އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުކުރަން މެންޗެސްޓަ ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތުގައި މިރޭ އެސްޓަން ވިލާ 3-1އިން ބަލިކޮށް ގަދަ ތިނެއްގައި ވަރުގަދައަށް ވިއްދައިފި އެވެ.
މެޗަށް ނުކުތް އިރު ދެ ޓީމު އޮތީ 51 ޕޮއިންޓުން އެއްވަރުވެފަ އެވެ. އެހެންކަމުން މިއީ ގަދަ ހަތަރެއްގައި ސާބިތުވާން ދެ ޓީމަށް ވެސް މޮޅުވުން މުހިންމު މެޗެކެވެ.
ހަތަރު ލަނޑު ވެސް އައީ ފަހު ހާފުގަ އެވެ. ޔުނައިޓެޑުން ލަނޑު ޖެހުމާ އެކު ވިލާއިން އެއްވަރުކުރި އެވެ. އަނެއް ދެ ލަނޑު އައީ މެޗުގެ ފަހު 20 މިނިޓްގެ ތެރޭގަ އެވެ.
މިއީ ވަގުތީ ކޯޗު މައިކަލް ކެރިކްގެ ބެލުމުގެ ދަށުން ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހޯދި ހަވަނަ މޮޅެވެ. ޓީމާ ހަވާލުވި އިރު ހަތް ވަނާގައި އޮތް ޔުނައިޓެޑް ނަގާ ތިން ވަނައަށް އެރުވުމުން، ކުރީގެ ފޯވަޑް ވޭން ރޫނީ ފަދަ ޝަހުސިއްޔަތުން މިހާރު ގޮވާލަނީ ދާއިމީ މެނޭޖަރުކަން ކެރިކްއަށް ހައްގު ކަމަށެވެ.
އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ވާދަކުރީ 24-2023 ސީޒަންގަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ކެޓީ އެވެ.
އަންނަ ސީޒަންގައި ވެސް ޔުނައިޓެޑަށް ޔޫރަޕްގެ އެއްވެސް މުބާރާތަކުން ފުރުސަތު ނުލިބިދާނެކަމުގެ ބިރު އޮތެވެ. ނަމަވެސް މެނޭޖަރުކަމުން ރުބެން އަމޯރިމް ވަކިކޮށް ޖެނުއަރީ މަހު ކޯޗުކަމާ ކެރިކް ހަވާލުވި ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ.
އާސެނަލް، ކުޅުނު 31، ޕޮއިންޓް 70
މެންޗެސްޓަ ސިޓީ، ކުޅުނު 30، ޕޮއިންޓް 61
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 30، ޕޮއިންޓް 54
އެސްޓަން ވިލާ، ކުޅުނު 30، ޕޮއިންޓް 51
ލިވަޕޫލް، ކުޅުނު 30، ޕޮއިންޓް 49
ޔުނައިޓެޑުން އެސްޓަން ވިލާ ބަލިކޮށް ތިން ވަނާގައި ގަދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ