ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައިން މަސައްކަތުގެ ފެންވަރު ވަޒަނެއްނުކުރެވޭނެ: އެމްޑީޕީ

މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށާއި އެއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތު ކުރުމެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ދިވެހި ލިބާހާއި ދިގު ހެދުން ސަރުކާރުގެ އަންހެން މުވައްޒަފުންގެ ރަސްމީ ހެދުމުގެ ތެރޭގައި ހިމަނައި، ފަލަމަސްގަނޑަށްވުރެ ކުރު ނުވާނެހެން ހެދުން އަޅަންޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެކަން ކުށްވެެރިކޮށް، އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ސާވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމަށާއި ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ކަމަށެވެ.
"މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި ނެރެދޭ ނަތީޖާ އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫނެވެ. އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެކެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ:
ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ތަފާތުނުކުރުމާ އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅޭ 
ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތްކުރާކަން
އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަކީ އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް 
މިފަދަ ސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަ ތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތް
މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުން ފަދަ ކަންކަން ކުރަން ފެށުން 
މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ނިޒާމީ ގޮތެއްގައި ފަށާފައިވާ ނުރައްކާތެރި މަސައްކަތެއް
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކާ އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމައެކަނި ސިވިލް ސާވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރާތީ ވެސް އެ ބަޔާނުގައި ފާޑުކިޔާފައިވެ އެވެ. އެކަމުން އެނގެނީ އެއީ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަން ކަމަށާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން ކަމަށް ބަޔާނުގައިވެ އެވެ.
"އެހެންކަމުން، މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލަމެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭ ފަދަ ކަންކަމާއި އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.
ސަރުކާރު މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު އިސްލާހުކޮށް ހަރުކަށިކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ "އެންމެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތްކިޔާކަށް ނުޖެހޭ" ކަމަށެވެ.
އެނގުން މުހިންމު - އަލަށް ގެނައި އިސްލާހުގައިވާ ގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ބޭނުންކުެރަންވާނީ، ދިވެހި ލިބާހާއި ދިގުހެދުން ނުވަތަ އޮފީސް ހެދުމެވެ. އެގޮތުން:
ދިގު ހެދުން އަދި ލިބާސް ނަމަ ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށް؛ މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާންވާނެ
ގަމީސް އަދި ސޫޓު ޖެކެޓު ނަމަ ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ކުރުނުވާ ވަރަށް 
ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް
އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ވަރަށް؛ އަތްދިގު ހެދުމެއް ނަމަ، އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް 
ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެއް؛ އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ