ނޯތު ހާބަރުން ނަގާ ފީ ބޮޑުކުރާކަށް ނޫޅެން: އެމްޕީއެލް
މާލޭ ނޯތު ހާބަރ ސަރަޙައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް އެމްޕީއެލް އާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ނުކުރާ ކަމަށެވެ.އެހެންކަމުން މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތައް ކަމަށްވެސް އެމްޕީއެލުން ބުންޏެވެ."މި ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުން ކުރާ އޮޑި ދޯނި ފަހަރަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް މި މަހުގެ 14 އިން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއޫގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.އެމްޕީއެލްގެ ބަޔާނުގައި ބުނީ މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލޭ ނޯތު ހާބަރުގެ "ޑީ ޒޯން"، "އީ ޒޯން"، އަދި "އެފް ޒޯން"، ބޭނުން ކުރާ އެއްވެސް އުޅަނދަކުން މިހާރު ވެސް ފީ ނުނަގާ ކަމަށެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ފަހު ހުޅުވާލުމާއެކު، މި ޒޯންތައް އަލުން ހުޅުވާލުމާއެކު، އެމްޕީއެލުން އުސޫލަށް ގެނައި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖީސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުމެވެ.މާލޭ ނޯތު ހާބަރަކީ، ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ހިދުމަތްތަކާ ގުޅޭގޮތުން އެފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ނުފެތުރުމަށް އެމްޕީއެލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ