މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވ. ފެލިދޫ ކައިރިން ހަތް މީހުންނާ އެކު ދަތުރު ކުރި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގާނިޔާގެ ސިނގިރޭޓް ރޭސިން މަރުކާގެ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ކަނޑަށް ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސް ދާއިރާގެ ހިދުމަތްތެރިޔާ ހަރީ ސިންގް ހިމެނޭ ކަމަށާއި އޭނާ މަރުވެފައިވާ ކަމަށް އިންޑިއާގެ މޮޓޯ ސްޕޯޓްސް ދާއިރާގައި އުޅޭ މީހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ މޮޓޯ ސްޕޯޓްސް ދާއިރާގައި އުޅޭ ބައެއް މީހުން ވަނީ މި ހާދިސާގައި ހަރީ ސިންގް މަރުވެފައިވާ ކަމަށާއި އޭނާ މަރުވުމުގެ ޒިންމާ ސިންގާނިޔާ އުފުލަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
އެނގުން މުހިއްމު - ހަރީ ސިންގްގެ ހަށިގަނޑު ފެނިފައިވޭތޯ ސުވާލު ކުރުމުން އިއްޔެ އެމްއެންޑީއެފްްއިން ވަނީ އޭނާގެ ހަށިގަނޑު އަދި ނުފެންނަ ކަމަށް ބުނެފަ އެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ތަފްސީލް - މި ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލު ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުން އާންމު ކުރަންޖެހޭނެ ކަމަށް ވެސް އިންޑިއާގެ މޮޓޯ ސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ މީހުން ވަނީ ބުނެފަ އެވެ. އަދި ހާދިސާއާ ގުޅިގެން ގޯތަމް ސިންގާނިޔާ ވެސް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
"މިއީ އެކުވެރިޔަކު ބޭވަފާތެރިވުމުން ހިނގައި ދިޔަ ހާދިސާއެއް"ގެ ގޮތުގައި ސިފަކޮށް 'އެކްސް'ގައި ހިޔާލު ފާޅުކުރި މީހަކު ބުނީ އިންޑިއާގެ މޮޓޯ ސްޕޯޓްސްގެ ލެޖެންޑެއް ކަނޑަށް ގެއްލެން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މުއްސަނދި ބިލިއަނަރު ސަލާމަތް ކުރީ އެ މީހުން ދަތުރުކުރި ލޯންޗުގެ ފަހަތުގައި އޮތް ސަޕޯޓު ލޯންޗަކުން ކަމަށް އޭނާ ލިޔެފައިވެ އެވެ.
"ނާޒުކު ހާލަތެއްގައި ވަފާތެރިކަމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްކޮށްފައި މިއޮތީ. މިއީ ހަމައެކަނި ހިތާމަވެރި ހާދިސާއެއް ނޫން. މިއީ އެކަންޏަށް ދޫކޮށްލުން. ހާދިސާ ހިނގި ސަރަހައްދުގައި ހުރި ނަމަވެސް ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ގޯތަމް ސިންގާނިޔާ ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ވެސް ނުވޭ،" އޭނާ ބުނެފައިވެ އެވެ.
އެ ހާދިސާއަށް ފަހު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ސިންގާނިޔާ ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ ވަނީ އޭނާ އާ ގުޅޭ މައުލޫމާތު ހޮސްޕިޓަލާ ހިއްސާކުރަން ދެކޮޅުހަދައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ލޯންޗު ދުއްވަން އިން ބިލިއަނަރާއި އެ ލޯންޗުގައި އެ ވަގުތު ތިބި މީހުން ތިބީ މަސްތުގެ ހާލަތުގަ އެވެ. އެގޮތުން:
މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހަތް މީހުން ތިބި؛ އެއީ ބިލިއަނަރާއި އިނގިރޭސިވިލާތުގެ އަންހެނެއްގެ އިތުރުން ރަޝިޔާގެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނެއް
އޭގެ ތެރެއިން ރަޝިއާ އަންހެން މީހާ އާއި އިންޑިއާގެ ހަތަރު މީހަކު ކަނޑަށް ވެއްޓުނު؛ އެއިން އިންޑިއާގެ ދެ މީހަކު ފިޔަވައި އެންމެން ވަނީ ފެނިފައި
މި ހާދިސާގައި އަނިޔާވި ތިން މީހަކު އިންޑިއާއަށް ގޮސްފައިވާއިރު، ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް އިންޑިއާގެ ފިރިހެނަކު އަންނަނީ ފަރުވާ ހޯދަމުން
ލޯންޗު ބަންޑުން ޖަހާލާ ގެއްލުނު މީހުންގެ ތެރޭ އިންޑިއާގެ މޮޓޯ ސްޕޯޓްސްގެ ހިދުމަތްތެރިޔާ ހަރީ ސިންގު ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ