މިމަހު ފަށަން ބުނި ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ތާރީހެއް ނުބުނެދެވުނު މިމަހު ފަށަން ބުނި ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ތާރީހެއް ނުބުނެދެވުނު

ސަރުކާރުން ޓެކްސީ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައި މި ހިނގާ އޯގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނި ޓެކްސީ ލައިނު ފަށާނެ ތާރީހެއް ޓްރާންސްޕޯޓް މިނިސްޓްރީއަކަށް ނުބުނެދެވުނެވެ.
ސަރުކާރުން ދޭން އުޅޭ ޓެކްސީގެ ހިދުމަތް ފަށާނެ ތާރީހެއް އޮޅުންފިލުވުމަށް އަދަދު އިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ގުޅުމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ތަފުސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
މީގެ ހަތަރު މަސްދުވަސް ކުރިން އޭޕްރީލް މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެންމެ ފުރަތަމަ ވިދާޅުވީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނު ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާމުން ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި ހަމަ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ، އޯގަސްޓު މަހުގެ ފަހުކޮޅު ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނެ ކަމަށެވެ. އެކަމަކު ހިދުމަތް ފަށާނެ ވަކި ތާރީހެއް އޭނާ ނުދެއްވަ އެވެ.
ޓެކްސީ ލައިނަށް ބޭނުންވާ ކާރުތައް ގެންނަން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށެވެ. އެއިރުން ކާރަކަށް އަށް ލައްކަ ރުފިޔާ ޖެހޭނެ އެވެ.
ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.
ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމާ ދެކޮޅަށް މާލޭގައި ޓެކްސީ ދުއްވާ މީހުން އިހުތިޖާޖެއް ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ