ސްޕާސް އަތުން އާސެނަލް ބަލިވިއިރު ބާސާ އާއި މިލާން މޮޅުވެއްޖެ

އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫރަޕްގެ ބައެއް ކްލަބް ތަކުން އޭޝިއާއަށް ކުރަމުންސާ ޕްރީ ސީޒަން ޓުއާގައި އިންގްލިޝް ޕްރިމިއާ ލީގަށް ނިސްބަތްވާ ޓޮޓްނަމް ހޮޓްސްޕާ އާއި އާސެނަލް ބައްދަލުކުރި މެޗު ސްޕާސް ކާމިޔާބު ކޮށްފިއެވެ. ހޮންގް ކޮންގްއަށް މިދެޓީމު ކުރަމުންދާ ދަތުރުގައި ކައި ޓަކް ސްޕޯޓްސް ޕާކްގައި ކުޅުނު މިމެޗު ސްޕާސްއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. ނަމަވެސް އެޓީމަށް ސްޕާސްގެ ޑިފެންސް ފޫއަޅުވާލުމުގައި ކުރިއެރުން ލިބޭގޮތެއް ނުވިއެވެ. މިމެޗުގައި ސްޕާސްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 4 ވަނަ މިނެޓްގައެވެ. ދަނޑުގެ މެދުރޮނގާ ކައިރީ ހުރެ ޕެޕޭ މެޓާ ސާ އާސެނަލްގެ ގޯލަށް ބޯޅަ ފޮނުވާލިއިރު ކީޕާ ޑޭވިޑް ރާޔާއަށް ހުރެވުނީ ތަންކޮޅެއް ކުރިއަށް އަރައެވެ. މިލަނޑު ޖެހުމުގެ ކުރިން މިމެޗުގެ ފުރަތަމަ ހާފުގައިވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއްނުވިއެވެ. އަދި ދެވަނަ ހާފުގައި ވެސް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ފެނުން ނަމަވެސް ނަތީޖާއަށް އިތުރު ބަދަލެއް ނައިސް މެޗު ނިމިގެންދިޔައީ ސްޕާސްއިން އާސެނަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސްޕާސްއިން މިމެޗު ކާމިޔާބު ކުރިއިރު ދެކުނު ކޮރެއާއަށް މިހާރު ޕްރީ ސީޒަން ޓުއާގައި ގޮސްއުޅޭ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި އެފްސީ ސޯލް ބައްދަލުކުރި މެޗު ހަތް ލަނޑު ތިން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބާސާއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ބާސާގެ ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެމީން ޔަމާލްވަނީ ދެ ލަނޑު ޖަހާފައެވެ. ނަމަވެސް މިހާފުގައި ސޯލްގެ ޗޯ ޔޮން ވޫކް އާއި ޔަޒާން އަލް އަރަބް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ތިން ލަނޑު ދެ ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ. މިމެޗުގައި ދެވަނަ ހާފުގައި ބާސާއިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެެއިން ދެ ލަނޑު ފެރާން ޓޯރޭޒް ކާމިޔާބު ކޮށްދިންއިރު އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އަންޑްރެއާސް ކްރިސްޓެންސެން އާއި ގާވީއެވެ. އަދި ސޯލްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖުން ހާން މިންއެވެ. މީގެއިތުރުން އޮސްޓްރޭލިއާއަށް މިހާރު ޕްރީ ސީޒަން ޓުއާގައި ގޮސް އުޅޭ އިޓާލިއަން ސެރީއާގެ އޭސީ މިލާން އާއި ޕާތު ގްލޯރީ ބައްދަލުކުރި މެޗު ނުވަ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ މިލާންއެވެ. މިމެޗުގައި މިލާން އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ފިލިޕޯ ޓެރަޗިއާނޯ ކާމިޔާބު ކޮށްދިންއިރު ނޮއާ އޮކާފޯ އާއި ރަފައެލް ލިއާއޯ ވަނީ ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިލާނުން ކާމިޔާބުކުރި އަނެއް ހަތަރު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ކޮމޯޓޯ، ސެމިއުލް ޗުކްވުއޭޒާ، ސެމިއުލް ރިކީ އަދި ޔޫނުސް މޫސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ