ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާ ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އަށް މިދިޔަ އަހަރު 27 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މިއީ މިދިޔަ 4 އަހަރު ތެރޭ އެ ކުންފުންޏަށް ފައިދާ ލިބުނު ފުރަތަމަ ފަހަރެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވާފައިވާއިރު، އެ ކުންފުނިން ބުނީ މިދިޔަ އަހަރު ކުންފުންޏަށް ފައިދާވީ މާލީގޮތުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
ތަފްސީލް - އެމްއެމްޕީއާރުސީން ބުނީ 2023 ވަނަ އަހަރު އެ ކުންފުންޏަށް 17 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށާއި މިދިޔަ އަހަރު ލިބުނު 27 މިލިއަން ރުފިޔާގެ ފައިދާ އަކީ ކުންފުނީގެ ހިންގުމަށް ގެނައި ހެޔޮ ބަދަލު ފެންނަ ކަމެއް ކަމަށެވެ.
އެ ކުންފުނިން ބުނީ މިދިޔަ އަހަރު:
ރިކަރަންޓު ހަރަދުގެ %10 ކުޑަކޮށްފައިވާ ކަމަށް
ގްލޯބަލް ޕަބްލިކް ރިލޭޝަން ޕާޓްނާޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދާ ޕީއާރު އެޖެންސީތަކުގެ އަދުދު 21 އިން 6އަށް މަދުކުރި
މީގެ ސަބަބުން 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވުނު
ރާއްޖެ އިޝްރިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭ ހިމެނިގެން ޑެސްޓިނޭޝަން މާކެޓިންގެ 21 ކެމްޕޭނު މިހާރު ވެސް ކުރިއަށް ގެންދާކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.
ބޭރުގެ ޓުއަ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓުމެންޓު ޕާޓްނާޝިޕްތަކެއް ވެސް ފަށާފައިވާއިރު މި ކެމްޕޭނުތަކަށް 10 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރެ އެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއެކު ޓޫރިޒަމް ޕާފޯމަންސް ވެސް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން:
ޓޮޕް10 ސޯސް މާކެޓުން 2023އަށް ވުރެ 2024ގެ ނަތީޖާ ރަނގަޅު
ޔޫރަޕާއި އޭޝިއާ އިން ރާއްޖެ ސާޗު ކުރާ މިންވަރު %1000 އިތުރުވެއްޖެ
ގުޅުން ހުރި - އެމްއެމްޕީއާރުސީގެގެ މާލީ ހާލަތު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މި މަހުގެ 2 ވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ކުންފުނި އޮތީ ބަނދުރޫޓުވުމުގެ ތުންފަތްމަތީ އެވެ.
އެ ރިޕޯޓާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާލަތަށް ދިޔައީ ކުރީ ސަރުކާރުގެ ފަހު އަހަރު ކުރިމަތިވި މާލީ ގެއްލުމުގެ ސަބަބުން ކަމަށް
ރިޕޯޓާ ގުޅުވައި މަޖިލީހުން ވަނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ލަފާދޭން ފާސްކޮށްފައި
ފާހަގަ ކުރެވޭ - މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނުގެ ނަމުގައި ހިންގު ކުންފުނީގެ ނަން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިޒިޓް މޯލްޑިންސް ކޯޕަރޭޝަނުގެ ނަމަށް މިދިޔަ އާދިއްތަ ދުވަހު ބަދަލު ކުރައްވައިފަ އެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ރާއްޖެ އިޝްރިހާރު ކުރުމަށް ގެންގުޅޭ ބްރޭންޑިންއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ.
އެމްއެމްޕީއާރުސީން 4 އަހަރަށް ފަހު ފައިދާ ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ