ހެދުން އެޅުމުގެ ގަވައިދާ ގުޅޭ ގޮތުން އެމްޑީޕީ: އެއީ ގައުމު ހިންގުމުގެ ދާއިރާއިން އަންހެނުން ބޭރުކުރަން ކުރާ ކަމެއް
އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގެ ގަވައިދު ބަދަލުކުރީ، ގައުމު ހިންގުމުގެ ދާއިރާއިން އަންހެނުން ބޭރުކުރަން ކުރާ ނިޒާމީ މަސައްކަތެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށް، އެ އުސޫލުތައް އުވާލުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ގޮވާލައިފިއެވެ. މިދިޔަ ބުދަ ދުވަހު ވަނީ، ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު އިސްލާހުކޮށް، ގެޒެޓުކޮށްފައެވެ. އެ ގަވައިދުގައި ވަނީ، އަންހެން ސިވިލް ސާވަންޓުގެ ހެދުން އެޅުމުގައި ހުންނަންވީ މިންގަނޑުތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ. އެ ގަވައިދުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަ ޖެއްސުން މަނާކޮށްފައިވެއެވެ. https://www.sun.mv/216100 އެ ކަމާ ގުޅިގެން އެމްޑީޕީގެ "އަންހެނުންގެ ރޫހުން" ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދަށް ބަދަލު ގެނައީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސް އަޅައި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކަމަށެވެ. އެ ކަން ކުށްވެރިކޮށް، އެމްޑީޕީން ބުނީ، ގަވައިދަށް ގެނައި އުސޫލުތަކުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ތަފާތުނުކުރުމާއި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް ސީދާ ހުރަސްއެޅޭ ކަމަށެވެ. އެގޮތުން، ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، މިހާރު ހާމަވަނީ، ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތްކުރާ ތަން ކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީގެ ބައްދަލުވުމެއްގައި އެޕާޓީގެ ބޭފުޅުން: އެމްޑީޕީން ބުނީ، އަންހެން ސިވިލް ސާވަންޓުގެ ހެދުން އެޅުމުގެ ގަވައިދު ބަދަލު ކުރީ، ޒާތީ މިނިވަންކަން ހަނިކުރަން ކަމަށް --- ފޮޓޯ/ އެމްޑީޕީ މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި، ނެރެދޭ ނަތީޖާއާއި ދޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫނެވެ. އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއްއެމްޑީޕީ އޭގެއިތުރުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އަންހެން މުވައްޒަފުންނަށް އެ ފަދަ އުސޫލެއް ނުހިނގާތީ، އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން، ހަމައެކަނި އަންހެން ސިވިލް ސާވަންޓުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ، މުވައްޒަފުންގެ އަޚުލާގާ ގުޅޭ އުސޫލެއް ނޫން ކަމަށާއި ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގޭކަން އެ ޕާޓީން ވަނީ ބުނެފައެވެ. އަޚުލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަޚުލާގީ މިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއްއެމްޑީޕީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން: އަންހެން ސިވިލް ސާވަންޓުގެ ހެދުން އެޅުމުގެ ގަވައިދު ބަދަލު ކުރީ، ޒާތީ މިނިވަންކަން ހަނިކުރަން ކަމަށް ބުނެ، އުސޫލުތައް އުވާލަން ސިވިލް ސާވިސް ކޮމިޝަނަށް ވަނީ ގޮވާލާފައި -- އެމްޑީޕީން ބުނި ގޮތުގައި، އެ ފަދަ ސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ޚިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަ ތަނަކަށް ބަދަލުވުމުގެ ބިރު އެބައޮތެވެ. މި ފަދަ "ހަރުކަށި އުސޫލުތަކުގެ" ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި، ވަޒީފާގެ ކުރިއެރުން ނުދިނުމާއި އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުން ކަމަށް ދެކޭ ކަމަށް އެމްޑީޕީން ތުހުމަތުކުރިއެވެ. އެއާއެކު، މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެއްގެ ގޮތުގައި އެޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. އެހެންކަމުން، މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި، އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ވަނީ ހަނދާންކޮށްދީފައެވެ. އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނައި މީގެ ހަފުތާތަކެއް ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކުރި ފަހުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ