އިންޑިއާ އައުޓުގެ ނަމުގައި ބޭއްވި އިހުތިޖާޖުތަކުގައި ބައިވެރިވި ނަމަވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން އެއްވުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ދޮގުހެދުމުން އޭނާއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި އެވެ.
އިންޑިއާ އައުޓް ޖެހި ޓީޝާޓެއް ލާފައިނުވާނެ ކަމަށް ހަލީލު ވިދާޅުވީ އޮގަސްޓު 13، ގައި އޮތް މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކުރުމުންނެވެ. އެ ދުވަހު އޭނާ ހާޒިރުކުރީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އިމްތިޔާޒުގެ މައްސަލަ ހުށަހެޅީ ވެސް މީކާއިލް އެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހަލީލު އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ.
އެ ފޮޓޯގައި ހަލީލު ހުންނަވަނީ މާސްކެއް އަޅައިގެންނެވެ. ސިޓީއާއެކު މީކާއިލް ވަނީ އެ ފޮޓޯ ވެސް މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފަ އެވެ. އަދި، މަޖިލީހުގެ ތަޅުމުގައި ދޮގު މައުލޫމާތު ދެއްވުމަކީ ކުށެއްކަން މީކާއިލް ވަނީ ފާހަގަކުރައްވާފައިވެ އެވެ.
ހަލީލު ހާޒިރުކުރި ޖަލްސާގެ ތެރެއިން މީކާއިލް ކުރި ސުވާލަކަށް ވަޒީރު ޖަވާބު ނުދެއްވުމުން ނުރުހުން ފާޅުކުރުމާ ގުޅިގެން މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރު ވެސް ކުރި އެވެ.
އެ ދުވަހު މަޖިލީހަށް ހާޒިރުވުމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ހަލީލުއާ ސުވާލު އަމާޒުކޮށްފަ އެވެ.
އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަކީ ގޯހެއް ކަމަށް ހަލީލް ދެކެވަޑައިގަންނަވާތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ހަލީލް އިހުތިޔާރު ކުރެއްވީ އެމްޑީޕީއަށް ޖަވާބު ޑިފްލެކްޓް ކުރެއްވުމަށެވެ. އެމްޑީޕީ އިދިކޮޅުގައި އޮންނައިރު ކަންކަން ކުރަނީ ގައުމަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ހަލީލް ވިދާޅުވި އެވެ.
"އަމިއްލަ މަސްލަހަތެއް ހިމާޔަތް ކުރުމަށް ކުރަން ހެޔޮވާވަރު ކަމެއް ނޫން ދިވެހި ރައްޔިތުންނާ ގައުމު ނިކަމެތިވާ ކަހަލަ ކަންކަން ކުރެއްވުމަކީ،" ހަލީލް ވިދާޅުވި އެވެ.
ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައުލޫމާތު އެމްޑީޕީން ބޭރުގެ ފަރާތްތަކާ ހިއްސާކުރުމުން ވެސް ހަލީލް އެ ދުވަހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ނަމަވެސް، އިންޑިއާ އައުޓާ ގުޅޭގޮތުން ވާހަކަ ދައްކަން ހަލީލް ދެކޮޅު ހައްދަވައި ސުވާލަށް ޖަވާބެއް ނުދައްވަ އެވެ. އިންޑިއާގެ އެއްބަސްވުންތައް ހާމަކުރާނެތޯ ސުވާލު ކުރުމުން ވެސް ހަލީލަށް ޖަވާބެއް ނުދެވުނެވެ.
އިންޑިއާ އައުޓް ޓީޝާޓު ނުލާ ކަމަށް ބުނެ މަޖިލީހުގައި ހަލީލު ދޮގުހެދުމުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި އިންޑިއާ އައުޓް ޓީޝާޓު ނުލާ ކަމަށް ބުނެ މަޖިލީހުގައި ހަލީލު ދޮގުހެދުމުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ