މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށް ވިދާޅުވެ ފާޑުކިޔުންތަކަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
މިއީ މިފަދަ ބިލެއް އޭނާ ހުށައެޅި ދެވަނަ ފަހަރެވެ. ކުރީގެ ބިލް ވެސް މަޖުބޫރުން ގެންދަން ޖެހުނީ ވަރަށް ބޮޑު ފާޑުކިޔުން އަމާޒުވުމުންނެވެ. މި ފަހަރުވެސް ބިލް ހުށައެޅުމާއެކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ހަންނާން މިރޭ ވަނީ އޭނާގެ ބިލް ދިފާއި ކޮށް، މީޑިއާތަކަށް މެސެޖެއް ފޮނުވާފަ އެވެ.
ހަންނާން ވަނީ މި ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށް ދިނުމަށް އެދިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅީންވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށެވެ.
މިގޮތުން މކޮމިޝަންގައި ހިމެނޭ ހަތް މެންބަރުން ކުރެ ހަތަރު މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުން ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ ކަމަށެވެ. ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާ ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ޚަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާ ކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ހައްލު ހޯދައިދީ، މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
ހަންނާންގެ މި ބިލަށް އިިދިކޮޅު ސިޔާސީ ވެރީންނާއި ނޫސްވެރީން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ފާޑުކިޔުންތަކަށް ހަންނާން: ބިލް ހުށައެޅީ މީޑިއާ ބާރުވެރިކުރުވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ