ބަލިޙާލެއްގައި އޮންނަން ޖެހުނަސް، މަސައްކަތް ނުކުރެވޭ ޙާލަތެއް ކުރިމަތިވިޔަސް އޮތީ އުފާކުރުން! އެއީ މިންވަރުކުރައްވަވާ ބޮޑު ރަޙްމަތެއް! އިން ޝާ ﷲ!: މުފްތީ މެންކް

ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ބައަކު މަރުވެއެވެ. އެމީހުންގެ ޢުމުރަށް ބަލާށެވެ! މުސްކުޅި ޢުމުރު ނުލިބި ގިނަ ބައަކު މަރުވާކަން އެނގޭނެއެވެ. އަދި އެއްވެސް ބައްޔެއް ނުވެވެސް ގިނަ ބައަކު ހަމަ ކުއްލިއަކަށްވެސް މަރުވެއެވެ. އެ އެންމެންގެ ފުރާނައަށްވެސް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން
އަނެއްބައަކު މަރުވަނީ މުސްކުޅި ޢުމުރުގައި ގިނަ ދުވަސްތަކަކު ދުނިޔޭގައި އުޅުމަށް ފުރުޞަތު ލިބިފައެވެ. އަދި ބައެއް މީހުން މަރުވަނީ ބޮޑެތި ބަލިތަކުގައި ގިނަ ދުވަސްތަކެއް ވޭތިކުރުމަށްފަހުގައެވެ. އަދި ބައެއް މީހުން މަރުވަނީ ބަލީގެ ބާވަތުން ދެން ބަލިފަސޭހަނުވާނެކަމަށް ޑޮކްޓަރުން ބުނާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
މިހާލަތު އެއްވެސް މީހަކަށް މިންވަރުކުރައްވަވައިފިނަމަ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ. އެހެނީ އެމީހަކަށް އެދެއްވަވަނީ މަރަށް ތައްޔާރުވުމުގެ ފުރުޞަތެވެ. ތައުބާވުމުގެ ފުރުޞަތެވެ. ހެޔޮ އމަލުތައް ކުރުން ގިނަކުރަން ހިތްވަރު ލިބިގަތުމުގެ ފުރުޞަތެވެ. ދުނިޔޭގައި ހުރެ މީސްތަކުންގެ ޙައްޤުތަކުން ސަލާމަތްވުމުގެ ފުރުޞަތެވެ!
ބައެއް މީހުންނަށް ޒުވާން ޢުމުރުގައިވެސް ކޮންމެވެސް ކަމެއް ދިމާވެ މަސައްކަތްކޮށް ނުއުޅެވޭނެ ގޮތް މެދުވެރިވެދާނެއެވެ. ދުނިޔަވީ ގޮތުން ބަލައިފިނަމަ އެއީ ހިތާމަކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި އާޚިރަތަށްދާން ދެއްވެވި ފުރުޞަތެއް ކަމަށް ޤަބޫލުކޮށްފިނަމަ ހިތާމަކުރާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
ވީމާ މިބަޔާންކުރި ފުރުޞަތުތައް ދެއްވަވައިފި މީހަކު އެފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި އާޚިރަތަށް ތއްޔާރުވާށެވެ! ﷲ ތަޢާލާ އާއި ބައްދަލުވުމަށް ތައްޔާރުވާށެވެ!
--މުފްތީ މެންކްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ