ތެލެސީމިއާ ޕޭޝަންޓު އަބްދުﷲ ޝާނީޒް ބުނި ގޮތުގައި، ކޮންމެ ދުވަހަކީ ވެސް ފުރާނައާ މެދު އެ މީހުން ވިސްނަން މަޖުބޫރު ކުރުވާ ދުވަހެކެވެ. އެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް، ލޭ ލިބޭނެތޯ އާއި ލިބޭނީ ކިހިނެއްތޯ އާއި ލޭ ހަދިޔާ ކުރާނެ މީހަކު ވާނެތޯ އެއީ، އިރު އަރައިގެން އަންނައިރު ފުރަތަމަ ވެސް ވިސްނަން ޖެހޭ ކަން ކަމެވެ.
ޒުވާން ޝާނީޒު، އޭނާގެ މި ކަންބޮޑުވުންތައް ހިއްސާކުރީ، 'ބްލަޑް ބޭންކް'އިން ލޭ ހުސްވާން ގާތްވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާ ކުރުމަށް، މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)އިން ކުރި އިއުލާނާ ގުޅިގެންނެވެ.
އޭނާ ބުނި ގޮތުގައި، އެމްބީއެސްގައި ލޭ ރައްކާކޮށްފައި ހުރިކަމާއި ބޭނުން ޖެހުމުން އެ ނެގޭނެ ކަމަށް ގަބޫލު ކުރުމަކީ ނުރައްކާތެރިކަމެކެވެ. އެތަނުގައި ލޭ ނެތް ކަމަށާއި އެމްބީއެސް މުޅިންހެން ބަރޯސާ ވަނީ ވަކި ޕޭޝަންޓުންގެ ނަމުގައި މީހުން ހަދިޔާ ކުރާ ލެޔަށް ކަމަށް ބުންޏެވެ.
"ގަވައިދުން ލޭ ހަދިޔާ ކުރަނީ އެންމެ %3 މީހުން. ހަގީގީ ވޮލެންޓިއަރުން މަދު،" ފޭސްބުކްގައި ޝާނީޒް ލިޔެފައި ވެ އެވެ.
އޭނާ ބުނީ އެމްބީއެސް އިން، ރިސޯޓުތަކާއި މުއައްސަސާތައް ގުޅިގެން ލޭ ހޯދުމުގެ ޕްރޮގްރާމްތައް ހިންގި ނަމަވެސް އެއިން ފުދޭވަރު ނުވާ ކަމަށެވެ. ކޮންމެ ދުވަހަކުހެން 18 ޔުނިޓްގެ ލޭ ބޭނުންވާއިރު، ލެޔަށް ޖެހުމަކީ އާއްމުކޮށް ކުރިމަތިވާ ކަމެއް ކަމަށް ބުންޏެވެ.
"އަހަރެން ކަހަލަ ތެލަސީމިއާ މޭޖާ ޕޭޝަންޓަކަށް، ލެޔަކީ މަދުން ކުރިމަތިވާ އިމަޖެންސީއެއް ނޫން. އެކަމަކު އެއީ އަހަރުމެންނަށް ކޮންމެ ދުވަހެއްގެ ވެސް ދިރިހުރުމާ ގުޅިފައިވާ ކަމެއް،" އަސަރާއެކު ޝާނީޒް ލިޔެފައި ވެ އެވެ.
އޭނާ ބުނީ ދިރިހުރުމަށްޓަކައި ކޮންމެ މަހަކު ވެސް ދެ ފަހަރު އެ މީހުން ލޭ އަޅަން ޖެހޭއިރު ކޮންމެ މީހަކު ވެސް ހަތަރު ޑޯނަރުން ބޭނުންވާ ކަމަށެވެ. އަދި ލޭ ހަދިޔާ ކުރާނެ މީހުން ހޯދުމަކީ އަބަދުވެސް ތަކުލީފެއް ކަމަށް ބުންޏެވެ.
އޭނާ ވަނީ އެކަން ކުރު ގޮތަކަށް ސިފަކޮށްދީފަ އެވެ. ލޭ ހޯދުމަށް، މީހުންނަށް ގުޅައި އެ މީހުންގެ ފަހަތުން ދުވަން ޖެހެ އެވެ. ލޭ ދޭނެ މީހަކު ވާނެތޯ، ލޭ ދޭނެތޯ ފިކުރު ކުރެވެ އެވެ. ލެޔަށް އެދި ކުރާ އުއްމީދުގެ ފަހަތުން ދުވަން ޖެހުމަކީ ވަރުބަލިވާ އަދި ޖަޒްބާތީ ގޮތުން ވެސް ބަލިކަށިކޮށްލާ ކަމެއް ކަމަށް ބުންޏެވެ.
"ލެޔަކީ އަހަރުމެންނަށް އިހްތިޔާރެއް ނޫން. ވަށައިގެންވާ މީހުންގެ ގައިގާ އެތައް ގުނައަކަށް ހުންނަ އެއްޗަކަށް އާދޭސް ކުރަން ޖެހުމަކީ ހިތްފަޅައިގެންދާވަރުގެ ކަމެއް،" ޝާނީޒް ބުންޏެވެ.
"ހަމައެކަނި ދިރިހުރުމަށްޓަކައި، ސިކުނޑީގެ ހަމަޖެހުމާއި އިއްޒަތް ވިކާލާކަށް ނުޖެހޭ."
އޭނާ ބުނީ ހިލޭސާބަހަށް ލޭ ހަދިޔާ ކުރާ މީހުންނަކީ އެ ނިޒާމުގެ މައިބަދަ ކަމަށާއި މެދުނުކެނޑި ލޭ ލިބޭގޮތް ވަނީ އެ މީހުންގެ ސަބަބުން ކަމަށެވެ. އަދި އެއީ، ލޭ އަޅާ މީހުންނާއި ކުދިންގެ ބޮލުގައި އޮތް ބޮޑު ބުރައެއް ލުއިކޮށްދޭ ބައެއް ކަމަށް ބުންޏެވެ.
އެކަމަކު ވަކި ބަޔަކު ލޭ ހަދިޔާ ކުރާނެ ކަމާއި އެކަން ތިމާ ނުކުރިޔަސް ރަނގަޅު ވާނެ ކަމަށް ހީކޮށްލާއިރު، ސްޓޮކް ހުންނަނީ ހުހަށް ކަމަށް ޝާނީޒް ބުންޏެވެ.
"އާޖެންޓު ޕޯސްޓެއް ފެންނަން ދެން މަޑުނުކުރޭ. އެތަނަށް ގޮސް، ލޭ ހަދިޔާކޮށްދީ، ޕޭޝަންޓެއްގެ ފުރާނަ ސަލާމަތް ވުމުގެ ސަބަކަށް ވެދީ،" ހީއަކަށް ބިނާކޮށް، ލޭ ހަދިޔާ ކުރުމާ ދުރުނުވުމަށް އެދި އެ ޒުވާނާ ލިޔެފައި ވެ އެވެ.
އެނގުން މުހިއްމު - އެމްބީއެސް އިން ބުނިގޮތުގައި ލޭ ބޭނުންވާ ބްލަޑް ގްރޫޕްތަކަކީ:
އޭ ޕޮޒިޓިވް
އޯ ޕޮޒިޓިވް
އޯ ނެގެޓިވް
ބީ ޕޮޒިޓިވް
ބީ ނެގެޓިވް
އޭބީ ޕޮޒިޓިވް
ލޭ ހަދިޔާކުރުމުގައި ސަމާލުވާންވީ ކަންތައްތައް:
އުމުރުން 18 އަހަރު ފުރިފައިވުން
ބަރުދަން - 45 ކިލޯއަށްވުރެ ބަރު
ލޭ ހަދިޔާކުރުމުގެ ކުރިން މަދުވެގެން 6 ގަޑިއިރު ނިދުން
ލޭ ހަދިޔާކުރުމުގެ މަދުވެގެން 1 ގަޑިއިރު ކުރިން ނާސްތާއެއް ނެގުން
އެނގުން މުހިއްމު - އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލޭ އަޅާ މީހުންގެ ގޮތުގައި އެތަނުގައި 994 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
މިދިޔަ ދިހަ އަހަރުގެ ތެރޭގައި ލޭ އަޅާ 144 ކުދިން ވަނީ ރަޖިސްޓްރީކޮށްފައި
މިދިޔަ އަހަރު ރަޖިސްޓްރީ ކުރި އަދަދު 10 އަށް އަރާއިރު މި އަހަރުގެ މިހާތަނަށް ތެލެސީމިއާގެ 14 ކުއްޖަކު ވަނީ އުފަންވެފައި
ރަޖިސްޓްރީކޮށްފައި ތިބި މީހުންގެ ތެރެއިން، މިހާރު ދުނިޔޭގައި ތިބީ 659 މީހުން/ކުދިން
އަހަރަކު އެވްރެޖްކޮށް ފަސް ކުދިން ބަލީގައި މަރުވޭ
ރައްކާކޮށްފައިވާ ލެޔެއް ނެތް، އަބަދު ވެސް ވިސްނެނީ ފުރާނައާ މެދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ