ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތަކަށް އަސަރުކުރާތީ އެމްޑީޕީ ޕީޖީން ގަވަރުނަރާ ބައްދަލުކުރަން އެދިއްޖެ

ރާއްޖޭން ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ނޭދެވޭ އަސަރުކުރާތީ އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ން މަރުކަޒީ ބޭންކު އެމްއެމްއޭޭގެ ގަވަރުނަރު، އަހުމަދު މުނައްވަރާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީ ފޮނުވައިފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމްގެ ނަމުގައެވެ. މި ސިޓީގައި ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭތީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައި ވާކަމަށެވެ. އަދި ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓު އެމްއެމްއޭއަށް ނަގަން ފެށުމުން މުދާ އިމްޕޯޓުކުރާ މީހުންނަށް ޑޮލަރު ލިބުން ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދޭ ޑޮލަރު ވެސް ލިބުން ހުއްޓުމަކަށް އަންނަން ފަށާފައި ވާކަމަށެވެ. "ޑޮލަރު ލިބުން ނުހަނު ދަތިވުމާއެކު، ގިނަ ވިޔަފާރިތަކެއް ހުއްޓުމުކަމަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ،" އެ ސިޓީގައި ވެއެވެ. ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތަކަށް އަސަރުކުރާތީ އެމްޑީޕީ ޕީޖީން ގަވަރުނަރާ ބައްދަލުކުރަން އެދިއްޖެ --- ފޮޓޯ: ބީއެމްއެލް މިއީ ރާއްޖޭގައި ދިރިއުޅޭ ދިވެހީންނަށާއި އެކިއެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ވެސް ތަކުލީފު ކުރިމަތިވާނެ ކަމެއްކަން މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އަދި މިކަމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް އުފުލި، ޑޮލަރު ނުލިބުމުގެ ސަބަބުން ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވެ ނުވަތަ ލިބުން ދަތިވުން އެކަށީގެންވާކަން މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ. މި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީ ޕީޖީއާ ބައްދަލުކުރުމަށް ވަރަށް އަވަސް ފުރުސަތެއް ދެއްވުމަށް މި ސިޓީގައި ވަނީ މުނައްވަރުގެ ކިބައިން އެދިފައެވެ. ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރާފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން މިއީ ގަވަރުނަރުގެ ނާގާބިލުކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ މީގެކުރިން ވިދާޅުވެފައެވެ. https://sun.mv/208482 ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ. މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެ ގޮތުން، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 680 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ