި 200 މިލިއަން ޑޮލަރު ހޯދައިގެން މަސައްކަތް ކުރީ އަޅުގަނޑުމެންގެ ސަރުކާރުން. އެހެންވީމާ މިހާރު ތިފެންނަ ރީތި ޕެސެންޖާ ޓާމިނަލް އަދި އެތެރޭގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް ވެސް ހުރިހާ މަސައްކަތެއްގެ ފުރިހަމަ ކްރެޑިޓެއް ދެވޭނީ މިދިޔަ ސަރުކާރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް. ރައީސް ޔާމީން ވެސް އަދި ރައީސް މުއިއްޒު ވެސް މި ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގަން އުޅޭތީ މިކަންކަން މި ފާހަގަކޮށްލީ."
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ، ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ މި ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނަނީ މި މަހު 26ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ