މީޑިއާ ބިލުގެ އަޑީގައި އޮތީ ސަރުކާރު، ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުން: ފައްޔާޒު
ރައްޔިތުންގެ މަޖިލީހަށް މީޑިއާތަކާ ގުޅޭ ބިލެއް ހުށަހެޅީ، ސަރުކާރުން އަޑީގައި އޮވެގެން، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ. ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގައި ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ހިމެނޭ ގޮތަށް، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. އެ ބިލު ހުށަހެޅުއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭނާއެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި 'އެކްސް'ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެ ބިލަކީ ރައީސް މުއިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ކުރި އިތުރު 'ނުބައި، ސިއްރު މަސައްކަތެއް' ކަމަށެވެ. ޑިމޮކްރެޓިކް މުޖުތަމައަކަށް މިނިވަން މީޑިއާއެއް ކޮންމެހެން ބޭނުންތެރިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ހުށަހަޅާފައިވާ ބިލުގެ ސަބަބުން ނޫސްވެރިންނާއި މީޑިއާ ޕްލެޓްފޯމްތަކުގެ މިނިވަންކަން ނިގުޅައިގަނެވޭނެ ކަމަށެވެ. https://x.com/faya_i/status/1957483818581127602 މީގެ އިތުރުން އެ ގާނޫނުގެ ދަށުން އެކުލަވައިލާނެ މީޑިއާގެ ބެލެނިވެރި ކޮމިޝަންގެ މައްޗަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކޮމިޝަނަށް، މިނިވަން މީޑިއާތައް ހުއްޓުވައި، މަނާކޮށް ޖޫރިމަނާކުރުމުގެ އިތުރުން އިދިކޮޅު އަޑުތައް ކަނޑުވާލުމަށް އެއްވެސް ހުރަހެއް ނެތި ބާރުތައް ލިބޭނެކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. މީޑިއާތައް ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ހުށަހެޅި ބިލު އަނބުރާ ގެންދިޔައީ، އެތައް ނޫސްވެރިންނަކާއި، ޖަމިއްޔާތަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައި ވަނިކޮށެވެ. ބިލުގައި އޮތީ ކީކޭ؟ މިފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައިވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ. އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ. މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ. https://sun.mv/210110 އޭގެ ތެރޭގައި ކޮމިޝަނުން ރަނގަޅުކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި، 25،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގާނޫނާ ޚިލާފުކަމެއް މީޑިއާ ނުވަތަ ނޫސް މަޖައްލާއަކުން ކޮށްފި ހާލަތުގައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައެވެ. ވަކިން ޚާއްސަކޮށް ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށްފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ