ހއ. ދިއްދޫ ބިންހިއްކަން ޑްރެޖަރު އެރަށުގައި ބަނދަރުކޮށްފި

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަސައްކަތުގެ ބިންހިއްކަން ބޭނުންކުރާ ޑްރެޖަރު އެރަށުގައި ބަނދަރުކޮށްފި އެވެ.މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫޢުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.ބިންހިއްކުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ދިއްދޫ ކައުންސިލާއި އެމްއޭސީއެލް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ، މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ ރަށުގައި އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށް ޓަކައި ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފަ އެވެ. އެ މަނިކުފާން ވިދާޅުވީ ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ