ހިންމަފުށީ ފަޅު ތަރައްގީ ކުރަން ވެމްކޯއިން އިއުލާނު ކުރީ އެ ކުންފުންޏަށް ފަޅު ނުލިބެނީސް ހިންމަފުށީ ފަޅު ތަރައްގީ ކުރަން ވެމްކޯއިން އިއުލާނު ކުރީ އެ ކުންފުންޏަށް ފަޅު ނުލިބެނީސް

ކ. ހިންމަފުށީ ފަޅުން ބައެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ކުނި އުކަން އުފެއްދި ދައުލަތުގެ ކުންފުނި ވެމްކޯއިން އިއުލާނުކުރީ، އެތަން އެ ކުންފުންޏަށް ދިނުމަށް ހިންމަފުށީ ކައުންސިލުން އެއްބަސްވެފައި ނުވަނީސް ކަން އެނގިއްޖެ އެވެ.
މި ހިނގާ އޯގަސްޓު 3، ގައި ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހިންމަފުށީ ފަޅުން ބައެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ތަރައްގީ ކުރަނީ ކޮން ބޭނުމަކަށް ކަމެއް ވެސް އިއުލާނުގައި ބުނެފައެއް ނުވެ އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒް އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވެމްކޯއަށް އެ ފަޅު ހަވާލުކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް ދެކުނިން ގެޒެޓުކުރި އިއުލާން. އަޅުގަނޑުމެން އަދިވެސް މިދަނީ އެބޭފުޅުންނާއެކު އެކަމަށް މަޝްވަރާކުރަމުން. އަދި ނެތް އެއްބަސްވުމެއް އެތަން ދިނުމަކަށް،" ފާއިޒް ވިދާޅުވި އެވެ.
ހިންމަފުށީ ފަޅުން ބައެއްގެ އިތުރުން ކ. ގުރައިދޫ ފަޅުގައި އޮންނަ ޅޮސްފުށި ތަރައްގީ ކުރާނެ ބަޔަކު ހޯދަން ވެސް ވެމްކޯއިން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު، ގުރައިދޫ ކައުންސިލްގެ ބަހެއް މި ނޫހަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެ ދެ ތަން ތަރައްގީ ކުރަނީ ޓޫރިޒަމްގެ ބޭނުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން ކަށަވަރުވެފައެއް ނުވެ އެވެ. އެތަނަށް އިންވެސްޓުކޮށް ތަރައްގީ ކުރަން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކަށް އޮތީ އޮގަސްޓު 27، އެވެ.
މިކަމާ ގުޅިގެން ވެމްކޯގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ނަމަވެސް، "މިހާރު" ނޫހާ ވާހަކަ ދައްކަވަމުން މުޖުތަބާ ވަނީ އެތަންތަން ތަރައްގީ ކުރުމަށްފަހު ހިންގާނީ އިންވެސްޓް ކުރާ ބައެއް ކަމަށާއި ވެމްކޯއަށް ލިބޭނީ އާމްދަނީގެ ބައެއް ކަމަށް ވިދާޅުވެފަ އެވެ. މިގޮތަށް ހޯދާ ބިންތަކުގައި ތަންތަން ތަރައްގީކޮށްގެން ވެމްކޯއިން އާމްދަނީ ހޯދަނީ ކުނި މެނޭޖްކުރުމަށް ކަމަށް ކުންފުނިން ބުނެ އެވެ.
މި ނޫހަށް ކަށަވަރު ވެފައިވާ ގޮތުގައި ވެމްކޯއިން ދަނީ މި ހުށަހެޅުން ހިމަނައިގެން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ކައުންސިލްތަކަށް އެގްރީމެންޓު ފޮނުވަމުންނެވެ. ސަރުކާރު ކުންފުންޏެއް ކަމުން ބިންތައް ހިލޭ ދިނުމަށް އެދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ