އަންނަ އަހަރު 50 ހާފިޒުން ދަސްވެނިވާނެ، ދައުރުގައި 500 ހާފިޒުން އުފެދޭނެ

އަންނަ އަހަރު 50 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ދައުރުގައި 500 ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އަންނަ އަހަރު 50 ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.
ހާފިޒުން ދަަސްވެނިވުމަށް މިހާރު ވަކީން ރަސްމިއްޔާތެއް ބާއްވަ އެވެ. މިދިޔަ އަހަރުން ފެށިގެން އެ ރަސްމިއްޔާތު ބާއްވަނީ ކޮންމެ ރަމަޟާން މަހެއްގެ 27 ވިލޭރެ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާ ހަފްލާގައި 50 ހާފިޒަކު ދަސްވެނިވާނެ އެވެ.
މިނިސްޓަރު ވަނީ 500 ހާފިޒުން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ޕްރަގްރާމް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ކުރީން ވިދާޅުވި ގޮތުގައި އަމާޒަކީ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަހަރަކު 100 ހާފިޒުން އުފެއްދޭ މިންވަރަށް ފުޅާކުރެއްވުމަކީ އަމާޒެކެވެ. 
ވިހި ސެންޓަރެއްގައި 1434 މީހަކު ދަނީ ޤުރުއާން ހިތުދަސްކުރަމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިވަގުތު ޤުރުއާން ހިތުދަސްކުރަމުން އަންނަ 1434 މީހުންގެ ތެރޭގައި ހިމެނެނީ 651 ފިރިހެނުންނާއި / ފިރިހެން ކުދީން އަދި 783 އަންހެނުން / އަންހެން ކުދީންނެވެ.
އެންމެ ގިނަ ބަޔަކު ޤުރުއާން ހިތުން ދަސްކުރަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އެކި ސެންޓަރުތަކުގަ އެވެ. އެ ގޮތުން މާލޭގެ ސެންޓަރުގައި 424 ދަރިވަރުން އަދި ހުޅުމާލެ ސެންޓަރުގައި 155 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. ވިލިމާލެ ސެންޓަރުގައި 45 ދަރިވަރުން އަދި ފުވައްމުލަކު ސެންޓަރުގައި 67 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.
ރ. އަލިފުށީ ސެންޓަރުގައި 34 ދަރިވަރުން, ގއ. ދާންދޫ ސެންޓަރުގައި 42 ދަރިވަރުން, ރ. ކިނޮޅަސް ސެންޓަރުގައި 80 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.
ޙާފިޒުންނަށް ދޭ އެލަވަންސް މިދިޔަ މަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. މިހާރު ސަރުކާރުން ހާފިޒުންނަށް ދެމުން އަންނަ 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން، ފުވައްމުލަކު ސިޓީގައި ބޭއްވުނު ޖަލްސާގައެއްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ހާފިޒުންގެ އަގު ބޮޑަށް ވަޒަންކުރުމުގެ ގޮތުން އެމަނިކުފާނު ވެރިކަމެއްގައި ހާފިޒުންނަށް ދެވޭ އެލަވަންސް ދެގުނައަށް ބޮޑު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ